މީގެ ތިރީހަކަށް އަހަރު ކުރިން ދިވެހި އަންހެންވެރިންގެ ތެރެއިން ބަޔަކު “ބުރުގާ” ގެ ވައްތަރެއް އެޅިޔަސް އޭރު އެކަމެއް ކުރި ގިނަ މީހުން އެކަން ކުރީ އެއްގޮތަކަށް ވެސް ދީނީގޮތުން އެކަމަކަށް ދެވިފައިއޮތް އަހައްމިއްޔަތުކަމެއް އެނގިގެނެއް ނޫނެވެ. ބުރުގާ ނާޅާ ނުވަތަ ޢައުރަ ނިވައުނުކުރާ އަންހެނާ އަށް އާޚިރަތުގައި ލިބެން އޮތް އަޒާބެއްގެ ވާހަކަ ވެސް އޭރަކު އާންމެއް ނޫނެވެ.
އޭރު ބުރުގާ އެޅި މަދު ބަޔަކު ބުރުގާ އަޅައި އުޅުނީ މުސްކުޅި އުމުރަށް ދިޔައީމަ އެވެ. ފަހަރެއްގައި ބޮލުގައި ޖެހި ނުރަ އާއި ހުތުރުވި ސިފަ ފޮރުވުމަށެވެ.
އެހެން ނަމަވެސް ފާއިތުވި 20 ވަރަކަށް އަހަރު ތެރޭގައި ބުރުގާގެ ފޯރިއެއް ދިވެހިންގެ މެދުގައި ހިފައި، ޖިލްބާބަކަށް ފަހު ޖިލްބާބެއް ހުޅުވި، ވައްތަރަކަށް ފަހު ވައްތަރަކަށް ބުރުގާ އެޅުމާއި ބުރުގާ އަޅައި ދިނުން ވެސް މިއަދު މި އޮތީ އާންމުވެފަ އެވެ. ބަޔަކު މީހުން ދިރާސާއެއްކޮށްފި ނަމަ ޔަގީނަށް ވެސް މަސްތުވާތަކެއްޗަށް ފަހު އެންމެ ބޮޑު ވިޔަފާރި މާކެޓެއް މި ރާއްޖޭގައި މިހާރު އޮތީ ބުރުގާއަށްކަން އެނގިގެންދާނެ އެވެ.
މިސާލަކަށް މަޝްހޫރު “ޖިލްބާބް” ފިހާރަތަކުން ވެސް ބުރުގާއާ ގުޅޭ ނުވަތަ އެ އެއްޗެހިތަކަކާ ނުލައި ބުރުގާ ފުރިހަމަނުކުރެވޭ އެތައް ސަތޭކަ އިތުރު ސާމާނުތަކެއް އެބަ ވިއްކަ އެވެ. އަނެއްކޮޅުން ހަފުލާތަކަށް ދާ މީހާ އަށް އަގުބޮޑުކޮށް ބުރުގާ އަޅައިދޭން މީހުން ތިބިއިރު ކައިވެންޏަކަށް ތައްޔާރުވާ އަންހެން ކުއްޖާ އަށް މި ޖެހެނީ އެތައް ހާސް ރުފިޔާއެއް ހޭދަކޮށްގެން ބުރުގާއެއް ޖަރީކުރާށެވެ. މި ކަންކަމަށް ހާއްސަ ތަޖުރިބާކާރުންގެ އެކި ކަހަލަ ގްރޫޕްތައް ފޭސްބުކް ފަދަ ސޯޝަލް މީޑިއަންތަކުގައި ވަރަށް އާންމު ވެސްމެ އެވެ.
ކުރުކޮށް ބުނާ ނަމަ ބުރުގާ އަކީ ދިވެހި އަންހެނުންގެ ބަދަލުވަމުން އައި ފެޝަން ނުވަތަ ހެދުން އެޅުމުގެ ވައްޓަފާޅި އަށް އެންމެ ބޮޑު އިންގިލާބެއް ގެނައި “ފޮތިކޮޅެވެ”. ބުރުގާ އެޅުން މިއަދު މި ވަނީ ބޮޑު ފެޝަނަކަށް ބަދަލުވެ އަދި އެހައިމެ ބޮޑު ވިޔަފާރިއަކަށް ވެސް ބަދަލުވެފަ އެވެ.
މުޖުތަމައުގެ ހާލަތު މިވަރަށް ބަދަލުވެފައި އޮތުމުން ކުރިން ބުރުގާ އަޅަން ބޭނުންނުވި އަންހެން ކުދިން ވެސް ފަހުން ބުރުގާ އަޅައިގެން އުޅޭ މަންޒަރު ފެނެ އެވެ. ބުރުގާއާ ނުލައި ދިވެހިންގެ އެންމެ ފަހުގެ ފެޝަން ޓްރެންޑްތަކަށް ފޮލޯނުކުރެވޭނެތީ އެވެ.
