ސައްހަނޫން އީމެއިލްތަކާއި ކޯލްތަކަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.
މިއަދު ނެރުނު ބަޔާނެއްގައި ބީއެމްއެލް އިން ބުނެފައިވަނީ އެ ބޭންކުގެ ނަމުގައި ކަސްޓަމަރުންނަށް އީމެއިލް އާއި ފޯނު ކޯލްތަކެއް ލިބެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން ކަސްޓަމަރުންނަށް ފޮނުވާ އީމެއިލެއްގެ ޒަރިއްޔާއިން ބީއެމްއެލްގެ އިންޓަނެޓް ބޭންކިން ލޮގިން ޕޭޖާ ވައްތަރު ސައްހަނޫން ވެބް ޕޭޖެއް މެދުވެރިކޮށް ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ޔޫސާނޭމް އާއި އީމެއިލް އަދި ޕާސްވޯޑްތައް ހިއްސާކުރަން އެދޭ ކަމަށެވެ. އަދި ބައެއް ފަހަރު ފޯނުކޯލަކުން އެ މައުލޫމާތުތައް ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެފަދަ އީމެއިލް އަދި ފޯނުކޯލުތަކަށް އިތުރަށް ސަމާލުވެ އެފަދަ އީމެއިލް އަދި ފޯނުކޯލްތަކަށް ޖަވާބުދާރީ ނުވުމަށް ބޭންކުގެ ބަޔާނުގައި އިލްތިމާސް ކޮށްފައި ވެ އެވެ. އަދި ބީއެމްއެލްގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕް ނޫން ވެބްޕޭޖެއް މެދުވެރިކޮށް އިންޓަނެޓް ބޭންކިންއަށް ލޮގިން ނުވުމަށްވެސް ބީއެމްއެލްގެ ބަޔާނުގައި އިލްތިމާސްކޮށްފައި ވެ އެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ޔޫސާނޭމް އަދި ޕާސްވޯޑް ފަދަ ސިއްރު މައުލޫމާތު ހިއްސާކުރުމަށް އެ ބޭންކުން ނޭދޭނެކަން ކަސްޓަމަރުންނަށް ޔަގީންކޮށް އަރުވާ ކަމަށެވެ.
އެފަދަ ސައްހަނޫން އީމެއިލްތަކާއި ފޯނު ކޯލްތަކާ ބެހޭގޮތުން ނުވަތަ ބޭންކުގެ އެހެން އެއްވެސް ހިދުމަތަކާބެހޭ މައުލޫމާތު ސާފުކުރަން ބޭނުންނަމަ އެ ބޭންކުގެ ކަސްޓަމާ ސާވިސް ނަންބަރު 3330200 އީމެއިލް [email protected] އަދި ފޭސްބުކް އާއި ޓުވިޓާ މެދުވެރިކޮށް 24 ގަޑިއިރު އެހީތެރިކަން ލިބޭނެކަމަށް އެ ބޭންކުން ބުނެ އެވެ.