ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކުރަން ހަމަޖެހިފައިވާ “އޯޕަން އެކްސެސް ނެޓްވޯކް”ގެ ޚިދުމަތް ބޭނުންކުރުމަށް އެޗްޑީސީއާއެކު ޕީއެސްއެމް އެއްބަސްވުމަކަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ “އޯޕަން އެކްސެސް ނެޓްވޯކް”ގެ ޚިދުމަތް ބޭނުން ކުރުމާގުޅޭ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި އެ ކޯޕަރޭޝަނާ ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު، އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި މިއަދު ބާއްވައިފިއެވެ.

މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ޙާލިދެވެ. އަދި އެޗްޑީސިގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދުއެވެ. މި އެއްބަސްވުމުގެ ދަށުން އެޗްޑީސީގެ “އޯޕަން އެކްސެސް ނެޓްވޯކް” މެދުވެރިކޮށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ޕީއެސްއެމްގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވިގެންދާނެ ކަމަށާއި އެގޮތުން، މި އެއްބަސްވުމުގެ ދަށުން ޚާއްޞަ އިސްކަމެއްދީގެން ޕީއެސްއެމްގެ ޚިދުމަތްތައް “ހިޔާ” މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 7000 ފުލެޓަށް ފޯރުކޮށްދިނުމަށް އަމާޒުކުރެވިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

“އޯޕަން އެކްސެސް ނެޓްވޯކް”އަކީ، ހުޅުމާލޭގެ “ސްމާޓް ސިޓީ” މަޝްރޫޢުގެ ބިންގާކަމުގައި އެޗްޑީސީން ފާހަގަކުރެއެވެ. މިގޮތުން، “އޯޕަން އެކްސެސް ނެޓްވޯކް” ގެ ބިޒްނަސް މޮޑެލްގައި މުޅި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރިހާ ޢިމާރާތްތައް މުވާޞަލާތީ ވިއުގައަކުން ގުޅައިލުމަށްޓަކައި މައިގަނޑު އެއް އިންފްރާސްޓްރަކްޗަރ މި މަޝްރޫޢުގެ ދަށުން ޤާއިމު ކުރެވިގެންދާނެކަމުގައި އެޗްޑީސީން ބުނެއެވެ. އަދި މި އިންފްރާސްޓްރަކްޗަރގައި އެކުލެވޭ ފައިބަރ ވިއުގަ މެދުވެރިކޮށް، ހުޅުމާލޭގައި މުވާޞަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާއިރު، މި މަޝްރޫޢުގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ތަފާތު ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމުގައިވެސް އެޗްޑީސީން ބުނެއެވެ.

“ޢާއްމު ގޮތެއްގައި މުވަޞަލާތީ ދާއިރާއިން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ކޮންމެ ގޭބިސީއަކަށް ނުވަތަ އޮފީސް އިމާރާތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޮޑެތި ޚަރަދުތަކެއް ކުރަންޖެހިފައިވޭ، ނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ޤާއިމު ކުރުވޭ އެޗްޑީސީގެ “އޯޕަން އެކްސެސް ނެޓްވޯކް”އަކީ، ގިގަބައިޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕޯން) ސަޕޯޓު ކުރާ ވިއުގައަކަށްވުމުން، މުވާޞަލާތީ ޚިދުމަތް ދެއްވާ ފަރާތްތަކުގެ މަސައްކަތަށް އެކަމުގެ ސަބަބުން އިންޤިލާބީ ހެޔޮ ބަދަލެއް އައިސް، މި ޚިދުމަތްތައް އައު އުސްމިންތަކަކަށް ވާޞިލުކޮށްދޭނެކަން މި ކޯޕަރޭޝަނުން ޤަބޫލު ކުރަމު، އެގޮތުން، މިހާރު އެ ފަރާތްތަކުން ގޭބިސީތަކަށާއި، ވިޔަފާރި/އޮފީސް ޢިމާރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރާ ޚަރަދަށް ބޮޑު ލުޔެއް ލިބިގެންދާނެ، އަދި ހަމައެއާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްވެގެން ދާނެކަމުގައިވެސް ފާހަގަކުރަމު، އަދި ޚިދުމަތްދޭ ފަރާތްތަކުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކޭބަލް ވަޅުލުމަށް ކުރާ ޚަރަދުގެ ބަދަލުގައި ޖީޕޯން ނެޓްވޯކްގައި ކުރިއާލައި ޤާއިމު ކުރެވިފައިވާ ފައިބަރ ވިއުގަ ބޭނުން ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތަކަށް ލިބޭ ގެއްލުންތައް ކުޑަވެ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށާއި، ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މުވާޞަލާތީ ޚިދުމަތްތައް މިހާރަށްވުރެއް ލުއިފަސޭހަކަމާއެކު ލިބިގެންދާނެކަން އުފަލާއެކު މި ކޯޕަރޭޝަނުން ފާހަގަ ކުރަމު” އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނެފައިވާގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކުރުވޭ “އޯޕަން އެކްސެސް ނެޓްވޯކް”ގެ އެހީގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޒަމާނީ ފަންނިއްޔާތުގެ ވަޞީލަތްތައް ބޭނުން ކުރުމާއި، އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ(ޓެލެމެޑިސިން) އިތުރުން، އޮންލައިންކޮށް ތަޢުލީމު ޙާޞިލު ކުރުން ފަދަ މުހިއްމު ފުރުޞަތުތަކެއް މިހާރަށްވުރެ ފުޅާދާއިރާއެއްގައި ތަނަވަސްވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން އުއްމީދު ކުރެއެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.