ރޭޕް ކޭސްއާ ގުޅޭގޮތުން އިމްރާން ދެއްކި ވާހަކަ ކުށްވެރިކޮށް، ފިޔަވަޅު އަޅައިދިނުމަށް އެދި މަޖިލީހަށް ފޮނުވައިފި

ޖޫން މަހުގެ 25 ވަނަ ދުވަހު ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެންނަކު ރޭޕް ކުރަން އުޅުނު ކަމަށް ބުނެ ފުލުހަށް ހުށަހަޅާފައިވާ މައްސަލަ އާންމުންނާއި މީޑިއާތަކުން އެކަން ހިނގި ގޮތަށްވުރެ ބޮޑު ކޮށްލައިގެން ވާހަކަ ދައްކަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވަމުން، މައްސަލަ ހުށަހެޅި އަންހެންގެ މިހާ ތަމްސީލު ކުރާ ލޯ ފާމު ކަމަށްވާ ރިޒާ އެންޑް ކޯއިން އިމްރާންގެ ވާހަކަތަށް ކުށްވެރިކޮށް، ފިޔަވަޅު އަޅައި ދިނުމަށް އެދި މަޖިލީހަށް ފޮނުވައިފި އެވެ.

ރޭ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވެފައި ވަނީ، ސަފާރީގައި ހިނގީ އާންމުގެ ތެރޭގައި ވެސް ނޭގި މިހާކު ކޮށްފާނެ ކަހަލަ ކަމެއް ކަމަށެވެ. އަދި އެ ހާދިސާ މާ ބޮޑު ކަމަކަށް ވީ އެކަން ރިޕޯޓްކުރި ގޮތުގެ ސަބަބުން ކަމަށެވެ.

އިމްރާނުގެ އެ ވާހަކަތަކާ ގުޅިގެން ރިޒާ އެންޑް ކޯއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އެ ފާމުގެ މުވައްކިލު ކަމަށްވާ ޕޯލިން ޑުޓާ ގެޝޮރޯ، ފުލުހުންނަށް ހުށަހަޅާފައިވާ ރޭޕްކުރަން އުޅުމުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް، މައްސަލައާ ގުޅޭ ގޮތުން އިމްރާން ދެއްކެވީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ. އަދި އިމްރާން ޖިންސީ އަނިޔާއަކީ އާދައިގެ މައްސަލައަކަށް ހަނދަން ދެއްކެވި ވާހަކަ ކުށްވެރިކުރާ ކަމަށެވެ.

ރިޒާ އެންޑް ކޯއިން ނެރުނު ބަޔާނުގައި އިތުރަށް ބުނީ، އިމްރާނުގެ ޒިންމާއަކީ ކުށް މަދުކުރުމާއި، ކުށުގެ އަނިޔާ ލިބޭ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކުރުން ކަމަށެވެ. ނަމަވެސް އިމްރާން ރޭ ދެއްކެވި ވާހަކަތަކުގެ ސަބަބުން އޭނާއަކީ ހޯމް މިނިސްޓަރުގެ މަގާމަށް ގާބިލް މީހެއް ކަމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޖިންސީ އަނިޔާ ފަދަ ހައްސާސް މައްސަލައެއްގައި އެއީ މާ ބޮޑު ކަމެއް ނޫންކަން ދޭހަވާ ފަދައިންނާއި ކުށުގެ ތުހުމަތު ކުރެވޭ މީހާ ކުށުން ބާރިއަށް ވެވޭހެން އިމްރާން ވާހަކަ ދައްކާފައިވާތީ އިންސާފުވެރިކަމާއެކު އެ މައްސަލަ ބެލޭނެ ކަމުގެ ޔަގީންކަން މިހާރު ނެތް ކަމަށް ރިޒާ އެންޑް ކޯއިން ވަނީ ބުނެފަ އެވެ.

ކުށުގެ ތުހުމަތު ކުރެވޭ މީހާ އާއި ޖިންސީ އަނިޔާގެ މައްސަލައަކީ އާދައިގެ ކަމެއް ކަމަށް ދޭހަވާ ފަދައިން އިމްރާނު ދެއްކެވި އެ ވާހަކަަށް ބަލައި ދިނުމަށް އެދި ރިޒާ އެންޑް ކޯއިން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

ދިވެހި ރާއްޖޭގެ އަޑުން ރޭ ގެނެސްދިން ޕްރޮގްރާމުގައި އިމްރާން ވާހަކަ ދައްކަވަމުން އިތުތަށް ވިދާޅުވެފައި ވަނީ، ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވުމުން ހީކުރީ އެއީ ބޮޑު ރޭޕް ކޭސްއެއް ކަމަށް ކަމަށެވެ. ނަމަވެސް އެ މައްސަލަ ގާތުން ބަލައިލުމުން އެގުނީ އެއީ ކުރިން ކަށް ވެސް ނޭގޭ ވަރުގެ ކަމެެއްކަން ކަމަށެވެ. އަދި އަނިޔާ ލިބުނު ކަމަށް ބުނާ އަންހެން މީހާގެ ބަޔާން ވެސް އެކިފަހަރު އެކި ގޮތްގޮތަށް ބަދަލުވެފައިވާ ކަމަށެވެ.

ކެންޔާ އަންހެންމީހާއާ ޖިންސީ އަނިޔާކުރަން އުޅުމުން ސަފާރީން ފުންމާލީ އެވެ. މޫދުން އޭނާ ނަގައިގަނެގެން ހުޅުމާލޭ ޖެޓީއާ ހަމައަށް ގެންދިޔައީ ވެސް، އަންހެންމީހާއާ ޖިންސީ ގޯނާކުރަން އުޅުނު މީހުންނެވެ. ދަންވަރު އެ ގަޑީގައި ޖެޓީ މަތީގައި އެމީހުން ތިއްބާ، ހުޅުމާލޭގެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންގެ ބަޔަކު ގޮސް ސުވާލުކޮށް، އަންހެންމީހާ ދެއްކި ވާހަކަތަކާ ގުޅިގެން ދެ ފިރިހެނުން ވެސް ހުޅުމާލޭ ފުލުހަށް ގެންދިޔަ އެވެ. އެކަމަކު ހައްޔަރުނުކޮށް އެ މީހުން ދޫކޮށްލި އެވެ.

މި މައްސަލާގައި ބައެއްގެ މައްޗަށް ދައުވާ އުފުލޭ ފަދަ ހެކިތައް ތަހުގީގަށް ލިބިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެކަމަކު އޭގެ ފަހުން މިހާރު އެތައް މަހެއް ފާއިތުވީ އިރު ވެސް، ތަހުގީގު ނިންމައި، ޕީޖީއަށް ފޮނުވާފައެއް ނުވެ އެވެ.

ކެންޔާ އަންހެންމީހާއާ ޖިންސީ ގޯނާކުރުމުގައި، ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ މެމްބަރެއްގެ ފިރިމިހާ ބައިވެރިވިވާ ކަމުގެ ތުހުމަތު ކުރެވެ އެވެ. އެހެންކަމުން މައްސަލަ ސިޔާސީ ނުފޫޒު ބޭނުން ކޮށްގެން އޮށްބާލާނެ ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.