ޔޫއެފާ ޗެމްޕިއަންސްލީގުގައި ރޭ ކުޅުނު މެޗުން ޗެލްސީ ފަސޭހަކަމާއެކު މޮޅުވެ، އަރސެނަލް ކުޅުނު މެޗުން އެޓީމު ބަލިވެއްޖެއެވެ.
ޗެލްސީ އަދި އަރސެނަލް އަންނަ ހަފްތާ ޕްރިމިއަރލީގުގައި ކުޅެން ޖެހިފައިވާއިރު، ޗެލްސީގެ ފަރާތުން މިހާތަނަށް މި ސީޒަންގައި ފެނިފައިވަނީ ދަށް ކުޅުމެކެވެ. އެގޮތުން ލީގުގައި ކުޅުނު 5 މެޗުން ޗެލްސީއަށް ލިބިފައިވަނީ 4 ޕޮއިންޓެވެ.
ޗެލްސީން ޗެމްޕިއަންސް ލީގު ފެއްޓުމުގެ ގޮތުން ކުޅެފައިވަނީ އިޒްރޭލްގެ މަކާބީ ތެލްއަވީވް އާއި ދެކޮޅަށެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 3 ވަނަ މިނެޓުގައި ޗެލްސީއަށް ލިބުނު ޕެނެލްޓީ ހަޒާޑް ބޭކާރުކޮށްލި ނަމަވެސް މާގިނައިރެއްނުވެ ވިލިއަންގެ ހިލޭ ޖެހުމަކާއެކު ޗެލްސީން ލީޑު ނެގިއެވެ. އަދި ޗެލްސީއަށް އަނެއް 3 ގޯލް ކާމިޔާބުކޮށްދިނީ ސެސްކް ފެބްރިގާޒްގެ އިތުރުން އޮސްކަރ އަދި ޑިއޭގޯ ކޮސްޓާއެވެ.
ޗެމްޕިއަންސްލީގު ކެމްޕެއިން ފެއްޓުމުގެ ގޮތުން ރަށުން ބޭރުގައި އަރސެނަލްއިން ޑައިނަމޯ ޒެގްރެބާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 24 ވަނަ މިނެޓިގައި ޖޯސިޕް ޕިވަރިޗްގެ ގޯލާއެކު ޑައިނަމޯއިން ލީޑު ނެގިއެވެ. މެޗަށް އަނބުރާ އައުމަށް ހުރަހަކަށްވީ ހާފް ނިމެންދަނިކޮށް އޮލިވިއަރ ޖިރޫޑަށް ދެއްކި ރަތްކާޑާއި ގުޅިގެނެވެ.
މެޗުގެ ދެވަނަ ހާފްގައި ޖޫނިއަރ ފެނާންޑޭޒްގެ ގޯލުން ޑައިނަމޯއިން ލީޑު ފުޅާކުރިއެވެ. މެޗު ނިމެންދަނިކޮށް އަރސެނަލްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ތިއޯ ވޮލްކޮޓެވެ.
އަރސެނަލް އަދި ޗެލްސީ ޕްރިމިއަރލީގުގައި ބައްދަލުކުރާ ލަންޑަން ޑާރބީ ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ރާއްޖޭ ގަޑިން ހަވީރު 4:45 ގައެވެ.