އިނގެރޭސި ޕްރިމިއަރލީގު: ޗެލްސީ އަދި ސިޓީވެސް މޮޅުވެއްޖެ

އިނގެރޭސި ޕްރިމިއަރލީގުގައި ރޭ ކުޅުނު މެޗުން ޗެލްސީ އަދި މެންޗަސްޓަރ ސިޓީންވެސް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ޗެލްސީއިން ވެސްޓް ބްރޮމްއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ލީގު ތާވަލުގެ 1 ވަނައިގައި  7 ޕޮއިންޓްގެ ލީޑު ދަމަހައްޓަމުން އަންނަ ޗެލްސީގެ ފުރަތަމަ ގޯލް މެޗުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ޑިއޭގޯ ކޮސްޓާއެވެ. ޗެލްސީއިން މެޗު ކޮންޓްރޯލްކޮށް ރީތި ފުޓުބޯޅައެއް ކުޅުމުގެ ނަތީޖާއަކަށްވީ މެޗުގެ 25 ވަނަ މިނެޓުގައި ލިބުނު ކޯނަރުގެ އެހީގައި އެޑިން ހަޒާޑް ޗެލްސީގެ ލީޑު ފުޅާކުރުމެވެ. ޗެލްސީ މިހާތަނަށް މި ސީޒަންގައި ކުޅުނު 12 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ހާފް ނިމުމުގެ ކުރިން ވެސްޓް ބްރޮމްގެ މިޑްފީލްޑަރ ޔަކޮބް، ޗެލްސީގެ ކޮސްޓާއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީވަނީ ސީދާ ރަތްކާޑެއް ދައްކާ ޔަކޮބް ދަނޑުން ފޮނުވާލާފައެވެ. ވެސްޓް ބްރޮމްއަށް ޗެލްސީގެ ގޯލަށް މެޗުގައި އަމާޒުކުރެވިފައިވަނީ އެއްމެހަމަލާއެކެވެ.

މެންޗަސްޓަރ ސިޓީއިން އެމިރޭޓްގައި ކުޅުނު މެޗުން ފަހަތުންއަރާ ސުވަންސީ ބަލިކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ސްވަންސީއަށް މެޗުގެ 9 ވަނަ މިނެޓުގައި ލީޑު ނަގާދީފައިވަނީ ވިލްފްރެޑް ބޮނީއެވެ. މިއީ ސުވަންސީގެ ފޯވަރޑް ކުޅުނު 6 މެޗުން ކާމިޔާބުކުރި 5 ވަނަ ގޯލައެވެ. ސިޓީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައިވަނީ ނަވާސްގެ ހުރަހަކުން ޔޮވެޓިޗެވެ. މެޗުގެ ފުރަތަމަ ހާފް 1-1 ނަތީޖާއަކުން ނިމުނުއިރު، މެޗުގައި ސިޓީއަށް ފުރަތަމަ ފަހަރަށް ލީޑު ނަގާދީފައިވަނީ އައިވޮރީ ކޯސްޓްގެ މިޑްފީލްޑަރ ޔާޔާ ޓޯރޭގެ ގޯލުންނެވެ. ސިޓީ އެންމެފަހުން ކުޅުނު 7 މެޗުން މޮޅުވެފައިވަނީ 2 މެޗުންނެވެ.

ޗެލްސީއިން އިނގެރޭސި ޕްރިމިއަރލީގުގެ ތާވަލުގެ އެއްވަނަ ދަމަހައްޓަމުން އަންނައިރު ސިޓީ އޮތީ 8 ޕޮއިންޓްގެ ފަރަގަކާއެކު 3 ވަނައިގައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *