އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއިން އުދުއްސާލިތާ މާ ގިނައިރުތަކެއް ނުވަނީސް ޖަކާޓާ ބޭއަށް މިދިޔަ ހޮނިހިރު ދުވަހު ވެއްޓުނު ސްރީވިޖަޔާ އެއާގެ މަތިންދާ ބޯޓުގެ ކަޅުފޮށި ފެނިފައި ވާކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ސަރޗް އެންޑް ރެސްކިއު މިޝަން މިއަދު އަލުން ފަށާއިރު، ބޯޓުގެ މުހިންމު މައުލޫމާތުތަކެއް ރައްކާ ކޮށްފައިވާ ފްލައިޓް ރެކޯޑަރުތައް ސަލާމަތުން ނެގޭނެ ކަމުގެ ޔަގީންކަން، އިންޑޮނޭޝިއާގެ ކަނޑުގެ އަސްކަރިއްޔާގެ ޑައިވަރުންނަށް އެބައޮތް ކަމަށް މައުލޫމާތު ލިބެ އެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީގެ އިސްވެރިޔާ ވިދާޅުވީ، 2 ރެކޯޑަރުވެސް އޮތް ސަރަހައްދު ހޯދިފައި ވާ ކަމަށެވެ.
ބޮއިންގް 737-500 މަރުކާގެ މި ފްލައިޓް ވެއްޓުނު ސަރަހައްދުން، ބޯޓުގެ ބައިތަކާއި، އިންސާނުންގެ ހަށިގަނޑުގެ ބައިތައް ފެންނަމުން ދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މި ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ ފުރޮޅަކާއި ފިއުސެލާޖުގެ ބައެއް ހިމެނޭއިރު، އެއް އިންޖީނުގެ ބުރަފަތިގަނޑުވެސް ފެނިފައިވާ ކަމަށް ރިޕޯޓުތައް ދަނީ ބުނަމުން ނެވެ.
ފްލައިޓުން ދަތުރު ކުރި މީހަކު ދިރިހުއްޓާ ފެނިދާނެ ކަމުގެ އުއްމީދު މިހާރު ވަނީ ކަނޑާލާފަ އެވެ.
ޖަކާޓާ ފުލުހުންގެ ތަރުޖަމާނު ޔުސްރީ ޔޫނުސް ވިދާޅުވީ ސާޗް އެންޑް ރެސްކިއު އޭޖެންސީއިން 2 ‘ދަބަހެއް’ ފޯރުކޮށްދީފައި ވާ ކަމަށެވެ. އެއް ދަބަހުގައި ހުރީ ބޯޓުން ދަތުރު ކުރި މީހުންގެ މުދާ ކަމަށް ބެލެވޭ ތަކެތި ކަމަށާއި އަދި އަނެއް ދަބަހުގައި ހުރީ އިންސާނުންގެ ހަށިގަނޑުގެ ބައިތައް ކަމަށް ޔުސްރީ ވިދާޅުވި އެވެ.
ޖަކާޓާގެ ވައިގެ ބަނދަރުން ފްލައިޓް އެސްޖޭވައި 182 އުދުއްސާލީ ހޮނިހިރު ދުވަހު، އިންޑޮނޭޝިއާ ގަޑިން 14:36 ގަ އެވެ. އިންޑޮނޭޝިއާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ބޯޓާ އެންމެ ފަހުން ގުޅުނީ 14:40 ގަ އެވެ. ޕޮއިންޓިއަނަކްއަށް ކުރި މި ދަތުރުގެ އާންމު ދިގު މިނަކީ 90 މިނެޓެވެ.
މި ބޯޓަކީ ރަނގަޅު ހާލަތުގައި އޮތް ބޯޓެއް ކަމަށް ސްރީވިޖަޔާ އެއަރގެ ޗީފް އެގްޒެކެޓިވް ވަނީ ނޫސްވެރިންނަށް ވިދާޅުވެފަ އެވެ. އަދި ބޯޓު ފުރީ، ޝެޑިއުލަށްވުރެ 30 މިނެޓް ލަހުން ކަމަށާ، ފްލައިޓް ޑިލޭ ކުރަން ޖެހުނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ފްލައިޓް ވެއްޓުނީ ވެރިރަށް ޖަކާޓާގެ 20 ކިލޯމީޓަރު އުތުރުން ނެވެ. އެއީ 2018 ވަނަ އަހަރުވެސް މަތިންދާބޯޓެއް ވެއްޓުމުގެ ހިތާމަވެރި ހާދިސާއެއް ހިނގި ސަރަހައްދަކާ ކައިރި ހިސާބެކެވެ.
އެ ފަހަރު ލަޔަން އެއަރގެ ފްލައިޓެއް ވެއްޓި، 189 މީހުންގެ ފުރާނަ ވަނީ ގެއްލިފަ އެވެ.