ރާއްޖޭގައި ފުލްމެރަތަން ފުރިހަމަކުރި ފުރަތަމަ ފިރިހެން މަޖިލިސް މެމްބަރަކަށް އިލްޔާސް ލަބީބް

ފުލް މެރަތަން ނުވަތަ 42.195 ކިލޯމީޓަރ (މާލެވަށާ 8 ބުރު) ޖެހުމަކީ ކުޑަކަމެއް ނޫނެވެ. ހިތްވަރެއް ހުރެގެން ކުރެވޭނެ ކަމެވެ.

ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ވަރަށް އަވަދިނެތި ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނެވެ. ރައްޔިތުންގެ ހައްގުގައި، ރައްޔިތުން ތަމްސީލު ކުރައްވަމުން ޢާއިލާއާ ރައްޓެހިންނަށް ވަގުތު ދެއްވަމުން ދުޅެހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމަކީ ބުރަ ކަމަކަށް އެބޭފުޅުންނަށް ވާނެ އެވެ.

ޚާއްސަކޮށް ދިގު ދުވުން ދުވުމަކީ ވަރަށް ގަޔާވެ، ތަމްރީނުތައް ހަދައިގެން ނޫނީ ނުވާނެ ކަމެކެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މިވަނީ ކިތަންމެ ބުރަކޮށް އުޅުއްވިޔަސް ތާރީޚުގެ ތެރެއިން ޖާގަ ހޯއްދަވާފައެވެ.

ރާއްޖޭގައި ފުލްމެރަތަން ފުރިހަމަކުރި ފުރަތަމަ ފިރިހެން މަޖިލިސް މެމްބަރުގެ ޝަރަފް އިލްޔާސް ލަބީބް މިވަނީ ހޯއްދަވާފައެވެ.

ވާޗުއަލްކޮށް ބޭއްވި ރޯމް މެރަތަން ގައި އިލްޔާސް ފުލް މެރަތަން ނިންމާފައިވަނީ 4.39.17 އިން ނެވެ.

މިއީ އިލްޔާސްގެ ވެސް އެންމެ ފުރަތަމަ ފުލް މެރަތަން އަށްވާ އިރު، ދުވުން ނިންމި ވަގުތާ މެދު ވަރަށްބޮޑަށް ހިތްހަމަ ޖެހޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

“އަސްލު ވަރަށް ހިތްހަމަޖެހޭ. ފުރަތަމަ މެރަތަން އާ ބަލާފަ ނިންމާލެވުނު ގަޑި. އަނެއްކާ މި ދުވުމުގެ ފުރަތަމަ 21 ކިލޯމީޓަރ (ހާފު މެރަތަން) ގަ ޕަރސަނަލް ބެސްޓެއް ހެދުނީމަ ވަރަށް ހިތްހަޖެހުން ލިބުނު.” ދުވަސްއަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ އޭނައަށް ތަމްރީނު ދެމުން އަންނަ ނަސްރުﷲ އަޙްމަދު (ނަސްރު ކޯޗު) އޭނާ އާ އެކު، އެއްވަރެއްގައި ދުވެ، ވަރަށްބޮޑަށް ހިތްވަރުދީފައިވާ ކަމަށެވެ.

ކޮންމެއަކަސް ކިތަންމެ ބުރަކޮށް އުޅުނަސް، ވަގުތު ހުސްކޮށްގެން ކަމެއް ކުރަން އުޅެފިނަމަ، އެކަމެއް ކުރެވޭނެކަން އިލްޔާސް މިވަނީ ސާބިތުކޮށްދެއްވާފައި އެވެ.

ރޯމް މެރަތަންގައި ދުވި އިތުރު ބައިވެރިންނަށް ބަލާލާއިރު، ނަސްރު ކޯޗުގެ ތަމްރީނުތައް ހަދަމުން އަންނަ މެރަތަން ރަނަރސްގެ ދުވުންތެރިން ކަމަށްވާ މުޙައްމަދު މުސްތަފާ 3.27.14 އިން ފުލް މެރަތަން ނިންމި އިރު، ރިޒާން ރަޝީދު (ޒާން) ނިންމާފައިވަނީ 3.28.22 އިން ނެވެ. އަދި މުޙައްމަދު މައުރޫފް (މާއްޓޭ) ނިންމީ 4.37.34 އިން ނެވެ. މި ހުރިހައި ދުވުންތެރިންނަކީ ވެސް މުޅިން އަލަށް ފުލް މެރަތަން ޖެހި ދުވުންތެރިންނެވެ.

މި ހުރިހައި ދުވުންތެރިންވެސް ބުނީ ޓައިމިންގ އާމެދު ހިތްހަމަ ޖެހޭ ކަމަށާއި މަސައްކަތް ކޮށްފިނަމަ، އަދިވެސް ރަނގަޅު ކުރެވޭނެ ކަމަށެވެ.

މި ދުވުމުގައި މުޙައްމަދު އަޝްއަދު ފުލް މެރަތަން ނިންމީ 3.34.19 އިން ނެވެ. ކުރިންވެސް ފުލް މެރަތަން ތަޖުރިބާކޮށްފައިވާ އަޝްއަދު ބުނީ ކުރިއަށް އޮތް ތަނުގައި އަދިވެސް ތަފާތު ނެރެވިދާނެ ކަމަށެވެ.

ރޯމް މެރަތަން ގައި ރާއްޖޭގައި އެންމެގިނަ ފުލް މެރަތަން ޖެހުމުގެ ރެކޯޑު އޮންނަ ނަސްރުﷲ އަޙްމަދު (ނަސްރު) ވެސް ވަނީ ދުވެފަ އެވެ. ނަމަވެސް މި ރޭސް އޭނާ ދުވީ، މި ރޭހުގައި އެންމެ މަޑުން ދުވާ މީހާއާ އެކުގައި ކަމަށްވާތީ، ނަސްރުވެސް ރޭސް ނިންމީ އިލްޔާސް ލަބީބު އާއެކު 4.39.17 އިން ނެވެ.

ނަސްރު ބުނީ މި ރޭސް ދުވީ ޓައިމިންގ އަކަށް ނޫން ކަމަށާއި ބޭނުންވަނީ އޭނާގެ ގާތުން ތަމްރީނު ހަދަމުންދާ ދަރިވަރުންނާއެކު ދުވެލަން ކަމަށެވެ. އަދި އެ ދުވުންތެރިން ނިންމި ގަޑިތަކަކީ ހިތްހަމަޖެހޭ ގަޑިތަކެއް ކަމަށެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.