ނައިބު ރައީސްގެ އަރިހަށް ސްވިޒަލޭންޑްގެ ސަފީރު އިހުތިރާމުގެ ޒިޔާތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ އަރިހަށް ސްވިޒަލޭންޑްގެ ސަފީރު، ހައިންޒް ވޯކަރ ނެއިޑަރކޫން،‏ މިއަދު އިޙްތިރާމުގެ ‏‏ޒިޔާރަތެއް ކުރައްވައިފިއެވެ.‏

ރައީސް އޮފީހުން ހާމަކުރައްވާ ގޮތުގައި މިއަދު މެންދުރު ‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސްވިޒަލޭންޑާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަ ކުރައްވައި، މިގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މުސްތަޤްބަލާ މެދު އެމަނިކުފާނުގެ ތަޞައްވުރު ޙިއްސާ ކުރައްވަމުން، ސަރުކާރުގެ އިޤްތިޞާދީ މެނިފެސްޓޯއާބެހޭ މަޢުލޫމާތު ސްވިޒަލޭންޑްގެ ސަފީރަށް ދެއްވި ކަމަށާއި މީގެ އިތުރުން، ރާއްޖޭގެ ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ބައްލަވައިލެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ.

އެ އޮފީހުން އިތުރަށް ވިދާޅުވީ ސްވިޒަލޭންޑްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަޝްރަޙުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ސިޔާސީ އެކިކަންކަމުގައި ސަރުކާރާއި ސިޔާސީ ޕާޓީތަކާ ދެމެދު މަޝްވަރާ ކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވި ކަމަށާއި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނާއިބު، ފާޠިމަތު އިނާޔާ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *