އީވާން ނަސީމްގެ މަރުގެ ބައިވެރިން އެ ސަގާފަތް ދިރުވަމުންދާކަމުގެ ބިރު މިވަނީ ކުރިމަތިވެފައި: އެމްޑީޕީ

ޚުދުމުހްތާރުކަމާއި އަނިޔާވެރިކަން ހައްދުފަހަނާޅައި ގޮސް އެތައް ބަޔަކު މަރައި، ލާއިންސާނީ އަނިޔާކުރުމުގެ ބައިވެރިން އަދި ވެސް ޝަރީޢަތެއްގެ ކުރިމައްޗަށް ގެނެވިފައި ނުވާއިރު، އެފަރާތްތަކުން އަނެއްކާ އަލުން އެ ސަޤާފަތް ދިރުވަމުންދާކަމުގެ ބިރުވެރިކަން ރައްޔިތުންނަށް ކުރިމަތިވެފައިވާކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ ޖަލުގައި މަރާލާފައިވާ އީވާން ނަސީމްގެ މަރުގެ ހާދިސާއަށް މިއަދު 12 އަހަރު ފުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައވަނީ ސެޕްޓެމްބަރ 19 ވަނަ ދުވަހަކީ މ.އޭޝިއާ އުމުރުން 19 އަހަރުގެ ޒުވާން އީވާން ނަސީމު މާފުށީ ޖަލުގައި ހައްޔަރުކޮށް ބަހައްޓައިގެން ސިފައިން އެނާގެ ގައިގާ ތަޅައި ލާއިންސާނީ އެތަކެއް އަނިޔާއެއް ކުރުމަށްފަހު އޭނާ މަރާލައި، އަދި އާއިލާއަށް ސިއްރުން އޭނާގެ ހަށިގަނޑު ވަޅުލަން އުޅުނު ބޮޑުވެގެންވާ ޖަރީމާއަށް 12 އަހަރު ފުރޭ ހިތާމަވެރި ދުވަސް ކަމަށެވެ. އަދި އެޖަރީމާއާ އިދިކޮޅަށް ޖަލުގައި އިޙްތިޖާޖުކުރި އެތަކެއް އެހެން ގައިދީން ތަކެއްގެ ގަޔަށް ބަޑިޖަހައި އެމީހުން މެރުމާއެކު އެނޫން ގައިދީންތަކެއް ޒަޙަމްކުރި އަނިޔާވެރި ޙާދިސާއާ ގުޅިފައިވާ ދުވަސް ވެސް ކަމަށެވެ.

”އީވާން ނަސީމް މަރާލާފައިވަނީ ރަޙުމްކުޑަ އަނިޔާވެރި މަރަކުންކަން ސާބިތުކޮށްދެއްވުމަށް މަސައްކަތްކުރައްވައި، އީވާން ނަސީމުގެ މަރުގެ ސެޓްފިކެޓްގައި ސޮއިކުރުމުގެ ކުރިން އެ މަރުޙޫމްގެ މަރު ތަޙްޤީޤުކޮށް މަރުވި ސަބަބު ބެލުމަށް ޑޮކްޓަރުންނަށް ގޮވާލެއްވި ބޭފުޅަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް މުޙަންމަދު ނަޝީދުކަން ފާހަގަކުރަން، އީވާން ނަސީމުގެ އިހާނާތްތެރި މަރާ ގުޅިގެން، ރާއްޖޭގެ ޖަލުތަކުގައި އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، ބޮޑެތި އަނިޔާތައް ދެމުންދިޔަކަމާއި، އެ އަނިޔާތަކުގެ ޝިކާރަކަށްވެ އެތައް ބަޔަކު މަރުވެފައިވާކަމަށް އޭރު ތުންތުންމަތިން ދެކެވެމުން ދިއަ ވާހަކަތަކުގެ ޙަގީގަތް ދިވެހިރައްޔިތުންނަށާއި ދުނިޔެއަށް ހާމަވެގެން ދިޔަ، އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ދިޔަ“ އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ސިފައިން އީވާން ނަސީމު މަރައިލުމާއި، އެއަށްފަހު ޖަލުގައި ބަޑިޖަހައި އެހެން ގައިދީން މަރައި އަދި ޒަޙަމްކުރި މައްސަލައިގެ ތަޙްޤީޤް ރިޕޯޓުން އެކިބައިތައް އުނިކޮށް، އެ ތަޙްޤީޤުގެ ޙަޤީޤަތް މިއަދާހަމައަށް ވެސް ރައްޔިތުންނަށް ހާމަކޮށްފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށެވެ. އަދި ޖަލުގައި ބަޑިޖަހާފައިވަނީ ސިފައިންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އޯޑަރ ކުރަން ތިބި ފަރާތްތަކުގެ އޯޑަރަށް ކަމަށްވާނަމަ، އެ ގޮތުން އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވާތީއާއި، ބަޑިޖަހާފައިވަނީ އޯޑަރުގެ މަތިން ނޫންކަމަށްވާނަމަ ސިފައިންގެ ޤާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަޙްޤީޤެއް ހިންގައި އެކަމަށް ޝަރީއަތްކޮށްފައި ނުވާތީ، އެކަމުގެ ޙަޤީޤަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހިފައިވާކަން ފާހަގަކުރާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެފަދަ ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ގެނެސް އަދަބު ލިބެންޖެހޭނޭކަމަށް އެމްޑީޕީން ގަބޫލު ކުރާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *