އިހަވަންދޫ މަދަރުސާގެ، 2014 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރު، އެރަށު ނަލަހިޔާގެ އިބުރާހިމް ވަހީދަށް މިނިސްޓަރު އިނާމު ދެއްވަނީ - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އިހަވަންދޫ މަދަރުސާގެ، 2014 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރު، އެރަށު ނަލަހިޔާގެ އިބުރާހިމް ވަހީދަށް މިނިސްޓަރު އިނާމު ދެއްވަނީ - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަމާޒަކީ ކޮންމެ ދަރިވަރަކީ ކާމިޔާބު ދަރިވަރަކަށް ހެދުން، ކޮންމެ ޒުވާނަކީ ބިނާކޮށް ތަރައްގީކުރާ ބަޔަކަށް ހެދުން: މިނިސްޓަރު

އަމާޒަކީ ކޮންމެ ދަރިވަރަކީވެސް ކާމިޔާބު ދަރިވަރަކަށް ހެދުމާއި، ކޮންމެ ޒުވާނަކީ ގައުމު ބިނާކޮށް ތަރައްގީކުރާ ބަޔަކަށް ހެދުމުގެ އިތުރުން ކޮންމެ މުދައްރިސަކީ އިލްމުވެރި ޖީލެއް ބިނާކުރުމުގެ ގާބިލުކަމާއި އެ ފަންނު ލިބިގެން ހުރި މީހަކަށް ހެދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހއ އިހަވަންދޫ މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިހަވަންދޫ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހުރިހާ އަޅުގަނޑުމެންނަށް މުހިއްމު ކުދިން ކަމަށާއި ރައީސް ޔާމީން ކަނޑައަޅުއްވާފައިވާ ތަޢުލީމީ ސިޔާސަތުތަކުގެތެރޭގައި ހިމެނޭ، ”އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތު“ގެ ތެރެއިން ހުނަރުވެރި ފަންނުވެރި އެތަކެއް ދަރީން، ފާއިތުވެ ދިޔަ ދެ އަހަރުވެސް ޤައުމީ ޚިދުމަތުގައި ޤައުމީ ވާޖިބުތައް ކޮނޑުއަޅައިގެން މި ޤައުމުގެ އެކި ކަންކޮޅުތަކުގައި ރުކުރުވާލެވޭކަން ފާހަގަކުރައްވާ ކަމަށެވެ.

”ފަންނުވެރި، ހުނަރުވެރި ޢިލްމީ ޒުވާނުން، ޤައުމުގެ ހުރިހާ ދާއިރާއަކަށް ވެސް ނުހަނު ބޭނުންވެފައިވާ މި ދަނޑިވަޅުގައި، އިޤްތިޞާދީ، އިޖުތިމާއީ ދުޅަހެޔޮކަން ކުރިއަރުވާ ނެގެހެއްޓުމަށްޓަކައި، ”ތަހުޒީބު މުޖުތަމައަކަށް ތަރުބަވީ ތައުލީމެއް“ ފޯރުކޮށްދިނުމަށް މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ދަށުން ތަޢުލީމީ ތަފާތު އެތަކެއް ޕްރޮގުރާމުތަކެއް މިދަނީ ރާވާ ހިންގަމުން. މިގޮތުން، ތައުލީމީ ހިޔާތަކުން ހިޔާލިބިގެން، ތަރުބަވީ ބިނާތަކުގެ ޢިލްމީ ދޮރޯށިތަކުން މުޖުތަމައަށް ނުކުންނަށް އެއްވެސް ކުއްޖަކީ ބާކީވެފައިވާ ކުއްޖަކަށް ނުވާނެހެން، ކުދިންގެ ތަޢުލީމީ ޤާބިލުކަމާއި، ފަންނާއި ހުނަރަށް ބެލުމަށްފަހު، ކުދިންނަށް އެންމެ ބޭނުންތެރި ގޮތަށް ދަސްވާރު ޕްރޮގުރާމާއި، ބީޓެކު ކޯސްތައް ރާއްޖޭގެ އެކިއެކި ސުކޫލު މަދަރުސާތަކުގައި މި ދަނީ ރާވާ ހިންގަމުން. “ މިނިސްޓަރު ވިދާޅުވި އެވެ.

މިގޮތުން، މިހާރުވެސް މި މަދަރުސާގެ ގްރޭޑް 10ގައި ތައުލީމު ޙާސިލުކުރަމުންދާ 11 ކުއްޖެއް، ފަންނީ އެކިއެކި ޕްރޮގުރާމުގެ ތެރެއިން ދަސްވާރު ޕްރޮގުރާމު ފުރިހަމަ ކުރަމުންދާއިރު، ބީޓެކު ކޯސްތަކުގައި މި މަދަރުސާގެ 24 ދަރިވަރަކު ތަމުރީނު ވަމުންދާކަން މިނިސްޓަރުގެ ވާހަކައިގާ ފާހަގަ ކުރެއްވި އެވެ.

