ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހްފޫޒު ސައީދަށް ދިން ހަމަލާގެ މައްސަލަ ވީ އެންމެ ހަލުވި މިނެއްގައި ތަހުގީގުކޮށް ނިންމައި، ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު އެޅުމަށް ފުލުހުންނަށާއި ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އަށް އެޓާނީ ޖެނެރަލް(އޭޖީ)ގޮވާލައިފި އެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ހިނގާ މަހުގެ ހަތަރުވަނަ ދުވަހު ވަކީލަށް ވަރަށް އަނިޔާވެރިގޮތަކަށް ހަމަލާދީ ޒަހަމްކޮށްފައިވާ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ އަމަލު އޭޖީ ސިފަ ކުރަނީ އިންސާނިއްޔަތުކަމެއް ނެތް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ކަމަށް އެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.
”ގާނޫނީ ވަކީލުންނަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި، ގާނޫނުތަކާއި، ގައުމުގެ ސިޔާދަތާއި، ހަމަޖެހުން ނެގެހެއްޓުމުގެ މަސައްކަތުގެ މުގުލުގައި ހަރަކާތްތެރިވާ ފަންނުވެރިން، ގާނޫނީ ވަކީލުނ އަދާކުރަމުން އަންނަ މަސައްކަތަކީ ކޮންމެ ގައުމެއްގައިމެ އެ ގައުމެއްގެ ދިމިގްރާތީ ނިޒާމު އަދި ގާނޫނުގެ ހުކޫމާތު ރައްކާތެރިކޮށް ހަރުދަނާކުރުމަށް ކެނޑިނޭޅި އެ ފަރާތްތަކުން އަދާކުރަމުން އަންނަ ޗަންދާ“ އޭޖީގެ ބަޔާނުގައި ވެ އެވެ.
މިފަދަ އަނިޔާވެރި އަމަލެއްގެ ސިކާރައަކަށް ގާނޫނީ ވަކީލަކު ވެފައިވާކަމީ، އެކަމާ ހިތާމަކުރާ ކަމެއް ކަމަށާއި އަދި އެކަމުގެ ސަބަބުން ގާނޫނީ ވަކީލުކަމުގަ ހިދުމަތަށާއި، އަދި އެ ދާއިރާއެއްގެ މުހިއްމު ބައެއްކަމުގައިވާ ގާނޫނީ ވަކީލުން ވެފައިވާ ޝަރުއީ ދާއިރާގެ ތަރައްގީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނޭ ކަމެއް ކަމުގައި ދެކޭކަމަށްވެސް އޭޖީގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ޝަރުއީ ކޯޓުތަކާއި ގާނޫނީ ވަކީލުން ހިމެނޭގޮތުން، ރާއްޖޭގެ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކީވެސް ރާއްޖޭގެ ކުށްކުރުމުގެ މިހާރުގެ މާހައުލުގައި ވަރަށް ނުރައްކާތެރިވެއްޓެއްގައި ހިދުމަތްކުރާ ހިދުމަތްތެރިންކަން ފާހަގަ ކުރާ ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކުރަންޖެހޭ ކަންކަން މިހާރަށްވުރެ ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވެފައިވާކަން ފާހަގަކޮށް، އެކަމުގައި އޭޖީ އޮފީހުގެ ދައުރު އަދާކުރުމަށް ފަސްނުޖެހޭނެ ކަމަށްވެސް އޭޖީގެ ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.