ތުރުކީއާ ގާތް ކުރަން މަސައްކަތްކުރި ރެފިއުޖީންގެ ޑިންގީއެއް ތުރުކީގެ ފެރީއެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 13 މީހަކު މަރުވެއްޖެ އެވެ.
މީޑީއާ ރިޕޯޓްތައް ބުނާގޮތުން އިއްޔެ ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަތަރު ކުޑަކުއްޖަކުވެސް ހިމެނެ އެވެ. އެ ޑިންގީގައި 46 ރެފިއުޖީން ތިބި އިރު އެ ހާދިސާގައި 13 ރެފިއުޖީއަކު ގެއްލިފައި ވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެ ހާދިސާގައި ކަނޑުވި ރެފިއުޖީން ސަލާމަތް ކޮށްފައިވަނީ އެކްސިޑެންޓް ހިނގި ފެރީންނެވެ. އެއީ ރެފިއުޖީންތަކެއް ކަން ހާމަކޮށްފައިވީނަމަވެސް ރެފިއުޖީން ނިސްބަތްވަނީ ކޮން ގައުމަކަށްކަން ތުރުކީން އަދި ހާމަކޮށްފައެއް ނުވެ އެވެ.
މެދުއިރުމަތީގެ ގައުމުތަކުން ގިނަ އަދަދެއްގެ ރެފިއުޖީން ހުޅަނގުގެ ގައުމުތަކަށާއި ޔޫރަޕްގެ މުއްސަނދި ގައުމުތަކަށް ހިޖުރަކުރަމުން އަންނައިރު ތުރުކީއަކީ ގިނަ އަދަދެއްގެ ރެފިއުޖީން ހިޖުރަ ކުރަމުން އަންނަ ގައުމެކެވެ.