ކޯޓު އަމުރު ތަންފީޒްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޝަރީޢަތަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ނުކުރެވިފައިވާ 07 މީހަކު ކޯޓަށް ހާޒިރުކޮށްދިނުން އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުތަކަކާ ގުޅިގެން އެމީހުން ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.
ފުލުހުން ބުނީ މި އަމުރުތަކަކާ ގުޅިގެން ހޯދަމުން ދަނީ ހދ.ނޮޅިވަރަން، އަކޭލާގެ ޢަލީ ޝަމީމް (30އ) އާއި ސ.ހިތަދޫ، ހަވާސާ މުޙައްމަދު މަމްދޫދު (29އ) އާއި ޅ.ނައިފަރު، ރަތްކެކުރިގެ މުޙައްމަދު ޝިހާމް (27އ) އާއި ކ.މާލެ، ދަފްތަރު ނަންބަރު ރސ 8828 އިބްރާހީމް ޝަފީޢު (45އ) އާއި ބ.ދަރަވަންދޫ، ޝާހީ ޔޫސުފް ނައުފަލް (31އ) އާއި ޅ.ނައިފަރު، ޝަމްޝާދުގެ އަޙްމަދު ޢަބްދުލްޣަފޫރު (33އ) ގެ އިތުރުން ކ.ގުރައިދޫ، މަދޮށިމާގެ އާދަމް ޢަބްދުއްސައްތާރު (35އ) ކަމަށެވެ.
ޢަލީ ޝަމީމް ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ވައްކަން ކުރުމުގެ ކުށުގެ މައްސަލައަކާއި، ގުޅިގެން ކޯޓަށް ޙާޟިރު ކުރަން ބޭނުންވެ، ކޯޓަށް ޙާޟިރު ކުރެވިފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ކަމަށާއި މުޙައްމަދު މަމްދޫދު ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ޙާޟިރު ކުރަން ބޭނުންވެ، ކޯޓަށް ޙާޟިރު ކުރެވިފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
އަދި މުޙައްމަދު ޝިހާމް ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ، ކޯޓަށް ޙާޟިރު ކުރެވިފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ކަމަށާއި އިބްރާހީމް ޝަފީޢު ހޯދަމުން ދަނީ އޭނާ ބަންދު ކުރުމަށްފަހު އައްޑު އޮތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް އަންގާދިނުމަށް އެދި އެ ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ކަމަށްވެސް ފުލުހުން ބުނެ އެވެ.