މޮނާކޯ އިން ފަހަތުން އަރައި ޗެމްޕިއަން ޕީއެސްޖީ ބަލިކޮށްފި

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗު ޗެމްޕިއަން ޕީއެސްޖީގެ މައްޗަށް މޮނާކޯއިން ކުރި ހޯދައިފިއެވެ.

މޮނާކޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗު މޮނާކޯއިން ކާމިޔާބު ކުރީ 2-3 ގެ ނަތީޖާއިންނެވެ.

ރޭ މޮނާކޯއާއި ދެކޮޅަށް ކުޅުނު މި މެޗުގެ ފުރަތަމަ އެގާރަގައި އިތުބާރު ފޯވާޑް ނޭމާ ހިމަނާފައެއް ނުވެއެވެ. ނޭމާ ހިމަނާފައި ނުވަނީ އޭނާ އަނިޔާގައި ކުޅުމާއި ދުރުގައި ހުރުމުގެެ ސަބަބުންނެވެ. ނޭމާ މި މެޗުގައި ކުޅެފައިވަނީ ފަހު ހާފުގައެވެ. ނަމަވެސް ކުރިން އަނިޔާގައި ހުރި ފޯވާޑް ކިލިއެން އެމްބާޕޭ ޓީމުގެ ފުރަތަމަ އެގާރައިގައި ވަނީ ހިމެނިފައެވެ.

ޕީއެސްޖީ އިން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ 25 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެމްބާޕޭ އެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު މެޗުގެ 37 ވަނަ މިނެޓްގައި ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ވެސް ގޯލުގެ ތެރެއަށް ވައްދާލީ އެމްބާޕޭއެވެ.

ދެ ލަނޑުގެ ލީޑަކާއި އެކު ޕީއެސްޖީން މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލި ނަމަވެސް ފަހު ހާފަށް ކުޅެން ނިކުމެ އެޓީމަށް މާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ވަނީ ނުވެފައެވެ. ފަހު ހާފުގައި މޮޅަށް ކުޅެފައިވަނީ މޮނާކޯއިންނެވެ. އެގޮތުން ފަހުހާފުގެ 52 ވަނަ މިނެޓޫގައި އެޓީމުން ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވާޑް ކެވިން ވޯލާންޑެވެ. އަދި މެޗުގެ65 ވަނަ މިނެޓުގައި ނަތީޖާ އެއްވަރު ކުރިއެވެ. މި ލަނޑުވެސް ކާމިޔާބު ކުރީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރި ފޯވާޑް ކެވިން ވޯލާންޑެވެ.

މޮނާކޯ އިން މެޗުގެ ނަތީޖާ އަނބުރާލި ލަނޑު މެޗު ނިމެން ގާތްގަނޑަކަށް ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުން އާސެނަލް އަދި ބާސެލޯނާގެ އިތުރުން ޗެލްސީއަށް ވެސް ކުރިން ކުޅެފައިވާ ސްޕެއިންގެ ސެސް ފެބްރިގާސް އެވެ. ރޭގެ މެޗުގެ ފަހު ހާފުގައި ކުޅެން ނުކުމެ ފެބްރިގާސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ރޭގެ މެޗުން ޕީއެސްޖީ ބަލިވި ނަމަވެސް އެ ޓީމު އަދިވެސް އޮތީ ޓޭބަލްގެ އެއްވަނައިގަ އެވެ. ޕީއެސްޖީ އިން މިހާތަނަށް ލީގުގައި 11 މެޗު ކުޅެފައިވާއިރު އެ ޓީމު އެއްވަނައިގައި އޮތީ 24 ޕޮއިންޓާއެކު އެވެ. ރޭ ޕީއެސްޖީގެ މައްޗަށް ކުރި ހޯދި މޮނާކޯ މިވަގުތު އޮތީ 20 ޕޮއިންޓާއެކު ޓޭބަލްގެ ދެވަނައިގަ އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.