މީގެ 15 ވަރަކަށް އަހަރު ކުރިން މުޅި ރާއްޖޭގައި ބުރުގާ އެޅުން އާންމުވި އެންމެ ބޮޑު ސަބަބަކީ ދިވެހިންގެ ހިތްތަކަށް ގިޔާމަތުގެ ބިރުވެރިކަން ވައްދައިދިން ސިލްސިލާ ދީނީ ދަރުސްތަކެވެ. މި ދަރުސްތަކެއް މުޅި ރާއްޖޭގައި އާންމުވެގެންދިޔަ އިރު އޭރު އެރި ސުނާމީއެއްގެ ބިރުވެރިކަމަކުން ވެސް ވަރަށް ގިނަ ދިވެހިން ތިބީ އަރައިނުގަނެވިފަ އެވެ.
އެހެންކަމުން ވަރަށް ގިނަ ބަޔަކު އިސްލާހުގެ މަގު ހިޔާރުކޮށް ހެޔޮނިޔަތުގައި ދިރިއުޅުން ބާއްޖަވެރިކުރުމަށް ހިފި އެވެ. އެގޮތުން ދީނީ ގޮތުން އަހުލާގީ ބޮޑެތި ބަދަލުތަކެއް މީހުންގެ ދިރިއުޅުމަށް ގެނައެވެ.
ނަމަވެސް ޒަމާނުގެ އޮއިވަރުގައި ޖެހި ހިތާއި ހިޔާލު ކިލަނބުވެ، އަޅައިގެން ތިބި ބުރުގާ ވެސް ކިލާވެގެން ދިޔައީ އެވެ. އެހެން ނަމަވެސް ދީނުގައި ބުރުގާ އަށް އޮތް މަގާމާއި އަންހެނާގެ އައުރަ ނިވައުކުރުމަށް ކުރަން ޖެހޭ ކަންކަމަށް ބަދަލެއް އައިސްފައެއް ނެތެވެ.
ބުރުގާއެޅުމުގައި، ނުވަތަ އަންހެނާގެ އައުރަ ނިވާކުރުމުގައި ޝަރުތުތަކެއް ކަނޑައަޅުއްވާފައި އެބަހުއްޓެވެ. މިގޮތުން، އަޅާހެދުމަކީ ހަށިގަނޑުގެ ގުނަވަންތައް ފާޅުނުވާ ވަރުގެ ބޯ ހެދުމަކަށް ވާންޖެހޭނެއެވެ. ވަނާތައް ނޭނގޭވަރުގެ ދޫ ހެދުންތަކަކަށް ވާން ޖެހެ އެވެ.
ހަށިގަނޑުގެ ގުނަވަންތަށް ފެންނަ ގޮތަށް ހުންނަ ހެދުން އެޅުމުން އަންހެނާގެ އައުރަ ނިވައެއް ނުކުރެވެ އެވެ. އެހެން ނަމަވެސް ބުރުގާގެ ފެޝަންތަކާ އެކު ގިނަ ފަހަރަށް އަންހެން މީހާގެ ނިވައުވެފައި އޮންނަނީ ހަމައެކަނި ބޮލުގެ އިސްތަށިގަނޑެވެ.
އައުރަ ނިވައު ކުރުމަށް ކީރިތި ގުރުއާނާއި، މާތް ނަބިއްޔާ ސައްލަﷲ އަލައިހިވަސައްލަމްގެ ހަދީސްފުޅުތަކުން މުސްލިމު އަންހެނުންނަށް ވަނީ އަމުރުކުރެވިފަ އެވެ. އަދި އައުރަ ނިވާނުކުރާ އަންހެނުންނަށް ހުރި ގަދަފަދަ އަޒާބުގެ ވާހަކަ ވެސް ބަޔާންވެގެން ވެއެވެ.
މިކަން ބަޔާން ކުރައްވާ އަހުޒާބު ސޫރަތުގެ 59 ވަނަ އާޔަތުގައި ވަނީ
“އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނަށާއި، މުއުމިނު އަންހެނުން އެކަނބަލުންގެ ފޭރާނަތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ”.
ޢައުރަ ނިވައުނުކޮށް ނުވަތަ ހެދުން އަޅައިގެންނޭ ކިޔާފައި “އޮރިޔާމުން” ތިބޭ އަންހެނުންގެ ވާހަކަ ހަދީސްފުޅުތަކުގައި އައިސްފައިވެ އެވެ. އެކަނބަލުންނަށް ސުވަރުގެ ނުވަދެވޭނެކަމާއި، ސުވަރުގޭގެ ވަސްވެސް ނުލިބޭނެ ވާހަކަ ބަޔާންވެގެން އައިސްފައިވެ އެވެ.
އެހެން ކަމުން އަންހެނާ އަޅާ ހެދުން ވާން ޖެހޭނީ މޫނާއި ދެ އަތްތިލަ ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަނެއް، ތަނެއް ފޮރުވޭ ފަދަ ހެދުމަކަށެވެ. މިއީ ދީނުގައި މިކަން އޮތް ގޮތް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިން ބުނެ އެވެ. ބައެއް އިލްމުވެރިން ވިދާޅުވާގޮތުގައި މޫނާއި ދެ އަތްތިލަވެސް ނިވާކުރަން ޖެހޭނެއެވެ. ޚާއްސަކޮށް ފިތުނަވެރި މުޖުތަމައުތަކުގައެވެ.
އެގޮތުް މިހާރު ރާއްޖޭގައި މިއޮތް ހާލަތަށް ބަލާއިރު، މިކަން ކުރަން މަޖުބޫރެވެ.