ދިރިއުޅުމުގައި ތަފާތު މީހުންނަށް ތަފާތު ކަންތައްތައް ދިމާވާއިރު ކަންކަމާ ނުތަނަވަސްވުމާއި އަދި ބޮޑެތި ކަންތައްތަކާ ދިމާވުމުން ހާސްވެ ކަންބޮޑުވުމަކީ މިއީ ވަރަށް ޢާންމު ކަމެކެވެ. އެއްބައި މީހުންނަކީ މިފަދަ ކަންތައްތަކާ ދިމާވުމުން ކެރިގެން ކުރިމަތިލައިގެން ކާމިޔާބު ހޯދާ މީހުންނެވެ. އަނެއްބައި މީހުންނަކީ ކުޑަ މިންވަރަށް ނަމަވެސް މީހުންގެ އެހީތެރިކަން މިފަދަ ކަންތައްތަކުގައި ބޭނުންވާ މީހުންނެވެ. އެގޮތުން ހާސްވެ ކަންބޮޑުވެ ނުތަނަވަސްވާ ދަނޑިވަޅުތަކުގައި ކަންތައްތައް ކުރާނެ ރަނގަޅު ގޮތްތަކަށް ބަލައިލަމާ ހިނގާށެވެ.
އާއިލާއާއެކު ވަޤުތު ހޭދަކުރާށެވެ.
ހާސްވެ ކަންބޮޑުވާ ވަޤުތުތަކުގައި ޢާއިލާއާއި ގާތް ރަޙުމަތްތެރިންގެ އެއްބާރުލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން އިތުބާރުކުރެވޭ ގާތް ބަޔަކާއެކު ވަގުތުހޭދަކޮށްލާ ކަންކަން ޙިއްޞާކުރުމުން ސިކުނޑިއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. ދިރާސާތަކުން ދައްކާގޮތުގައި އަންހެންވެރީންނަށް އެންމެ ބޮޑު ލުޔެއް ސިކުނޑިއަށް ލިބެނީ ގާތް ރަޙުމަތްތެރިންނާއި އަދި ކުޑަކުދިންގެ ކައިރީގައި ވަޤުތު ހޭދަކުރުމުންނެވެ.
ހީ ސަމާސާކޮށްލުން
ހިނިތުންވުމަކީ ޞަދަޤާތަކަށްވާއިރު ހީ ސަކަރާތްޖަހާލައި ހެދުމަކީ އެއީ ހަށިގަނޑަށްވެސް ވަރަށް ފައިދާހުރި ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ގިނައިން އުފާވެރިކަންތައްތައް ކުރާ މީހުން ކަންތައްތަކާ ހާސްވެ ކަންބޮޑުވާ މިންވަރު ވަރަށް މަދެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް މަޖާ ކަމެއް ކޮށްލުން މުހިންމެވެ. މަޖާ ވާހަކަފޮތެއް ކިޔާލުން ނުވަތަ މަޖާ ޓީވީ ޝޯއެއްވެސް ބަލާލެވިދާނެއެވެ.
ފުންކޮށް ނޭވަލާށެވެ.
ކަންކަމާ ހާސްވެ ކަންބޮޑުވާ ހާލަތުގައި ކުރަން އެންމެ ރަނގަޅު ކަމަކީ ފުންކޮށް ނޭވާލުން ކަމުގައި ދިރާސާތަކުން ދައްކައެވެ. ފުންކޮށް ނޭވާލުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ “ސްޓްރެސް ހޯމޯންސްތައް” ބޭރުކޮށްލާ މީހާ ހަމަޖެހުމަށް ފަސޭހަވެއެވެ. އެހެންކަމުން ނޭވާއަށް ފޯކަސްކޮށްގެން ވަރަށް ލަސްލަހުން ފުންކޮށް ނޭވާލާށެވެ. މިގޮތަށް ކަންތައް ކުރުމުން ހާޓްރޭޓް ދައްވެ ސިކުނޑި ހަމަޖެހެއެވެ.
ޗުވިންގް ގަމްއެއް ކާލާށެވެ.
ދިރާސާތަކުން ދައްކާގޮތުގައި ޗުވިންގަމް ކެއުމަކީ އެންމެ ފަސޭހައިން އަދި އެންމެ އަވަހަށް ސްޓްރެސް ދުރުކޮށްދޭ އެއް ކަންތަކެވެ. އެގޮތުން އާންމުގޮތެއްގައި ޗުވިންގަމްކާނަމަ ސިކުނޑިއަށް ލޭ ފޮނުވައިދިނުމަށް ފަސޭހަވެގެންދެއެވެ. ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި ގިނގިނައިން ޗުވިންގަމް ކާ ނަމަ އަވަހަށް ސްޓްރެސް ފިލުވާލައެވެ.