ޙައްޖުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަންތަކުގެ ތެރެއިން 11 ޛުލްޙިއްޖާގައި އޮންނަ ތިން ޖަމްރާ އަށް ހިލައުކުން ކުރިއަށްދާއިރު ހާޖީންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވާ ހައްޖު ފުލުހުން މިއަހަރު ކަރަންޓް ސްކޫޓަރު ބޭނުންކުރަން ނިންމައިފި އެވެ.
ސައުދީ ސިވިލް ޑިފެންސުން ހާމަކޮށްފައިވާގޮތުގައި ޖަމްރާގައި ހައްޖު ސިފައިން ބޭނުންކުރަން ތައްޔާރުކޮށްފައިވާ ސްކޫޓަރުތަކަކީ އެ ސަރަހައްދުގައި ބޭނުން ކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ސްކޫޓަރު ތަކެކެވެ.
”ހައްޖު ފުލުހުން ބޭނުންކުރާ ސްކޫޓަރުތަކުގައި ޖަމްރާގެ ކޮންމެ ލެވެލް އަކަށްވެސް ފަސޭހަކަމާއެކު އެރޭނެ، ހާޖީންނަށް ހައްޖު ސިފައިންނާހެދި އެއްވެސް ދައްޗެއް ނުވާނެ، އަދި ކަމެއް ހިނގައިފި ނަމަ، މީހަކަށް ގެއްލުމެއް ވެއްޖެނަމަ އެ ސަރަހައްދަކަށް ހައްޖު ސިފައިން ދިއުމުގެ ސްޕީޑް އަވަސްވެގެންދާނެ“ ސައުދީ ސިވިލް ޑިފެންސުން ހާމަކޮށްފައި ވެ އެވެ.
މި ސްކޫޓަރު ބޭނުންކުރުމުގެ ބޭނުމަކީ ސައިކަލާއި ހަތަރު ފުރޮޅުލީ ވެހިކަލް ބޭނުން ކުރުމުގެ ބަދަލުގައި ވީހާވެސް ސައިޒުން ކުޑަ އެއްޗެއް ބޭނުންކުރުން ކަމަށާއި އެހެންކަމުން ގިނަ ބަޔަކު އެއްވެފައި ތިބޭ ތަނެއްގައިވެސް ސްކޫޓަރުގައި އަވަހަށް އަދި ފަސޭހަކަމާއެ ދަތުރުކުރެވޭނެ ކަމަށްވެސް ސައުދީ ސިވިލް ޑިފެންސުން ހާމަކުރެ އެވެ.
ހައްޖުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެއްލައްކަ ހައްޖު ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ސައުދީން ހާމަކޮށްފައިވާއިރު ޖަމްރާގައި 17،600 ހައްޖު ސިފައިން ހަރަކާތްތެރި ވާނެ ކަމަށް ސައުދީ ސިވިލ ޑިފެންސުން ވަނީ ބުނެފަ އެވެ.