ކުރެދި ގަހަކީ ރާއްޖޭގެ ގޮނޑުދޮށް ތަކުން ގިނަ އަދަދަކަށް ފެންނަ ގަސް ތަކެކެވެ. ރާއްޖޭގައި ހެދެމުން އަންނަތާ އެތަކެއް ޒަމާނެއް ވެފައިވާ ގަސްތަކެއް ކަމުގައި ބެލެވެ އެވެ. ލަކުޑި ވަރުގަދަ އެ ގަހަކީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތައް ގިރުމުގައި ރާޅުތަކަށް ކުރިމަތިވާ ގޮންޖެހުމަކަށް ވާއިރު ކުރެދި ގަސް ހޯދަން އިންޑިއާ ސަރުކާރުން ރާއްޖޭގެ ސަރުކާރުގެ ކިބައިން އެދިދާނެ ކަމުގައި މިވަނީ ބެލެވެން ފަށާފަ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ހިންދޫ ނޫހުގައި ލިޔެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ”pemphis acidula“ ދިވެހި ބަހުން ނަމަ ކުރެދި ގަހަކީ އިންޑިއާގެ ހުޅަނގުގެ ސަރަހައްދުތަކުގައި އަދި ހާއްސަކޮށް ކެރަލާ ސަރަހައްދުގައި ކުރީ ޒަމާނުގައި ވަރަށް ގިނައިން ފެނުނު ބާވަތެއްގެ ގަހެއް ކަމަށެވެ. ނަމަވެސް މިހާރު ކެރަލާގެ އެއްވެސް ހިސާބަކުން އޭގެ ގަހެއް ނުފެންނަ ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެ އެވެ.
”1920 ގައި ޖޭ.އެސް. ގާމްބްލޭ ލިޔުނު ފޮތެއް ކަމަށްވާ ”Flora of presidency of madras“ ގައި މި ގަހުގެ ވާހަކަ ލިޔެފައި ވޭ، އެ ގަސް ސިފަ ކޮށްފައިވަނީ ދަގަނޑު ލަކުޑި ހުންނަ ގަހެއްގެ ގޮތުގަ، ކުރިން އިންޑިއާގެ މަލާބާރު، ޓްރަވަންކޯ، ޓިނެވެލީ ގެ ގޮނޑުދޮށްތަކުން މި ގާސް އާންމުކޮށް ފެންނަ ކަމަށްވޭ“ ކެރަލާ ފޮރެސްޓް ރިސާޗް އިންސްޓްޓިއުޓްގެ ޕްލާންޓް ޓެކްސޯނޮމިސްޓެއް ކަމަށްވާ ޕީ.ސުޖަންޕާލް ބުނެފައި ވެ އެވެ.
އެ ރިޕޯޓްގައި ވާގޮތުން ކެރަލާގެ ފޮރެސްޓް ރިސާޗް އިންސްޓިޓިއުޓް ގެ މާހިރުންތަކެއް ރާއްޖެ އައިސް އުޅުމުގައި އޮޅުގިރިންނާއި ރަސްގެތީމުން ކުރެދި ގަސްތަކެއް އެމީހުންނަށް ވަނީ ފެނިފަ އެވެ. އަދި އެމީހުން ރާއްޖެ އައީ އޭލިއަން އާއި ގުޅުން ހުރި ކޮންމެވެސް ދިރާސާތަކެއް ކުރުމަށް ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައި ވެ އެވެ.
އެހެންކަމުން އިންޑިއާގެ ކެރަލާ ސަރަހައްދަކީ ދިވެހިން އާންމުކޮށް ބޭސް ފަރުވާއަށްދާ ޓްރިވެންޑްރަމްގެ ސިޓީގެ މައި ސްޓޭޓަށް ވާއިރު އަދި ޒަމާނުއްސުރެ ކުރެދި ގަހަކީ އިންޑިއާ ރައްޔިތުންނަށް މުހިންމު ގަހެއް ކަމަށް ބައެއް ފޮތްތަކާ ހަވާލާދީ އެ ރިޕޯޓްގައި ބުނެފައި ވާއިރު ރާއްޖެއިން ކުރެދި ގަސް ހޯދަން އިންޑިއާ ސަރުކާރު މެދުވެރިކޮށް ކެރަލާ ފޮރެސްޓް ރިސާޗް އިންސްޓިއުޓުން ރާއްޖޭގެ ސަރުކާރުގައި އެދުމަކީ ދުރުކަމެއް ނޫން ކަމަށް ބެލެވެ އެވެ.