ކޮވިޑް ކޭސްތައް އިތުރުވެ، މެލޭޝިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފި އެވެ.
އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނީ ކޭސްތައް މިހާރުއިތުރުވަމުންދާ މިންވަރަށް ބަލާ އިރު، ސިއްހީ ނިޒާމަށް ނުކަތާނެ ކަމަށެވެ. އެހެންވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.
“މިބަލި މިހާރު ފެތުރެމުންދަނީ ވަރަށް ބާރަށް. މިވަރުން ދާ ނަމަ، ކޮންޓްރޯލެއް ނުވާނެ.” މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މެލެޝިއާގެ ހެލްތު މިނިސްޓްރީން ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދިގު ދެމިގެންދާނެ ކަމަށެވެ. އެކަމަކު ބަލި ކޮންޓްރޯލު ކުރެވި، ހާލަތު ރަނގަޅުވެއްޖެ ނަމަ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނެ ކަމަށް ވަނީ ބުނެފަ އެވެ.
މެލޭޝިއާގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތާއެކު ގާނޫނު ހަދާ މަޖިލީހާއި ސިޔާސީ ހަރަކާތްތައް ހިންގުން ވެސް މަނާވާނެ އެވެ.
މީގެ އިތުރުން މެލޭޝިއާގެ ރަސްގެފާން ޢަބްދުﷲ ސުލްތާން އަހުމަދު ޝާހުގެ ގަނޑުވަރުކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ގައުމުގައި ކޮވިޑުގެ ވަބާ އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ހާލަތެއްގައި ކަމަށެވެ.