ޕާކުތަކާއި މައިޒާންތަކުގެ ފުރިހަމަ ފައިދާ ލިބޭނީ ކޯވިޑް-19 އިން ރައްކާތެރިވެގެން ކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.
ކޯވިޑް-19 އާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޗްއީއޯސީ ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޕާކުތަކާއި މައިޒާންތައް ހަދަނީ ހަމަ އެންމެންނަށް ކަމަށާއި ނަމަވެސް މި ހާލަތަކީ ގިނަ މީހުން އެއްފަހަރާ އެފަދަ ތަންތަނަށް ޖަމާވާންވީ ވަގުތު ނޫން ކަމަށެވެ.
“އަޅުގަނޑުމެންނަށް ފެނުނު ލޮނުޒިޔާރަތް ޕާކު ހުޅުވުމުން ވެސް ވަރަށް ގިނަ މީހުން އެތަނަށް ދިޔަތަން. ހުރިހާ ބޭފުޅުންވެސް ބޭނުންވާނެ އެފަދަ ތަންތަނަށް ދާން. އެކަމަކު މި ހާލަތަކީ އެހާ ގިނަ މީހުން އެއްފަހަރާ ދިޔުން ރަނގަޅު ހާލަތެއް ނޫން.”
ޑރ. ނަޒްލާ ވިދާޅުވީ އެފަދަ ތަންތަން ބަލަހައްޓަން މީހުން ބައިތިއްބައި، ގައިޑްލައިން ހެދިފައިވީނަމަވެސް އެއަށް ޢަމަލު ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އަދި އެ ގައިޑް ލައިންތަކަށް ފުރިހަމައަށް ޢަމަލުކޮށްގެން ނޫނީ އެންމެ އެދެވޭ ގޮތުގައި މިބަލިން ރައްކާތެރި ނުވެވޭނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ކޯވިޑްގެ ކޭސްތައް މަދުވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ދާރުލް އާސާރާއި ޕާކުތަކުގެ އިތުރުން އާންމުން އެއްވެ އުޅޭތަންތަން އާންމުކޮށް ހުޅުވާލުމުގެ ހުއްދަ ދީފައި އެވެ.