ރާއްޖޭގެ ފުޓްސަލް ތަރިން ޕްރޮފެޝަނަލް ކުރުން މުހިއްމު

ފާއިތުވި 5 ވަރަކަށް އަހަރަށް ބަލާއިރު ރާއްޖޭގައި ފުޓްސަލް ބޮޑުތަނުން ވަނީ ފުޅާވެގެން ގޮސްފައިވެއެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި ވެސް ގަވާއިދުން ފުޓްސަލް މުބާރާތްތައް ބާއްވަމުން އަންނައިރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ވެސް މިހާރު ބާއްވަނީ ފުޓްސަލް މުބާރާތްތަކެއެވެ. ހަގީގަތަކީ މިހާރު ރާއްޖޭގައި ފުޓްބޯޅަ އަށް ވުރެ ފުޓްސަލް މާ ބޮޑަށް ވައިގަހިފާ ފޯރިގަވެފައިވާކަމެވެ.

ޒަމާނުއްސުރެ ރާއްޖޭގައި އޮތް ބޮޑު ފުޓްބޯޅައިގެ ފޯރި ދުވަހެއް ދުވަހަކަށް ފަނޑުވަމުން ގޮސް، (ފައިވް އަ ސައިޑް) ނުވަތަ ފުޓްސަލް ގެ ވިދުން މިވަނީ އިންތިހާއަށް ރާއްޖޭގައި ގަދަވެފައެވެ. އެގޮތުން މިއަދު އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ކުޅިވަރަކީ ވެސް ފުޓްސަލް އޭ ބުނުމަކީ މުޅިއެކުން ދޮގަކަށް ނުވާނެއެވެ.

އެހެން ކަމުން ދުވަހެއް ދުވަހަކަށް ހުނަރުވެރި ޒުވާން ތަރިން ރާއްޖޭގައި އުފެދެމުން އަންނަނީ ބާރު ދުވެއްޖެއްގައެވެ. އެގޮތުން ރާއްޖޭގައި ބާއްވާ ކޮންމެ ފުޓްސަލް މުބާރާތެއްގައި އެތަކެއް ހުނަރުން ފުރިގެންވާ ޒުވާން ކުޅުންތެރިންތަކެއް ފާހަގަވެގެން ދާކަމީ ފެންނަމުންދާ ބޮޑު ހަގީގަތެކެވެ.

ކަން މިހެން އޮތްއިރު، މި ފަހަކަށް އައިސް ރާއްޖޭގެ ނަމްބަރ ވަންކުޅިވަރަކީ ފުޓްސަލް ކަމަށް ބުނާ މީހުން ގިނައެވެ. ހަމަ ޔަގީނުންވެސް މިހާރު އަހަރެމްނެގ މި ދިވެހިރާއްޖޭގައި ފުޓްސަލް އަށް އޮތް ތާޢީދު ބޮޑެވެ. އެގޮތުން ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު އަދި އެންމެ ވާދަވެރި ދެ ކުޅުންތެރިން ކަމަށްވާ އާޖެންޓީނާގެ ލޮނެލް މެސީ އަދި ޕޯޗުގަލް ތަރި ކްރިސްޓިއާނީ ރޮނާލްޑޯއާއި ދެމެދު އޮންނަ ވާދަވެރިކަން ރާއްޖޭގެ ފުޓްސަލް ތަރިންގެ މެދުގައި އޮންނަކަމީ ގިނަ ބަޔަކު ޤަބޫލު ކުރާ ހަޤީޤަތެކެވެ.

ލ.ފޮނަދޫގައި ބޭއްވި ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020 ގެ ޑްރީމް ޓީމް

އެގޮތުން މިވަގުތު ރާއްްޖޭގެ ފުޓްސަލްގައި އެންމެ ފުންނާބު އުސް ތަރިންގެ ތެރޭގައި އަލީ ހާފިޒް (ހާއްޕެ) އާއި އަޙުމަދު އަޔާޒް (އަޔާ) އަދި އޮންލީ ޝަރީފްގެ އިތުރުން އަޙުމަދު އަސްވަދް (ގަބޭ( ފަދަ ކުޅުންތެރިން ފާހަގަ ކޮށްލެވެއެވެ. މި ދެންނެވީ ހުނި ޖަހާލާފައި ނެގޭ މޮޅެތި ކުޅުންތެރިންގެ ވާހަކަ އެވެ. އަދިވެސް މީގެ އިތުރުން ކުޅުމާއި ހުނަރުގެ ގޮތުން ކުރިއަރަމުން އަންނަ އެތަކެއް ޒުވާންތަރިންތަކެއް ވެސް ދަނީ ވުޖޫދު ވަމުންނެވެ.

ކަން މިހެން އޮތް އިރު، މި ކުޅުންތެރިންގެ މެދުގައި ވެސް ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮވެއެވެ. ޚާއްޞަކޮށް މި ކުޅުންތެރިންގެ ސަޕޯޓަރުންގެ މެދުގައެވެ. ކޮންމެ ކުޅުންތެރިއަކުވެސް ޤަބޫލުކުރާ ގޮތުގައި އެ ކުޅުންތެރިޔަކީ ރާއްޖޭގެ ފުޓްސަލް ކިންގް ނުވަތަ ފުޓްސަަލް ރަސްގެފާނެއެވެ. ތެދެކެވެ. ހައްތާވެސް އެފެންވަރެއްގެ ހުނަރުވެރި މޮޅެތި ކުޅުންތެރިންނެވެ.

