ޗައިނާ އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އާއެކު މިނިސްޓާ ޝާހިދު ބައްދަލުކުރެއްވީ އިއްޔެ މެންދުރު ފަހު އެވެ. މި ބައްދަލުވުމުގައި މިނިސްޓާ ޝާހިދުގެ އަރިހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމަށްފަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ މުހިއްމު އެކުވެރިއެއްކަމަށާއި، މިހާރު ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ޗައިނާއެކު ވަރަށް ގާތުން މަސައްކަތްކުރައްވާނެކަމަށެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާއި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއެކު މިނިސްޓާ ޝާހިދު ބައްދަލުކުރެއްވީވެސް އިއްޔެ މެންދުރު ފަހު އެވެ. މި ބައްދަލުކުރެއްވުމުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ކުދި އަދި ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، މަޝްރޫޢުތަކުގެ ހިނގުން އަވަސްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.