މައްކާގެ ހަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި ޒަހަމްވެފައިވާ މީހުންނާއި ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ މީހުންގެ ތެރެއިން ބަލި އެނދުގައިތިބި 56 ހާޖީން ހާއްސަ ވެހިކަލްތަކެއްގައި އަރަފާތު ބިމަށް ގެންގޮސްފި އެވެ.
ސައުދީ ގެޒެޓްގައި ހާމަކޮށްފައވާ ގޮތުގައި ޒަހަމްވި ހާޖީން ބަލި އެނދުގައި ތިބެ ހައްޖުގެ އަޅުކަން އަދާކުރެވޭނޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެކަމަށް ހާއްޖަކޮށްފައިވާ ހާއްސަ ވެހިކަލްތަކެއްގައި އެ ހާޖީން އަރަފާތު ބިމަށް ގެންގޮސްފައިވަނީ އިއްޔެ އެވެ.
މައްކާގެ ހެލްތު އެފެއާޒްގެ ޑިރެކްޓަރު ޑރ. މުސްތަފާ ބަލްޖޫން ހާމަކޮށްފައިވާގޮތުގައި ހާއްސަ ވެހިކަލްގައި އަރަފާތު ބިމަށް ގެންދެވުނު ހާޖީންގެ ތެރޭގައި ކިންގް އަބްދުލްއަޒީޒް ހޮސްޕިޓަލުން 15 ހާޖީން، ކިންގް ފައިސަލް ހޮސްޕިޓަލުން 31 ހާޖީން އަދި އަލް ނޫރު ސްޕެޝަލިސްޓް ހޮސްޕިޓަލުން 10 ހާޖީން ހިމެނެ އެވެ.
ކެރޭނު ވެއްޓުނު ހާދިސާގައި ޒަހަމްވި އެންމެންނަށް ހައްޖު ލިބޭނެގޮތް ކަށަވަރު ކުރުމަށް ބަލި އެނދުގައި ތިބެ ހައްޖުގެ އަޅުކަން އަދާކުރެވޭނެ ހާއްސަ އިންތިޒާމެއް ހަމަޖެއްސުމަށް އަމުރު ކުރެއްވީ ސައުދީ ރަސްގެފާނު ފައިސަލް އެވެ. ކެރޭނު ވެއްޓުނު ދުވަހާ ޖެހިގެން އައި ދުވަހު ރަސްގެފާނު އަމުރު ކުރައްވާފައިވަނީ އެކަމަށް ހާއްސަ ވެހިކަލްތަކެއް ތައްޔާރު ކުރުމަށްފަހު ވީ އެންމެ އަވަހަކަށް އެ އިންތިޒާމް ހަމަޖެއްސުމަށެވެ.
ހަރަމްފުޅުގެ ތެރެއަށް ކެރޭނު ވެއްޓުމުގެ ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިމަހުގެ 11 ވީ ހުކުރު ދުވަހުގަ އެވެ. އެ ހާދިސާގައި 111 ހާޖީއަކު ޝަހީދުވި އެވެ. 300 އަށްވުރެ ގިނަ ހާޖީން ޒަހަމްވި އެވެ.