ރާއްޖޭގެ ފުޓްސަލް މައިދާނުގައި މިވަގުތު ތިބި އެންމެ ވާދަވެރި ދެ ކުޅުންތެރިންނަކީ އަޙުމަދު އަޔާޒް (އަޔާ) އާއި އަލީ ހާފިޒް (ހާއްޕެ) އެވެ. ރޮނާލްޑޯ އަދި މެސީއާއި ބުނާހެން މި ދެކުޅުންތެރިންނަކީ ވެސް މިވަގުތު ރާއްޖޭގައި އެންމެ ނަންހިގާ މޮޅު ދެ ކުޅުންތެރިންނެވެ. އެންމެ ފޭނުންވެސް ގިނަ ދެކުޅުންތެރިންނެވެ.

ރާއްޖޭގައި ފުޓްސަލް ދަނޑުތަކުގައި ހުނަރުދައްކަމުން އަންނަ މި ދެކުޅުންތެރިންނަކީ ފުޓްސަލް ގައި ރާއްޖޭގައި ފަހަކަށް އައިސް އެންމެ ބޮޑެތި ކާމިޔާބީތައްވެސް ހޯދާފައިވާ އަދި ހޯދަމުން އަންނަ ދެ ކުޅުންތެރިންނެވެ. މި ކުޅުންތެރިން ރާއްޖޭގެ ފުޓްސަލް ދަނޑުތަކުގައި ދައްކަމުން އަންނަ ހުނަރު ބައިނަލްއަޤުވާމީ ފެންވަރުގެ ދަނޑުތަކުގައިވެސް ފެނިގެން ދިއުމަކީ މިއަދު އެ ކުޅުންތެރިން ބޭނުންވާނެ ކަމެއްކަމީ ޝައްކެއް ނެތް ކަމެކެވެ.

ކަން މިހެން އޮތްއިރު، ގައުމީ ފެންވަރުގައްޔާއި، ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކޮށްލުމުގެ ފަހި ފުރުސަތުތަކެއް ރާއްޖޭގެ ހުނަރުވެރި ފުޓްސަލް ކުޅުންތެރިންނަށް ހޯދަދޭން އެބަޖެހެއެވެ.

ފޮޓޯ: ގެމަނަފުށީ ފުޓްސަލް ކުލަބް

ކޮންމެ އަހަރަކުވެސް އެތައް ފުޓްސަލް މުބާރާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުގައި ބާއްވަމުން އަންނައިރު، ބޮޑެތި އަގުދީގެން މުބާރާތް ތަކަށް ކުޅުންތެރިން ގެނައުމަކީ މިހާރު ކަން ކުރަމުން އަންނަގޮތެވެ. ވާނީވެސް އެހެންތާއެވެ. ފުޓްސަލް ކުޅޭ ގިނަ ކުޅުންތެރިން އެކަން ކުރަނީ ވެސް އާމްދަނީ ހޯދަން ކުރާ މަސައްކަތެއްގެ ގޮތުގައެވެ. އެފަދަ ކުޅުންތެރިން ތިބެނީ ހަމަ އެކަނި ފުޓްސަލް އަށް ވަގުތު ހުސްކޮށްލައިގެންނެވެ. އިތުރު އާމްދަނީއެއް ލިބޭނެ އެހެން ގޮތެއް ނެތް ހާލުގައެވެ.

ކަން މިހެން އޮތްއިރު، އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ ކުޅުންތެރިންނަށް ރަސްމީ ހައިސިއްޔަތެއް ދީގެން ގައުމީ ފެންވަރުގައި ފުޓްސަލް ކުޅުމުގެ ފުރުސަތު ލިބެން އެބަޖެހެއެވެ. އެ ކުޅުންތެރިންނަށް ގައުމީ ފެންވަރުގައި ފުޓްސަލްގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ލިބެންއެބަޖެހެއެވެ.

ރާއްޖޭގެ މުސްތަގުބަލަށް ވިސްނައިގެން ރަނގަޅު ރޭވުންތަކަކާ އެކީ، ފުޓްސަލް ކޮޅަށް ޖަހަން މަސައްކަތް ކޮށްފި ނަމަ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ކުޅުންތެރިން އަށް ރަނގަޅު ކާމިޔާބީތަކެއް ލިބުމަކީ ދުރުކަމެއް ނޫނެވެ. ފުޓްސަލްގެ މައިދާނުގައި މޮޅެތި އެތައް ކުޅުންތެރިންތަކެއް ރާއްޖޭގައި އެބަތިއްބެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ކުޅެވޭނެ ހުނަރުވެރި ކުޅުންތެރިން އެބަތިއްބެވެ.

މިއީ ރާއްޖޭގައި ބާއްވާ ފުޓްސަލް މުބާރާތްތައް ބަލާ މީހަކަށް ފެންނަން ހުންނާނެ ހަޤީތަކެވެ. ކަންމިހެން އޮތްއިރު، ފުޓްސަލް ކުޅުންތެރިންނަށް ރަސްމީ ސިފައެއްގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ތަނަވަސް ކޮށްދީ، ރަނގަޅު ފެންވަރުގެ ތަމްރީނުތަކެއް ދެވިއްޖެނަމަ، ބައިނަލްއަގުވާމީ ފެންވަރުގައި ފުޓްސަލް އިން ރާއްޖެއަށް ކާމިޔާބު ލިބުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published.