ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ޒިޔާރާތްކުރައްވައިފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭގޮތުގައި އެއް ދުވަހުގެ މުއްދަތަށް މިއަދު ކުރެއްވި މި ދަތުރުފުޅުގައި، ޑިފެންސް މިނިސްޓަރ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒްއަށް ޒިޔާރަތްކުރެއްވުމުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ކާނަލް ޙާމިދު ޝަފީޤާއި އެ އޭރިއާގައި މަސައްކަތްކުރައްވާ ސިފައިން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވި އެވެ. އަދި އެމަނިކުފާނުގެ ޝަރަފުގައި ސެންޓްރަލް އޭރިއާއިން އޮނަރގާޑެއް އެރުވި ކަމަށާއި ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅުގައި ސެންޓްރަލް އޭރިއާގެ ސިފައިންނާ ބައްދަލުކުރައްވައި، އެއޭރިއާގައި މަސައްކަތްތައް ކުރިއަށްދާގޮތާއި ބެހޭ މަޢުލޫމާތު އޮޅުއްފިލުއްވައި، އެ އޭރިއާގެ މަސައްކަތްތައް ބައްލަވާލައްވާފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.
މި ދަތުރުފުޅުގެ ތެރެއިން ޑިފެންސް މިނިސްޓަރ ވަނީ ކައްދޫ އެއަރޕޯޓް ސަރަޙައްދު ބައްލަވާލައްވައި، ކައްދޫ އެއަރޕޯޓްގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވާއިރު މިބައްދަލުވުމުގައި ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ބޯޑު މެންބަރުންކަމުގައިވާ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުޙައިރު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާރ ޖެނެރަލް އަޙްމަދު ޝާހިދު އާއި ބްރިގޭޑީއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އާއި ކާނަލް އަޙްމަދު ފަޔާޒް ޢަލީ ރިޟާ އަދި ކާނަލް މުޙައްމަދު މުޚްތާރު ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.