ރައީސަށް އެޑްރެސް ކުރައްވާ ސިޓީ މާކުރިން މީޑިއާއަށް ފޮނުވަންޏާ ޖަވާބު ނުދެއްވާނެ: ތަރުޖަމާނު

ރައީސް ޔާމީނަށް އެޑްރެސް ކުރައްވާ  ސިޓީ، އެ ސިޓީ ރައީސް އަށް ލިބިވަޑައިގަތުމުގެ ކުރިން މީޑިއާތަކަށް ފޮނުވާނަމަ އެ ސިޓީއަކަށް ރައީސް ޖަވާބު ނުދެއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

މުއާޒް މިހެން ވިދާޅުވެފައި މިވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

މި ޓްވީޓް މުއާޒް ކުރައްވާފައި މިވަނީ މި ސަރުކާރު އައި ފަހުން ޒުވާނުންނަށް 50،000 ވަޒީފާ އުފައްދާ 42،000 ޒުވާނުންނަށް ވަޒީފާ ދީފައި ވާކަމަށް ރައީސް ޔާމީން ވިދާޅުވުމުން އެކަމުގެ ތަފްސީލް ހޯއްދެވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ރައީސް ޔާމީން އަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ. މީޑިއާތަކުގައި އެ ހަބަރު ޖަހާފައި ވަނީ މަހްލޫފު އެ ސިޓީ ޓްވީޓް ކުރެއްވުމުންނެވެ.

އެ ސިޓީގައި މަހުލޫފު ވިދާޅުވެފައި ވަނީ “50،000 ވަޒީފާ އުފައްދަވާ، އޭގެތެރެއިން 42،000 ވަޒީފާއަށް މިހާރުން ޒުވާނުން ނިކުންނަމުން ދާކަމަށް، ރޭ ބޭއްވުނު ޕީޕީއެމްގެ މަހާސިންތާގައި މަނިކުފާނު ވިދާޅުވެފައިވާތީ، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް އުފާވެ ފަހުރުވެރި ވާ ވާހަކަ ދަންނަވާ” ކަމަށެވެ. އަދި ” ތިޔަ އަދަދަށް ވަޒީފާއަށް ޒުވާނުން ނިކުންނަމުން ދާނަމަ، މަނިކުފނާއި އަދި އެންމެހާ ދިވެހި ރައްޔިތުންވެސް ފަހުވެރިވެރި ވާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށް”ވެސް މަހުލޫފުގެ ސިޓީގައި ވެ އެވެ.

“އެހެންކަމަށް ވުމާއެކު މަނިކުފާނުގެ ވެރިކަމުގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ތިޔަ އުފައްދަވާދެއްވި ވަޒީފާގެ ސީދާ އަދަދާއި، ކޮން ދާއިރާތަކަކުންކަން އެނގޭނެގޮތް އަޅުގަނޑަށް އަދި ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުން އެދެން” މަހްލޫފްގެ ސިޓީގައި ވެ އެވެ.

ވަޒީފާއަށް ނުކުންނަމުންދާ 42،000 ޒުވާނުންގެ ފުރިހަމަ ނަމާއި، ރަށާއި އެޑްރެސް އެނގޭނެ ތަފްސީލު ލިސްޓެއް އާންމުކޮށްދިނުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ އެދުމެއް ކަމަށްވެސް މަހްލޫފްގެ ސިޓީގައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *