އެކުގައި ދިރިއުޅުމަށް ރަނގަޅު ބައިވެރިއަކު ހޯދުމަކީ މި ޒަމާނުގައި ވާވަރު ކަމެއް ނޫންކަމަށްބުނެ އިނގިރޭސިވިލާތުގެ އަންހެނަކު އޭނާގެ އަމިއްލަ ނަފްސާ ކައިވެނިކޮށްފި އެވެ.
ފޮޓޯ ނެގުމަށް ޝައުގުވެރިކަން ހުންނަ ގްރޭސް ގެލްޑާ އަމިއްލަ ނަފްސާ ކައިވެނި ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ކައިވެނި ކުރީ ރައްޓެހިންނާއި އާއިލާގެ ކުރިމަތީގައި އަމިއްލަ ނަފްސަށް ކައިވެނި ކުރުމަށް ހުށަހެޅުމަށްފަހުގައެވެ. ކައިވެނީގެ އުފަލުގައި ބޮޑު ހަފްލާއެއްވެސް ބޭއްވި އެވެ.
”އަހަރެން އަމިއްލަ ނަފްސާ ކައިވެނި ކުރަން ނިންމީ 6 އަހަރުވަންދެން އެކަހެރިކޮށް ހުރުމަށްފަ، ކައިވެނި މިކުރީ އާއިލާއާ ރައްޓެހިންގެ ރުހުމުގަ، އަމިއްލަ ނަފްސު ދެކެ ވަރަށް ލޯބިވޭ“ މީޑިއާއަށް މައުލޫމާތު ދެމުން ގްރޭސް ބުންޏެވެ.
ގާނޫނީގޮތުން ކައިވެނި ރަޖިސްޓްރީ ނުކުރި ނަމަވެސް ގްރޭސް ބުނީ މިހާރު އޭނާއަކީ އަމިއްލަ ނަފްސުގެ އަނބިމީހާކަމަށް ގަބޫލު ކުރާ ކަމަށާއި ބޭނުންވަނީ އަމިއްލަ ނަފްސާއެކު އުފާވެރި ދިރިއުޅުމެއް އުޅެން ކަމަށެވެ.