ހުސްވި އޮގަސްޓް މަހުގެ 27ވި ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ”ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ބިލް“ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރައްވާ ގޮތުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ބިލަކީ ދިވެހިރާއްޖޭގައި ހިންގަމުންދާ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، އެއިދާރާތަކާގުޅޭ މައްސަލަތައް ބަލާނެއެއްމެހައި އުސޫލުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންޒީމުކުރުމަށްޓަކައި ކޮމިޝަނެއް އުފައްދާ މި ޤާނޫނުގެ ދަށުން އެ ކޮމިޝަންގެ ބާރު ތަކާއި މަސްއޫލިއްޔަތުތަކާއި، ކޮމިޝަންގެ މެމްބަރުންގެ ސުލޫކީ ހަމަތަކާއި، ކޮމިޝަން ހިނގާނެގޮތުގެ އުސޫލުތަކާއި ކޮމިޝަނުގެ ވާޖިބުތައް އަދާކުރާނެގޮތުގެ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެއް ކަމަށެވެ.
މި ޤާނޫނުގެ މަޤްޞަދަކީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެއިދާރާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާއި ޤަވާޢިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރުމާއި، މިއިދާރާތަކުގެ މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ބޭނުންވާނެ ޤާނޫނީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި މިއިދާރާތަކުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ސިޔާސަތުތައް އެކަށައެޅުމާއި ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޤާނޫނު ނެގެހެއްޓުން އިތުރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށްވެސް ރައީސް އޮފީހުން ހާމަ ކުރައްވަ އެވެ.