މީގެއިތުރުން، ޤައުމީ ކަންބޮޑުވުންތަކާ ޢިލްމީ މުފައްކިރުންގެ ހޯދުންތަކަށް ރިޢާޔަތްކުރުމަށްފަހު، އިސްލާމްދީނާއި ދިވެހިވަންތަކަށް މަސްދަރަކަށް ބަލައިގެން، އަލަށް އެކުލަވައިލެވިފައިވާ ޤައުމީ އައު މަންހަޖު އެންމެ ފުރިހަމަ ގޮތުގައި ތަރުތީބުން، ތަންފީޒު ކުރުމުގެ ބުރަބޮޑު މަސައްކަތްތައް މިގެންދަނީ ހުއްޓުމެއް ނެތި ކުރިއަށް ގެންދަމުން ދާ ކަމަށާއި މިގޮތުން، އަންނަ އަހަރު ތަންފީޒުކުރަން ފެށޭ ކީ ސްޓޭޖް 2ގެ ފޮތްތައް ލިޔުމާއި މުދައްރިސުން ތަމްރީނު ކުރުމުގެ ތަފާތު މަސައްކަތްތައް ބާރު ސްޕީޑުގައި މި ގެންދަނީ ހުއްޓުމެއްނެތި ކުރިއަށް. ޤައުމީ މަންހަޖު ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށާއި ޚިދުމަތުގައި ތިއްބެވި މުދައްރިސުންގެ ފެންވަރު މަތިކުރުމަށް ވެސް ތަފާތު އެތަކެއް ޕްރޮގުރާމުތަކެއް ކުރިއަށް އެބަގެންދެވޭ ކަމަށާއި އެހެންމެ، ތަޢުލީމާއި ފަންނީ ރޮނގުތަކުން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް މާލީ އެހީތައް ފޯރުކޮށްދިނުމަށް އެކިއެކި ލޯނު ސްކީމުތައް ތަޢާރަފު ކުރެވި އެކަންކަން ބާރު ސްޕީޑުގައި ކުރިއަށް އެބަ ގެންދެވޭ ކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ހަމައެއާއެކު ރޭ ބޭއްވި ރަސްމިއްޔާތުގައި ރަންވަނަތައް ޙާޞިލްކޮށް މި ސްޓޭޖްމަތިން އިނާމާއި ހަނދާނީ ލިޔުންތައް ޚާޞިލުކުރި އެންމެހާ ކުދިންނަށާއި އަރުތަވެރިންނަށާއި ޝަރަފުވެރި ވަނަތައް ޚާޞިލުކޮށް ސުކޫލަށް ރީތި ނަން ހޯދައިދިން އެންމެހާ ދަރިވަރުންނަށާއި އިހަވަންދޫ މަދަރުސާގެ، 2014 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރު، އެރަށު ނަލަހިޔާގެ އިބުރާހިމް ވަހީދަށް މިނިސްޓަރު މަރުހަބާ ދެންނެވި އެވެ.

އަދި މިފަދަ މަތިވެރި ވަނަތަކެއް އެ ދަރިވަރުންނަށް ހޯއްދަވައިދެއްވުމުގައި ހިންމަތާއެކު މަސައްކަތްކޮށްދެއްވި ހަންހާރަވެތި ބެލެނިވެރިންނަށް އިޚްލާޞްތެރި ޝުކުރާއި ތަހްނިޔާ ދަންނަވާ ކަމަށާއި އެ ދަރިވަރުން މިކާމިޔާބީ އާއި ހަމައަށް ވާސިލުކޮށްދެއްވުމަށް، މި މަދަރުސާގެ ކެރޭ، ހީވާގި، ޤާބިލު ޒުވާން އެދުރުންގެ ޓީމުން އެ ކުރެއްވި މިންނަތް މަސައްކަތްތައް ފާހަގަކޮށް އެންމެހާ އެދުރުންނަށާއި މި މަދަރުސާގެ ވެރިނަށް ޝުކުރު ދަންނަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

“ އަޅުގަނޑު ދަންނަވާނީ ތިޔަ ލޮބުވެތި ދަރިވަރުންނަކީ 2014 ވަނަ އަހަރު، ތަޢުލީމީ މި ބަގީޗާގައި ފަރިވެ ފޮޅެމުން ދިޔަ މާތަކުން، އެންމެ ނަލަ މާތަކޭ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ތިޔަ ކުދިންނަކީ، މައިންބަފައިންގެ ފުރިހަމަ ފިރުމުންތަކުން ހިތްވަރު ލިބިގެން، އެ ބޭފުޅުން ދެއްވި އަގުހުރި ނަސޭހަތުން އިރުޝާދު ލިބިގެން ކާމިޔާބު ޔަޤީންކުރި ދަރިވަރުން، އެހެންމެ ތިޔައީ މި މަދަރުސާގެ ވެރިންނާއި އެދުރުން ތަނަވަސް ކޮށްދެއްވި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައިގެން އެ ބޭފުޅުން ކޮށްޓަވައިދެއްވި ސީދާ މަގުން ހިނގައި، ޢަޒުމާ ހިތްވަރާއެކު މަސައްކަތްކޮށް، ﷲގެ ވާގިފުޅާއެކު ރަންވަނަތައް ހޯދި ޝަރަފުވެރިން. ތިޔައީ މި މަދަރުސާގެ އުއްމީދު. މި މަދަރުސާގެ ޝަރަފުވެރިން. ތިޔައީ މިރޭގެ ބަޠަލުން“ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ކުއްޖަކީވެސް ޢިލްމީ މައިދާނުން ލިބެމުންދާ ދަރުސްތަކުން ޢިލްމާއި ހުނަރު ލިބިގެން، ޢަމަލީ މައިދާން ފަހިކުރުމަށް މަސައްކަތްކުރާ ކުއްޖަކަށް ވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި ދަރިވަރުން، ޢިލްމީ ކާމިޔާބީތައް ދެމެހެއްޓުމުގައި ފައިތިލަ ސާބިތުކުރުން މަތީ ދެމި ތިބޭނެކަމުގައި ޔަޤީންކުރާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *