ކޮވިޑް-19ގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތަކުގެ އިސްކަންދޭ ތަރުތީބަށްވެސް ބަދަލުގެންނަން ޖެހުނު ކަމަށާއި ނަމަވެސް، ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކޮށްގެން ވިޔަސް، ސަރުކާރުގެ މަޤްޞަދަކަށްވީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، އަސާސީ ޚިދުމަތްތަކަށާއި ރައްޔިތުންނަށް ލިބެންވާ ޙިމާޔަތާއި ރައްކާތެރިކަމަށް، އެއްވެސް ހީނަރުކަމެއް އަޔަނުދީ، ޤައުމު ހިންގަމުން ދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަނުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާގެ ހަތް ވަނަ ވެރިކަމަށް، ދެ އަހަރު ފުރުމާ އެންމެ ހަ ދުވަހާ ކައިރިއަށް އާދެވިފައިވާއިރު ރައްޔިތުން ކުރި އިތުބާރާއެކު، އަޅުގަނޑުމެން ވެރިކަމާ ޙަވާލުވެ، ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ފަށައިގަތީ، ވަރަށް ފުރިހަމަ ރޭވުންތެރިކަމެއްގެ ދަށުން ކަމަށެވެ.
” ނަމަވެސް، މުޅި ދުނިޔެ ބަނަކުރަމުން ދިޔަ ކޯވިޑް-19ގެ ވިލާގަނޑު، މިއަހަރުގެ މާރިޗް މަހު ރާއްޖެއަށް ހިޔަނި އެޅުމާ ގުޅިގެން، އަޅުގަނޑުމެންގެ ހުރިހާ ކަމަކަށް ހުރަސް އެޅިގެން ދިޔަ. ކޯވިޑް-19 އަޅުގަނޑުމެންނާ ކުރިމަތިލީ ހަމައެކަނި ބަލިމަޑުކަމެއްގެ ގޮތުގައެއް ނޫން. މީގެ ކުރިން މުޅި ދުނިޔެވެސް ތަޖުރިބާ ނުކުރާ އަދި ރާއްޖެ ދުވަހަކުވެސް ތަޙައްމަލުނުކުރާ ފަދަ، އިޤްތިޞާދީ ވަރަށް ބޮޑު ކާރިސާއެއްގެ ގޮތުގައި.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރަމުން، އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުން ގެންދަނީ ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަކިނުކޮށް، އަދި އެއްވެސް މުވައްޒަފެއްގެ މުސާރަވެސް ކުޑަނުކޮށް. އަދި ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމާއެކު، ވިޔަފާރިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކޯވިޑްގެ މި ޙާލަތުގައިވެސް މާތް ﷲގެ ހެޔޮ ރަޙްމަތްފުޅު އަޅުގަނޑުމެންނަށް ވަރަށް ބޮޑުކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ކާޑުގެ ބާވަތްތަކާއި ކެއިންބުއިމަށް ބޭނުންވާ އަސާސީ ތަކެތި ލިބުމުގައި އަޅުގަނޑުމެންނަށް އެއްވެސް ދަތިކަމެއް ނެތް. އަދި ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް ލިބުމުގައިވެސް، ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާ ވަރުގެ ބޮޑު ދަތިކަމަކާ ކުރިމަތިނުވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
One Response
މައުލޫގައިވާ ލިޔުމުގެ މައުލޫމާތެ
އްނޫން މީ ކީއްވެވީކަމެއް