ބާސެލޯނާ އަދި ރެއާލް މެޑްރިޑް ބައްދަލުކުރާ ”އެލް ކްލެސިކޯ“ މެޗު މިރޭ!

ދުނިޔޭގެ އެންމެ ގިނަ މީހުން ބަލަން ފޯރި ހުންނަ އަދި އެންމެ ފޯރި ގަދަ މެޗު ކަމަށްވާ އެލް ކްލެސިކޯ މިރޭ ބާސެލޯނާ ދަނޑު ކަމަށްވާ ކޭމްޕް ނޫ ގައި ކުޅޭނެއެވެ.

މިރޭ ކުޅެން ތައްޔާރުވަމުން އަންނަ މި މެޗަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން ދާ އެއް ފުޓްބޯޅަ މެޗެވެ. ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ ”އެލް ކްލެސިކޯ“ މެޗަކީ ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ އެންމެ ފޯރިގަދަ މެޗުވެސް މެއެވެ.

މިރޭ ރާއްޖޭ ގަޑިން 7:00 ގައި މި މެޗު ކުޅެން ހަމަ ޖެހިފައިވާއިރު، މިހާރުވެސް ދުނިޔޭގައި ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ މި މެޗަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންނެވެ. މިރޭގެ މެޗަކީ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ ”އެލް ކްލެސިކޯ“ ގެ 245 ވަނަ މެޗުކަމުގައިވާއިރު، މީގެ ކުރިން މި ދެޓީމު ބައްދަލުކޮށްފައިވާ ”އެލް ކްލެސިކޯ“ މެޗުތަކުގެ ތާރީޚަށް ބަލާލުން ރަނގަޅު ކަމުގައި ދެކެމެވެ.

އެލް ކްލެސިކޯ ގެ ތާރީޚަށް ބަލާއިރު، ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ ”އެލް ކްލެސިކޯ“ ގެ ޖުމްލަ 277 މެޗު ކުޅެފައިވެއެވެ. އެއީ ވާދަވެރި 245 މެޗާއި، އެކުވެރިކަމުގެ 33 މެޗެވެ. މީގެ ތެރެއިން ވާދަވެރި މެޗުތަކަށް ބަލާއިރު، ކޮންމެ ޓީމަކުންވެސް 96 މެޗު ކާމިޔާބު ކޮށްފައިވާއިރު، ވާދަވެރި 52 މެޗު އެއްވަރު ވެފައި ވެއެވެ.

ބާސާއިން ވާދަވެރި 96 މެޗުގެ އިތުރުން އެކުވެރިކަމުގެ 19 މެޗު ކާމިޔާބު ކޮށްފައިވެއެވެ. ޖުމްލަ ކޮށް 115 މެޗުން ރެއާލްގެ މައްޗަށް ބާސާއިން ކުރިހޯދާފައިވެއެވެ.

ރެއާލް މެޑްރިޑް އަށް ބާސާގެ މައްޗަށް ކުރިހޯދިފައިވަނީ 100 ފަހަރުގައެވެ. އަނެއް 62 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އެލް ކްލެސިކޯ ގެ ތާރީޚުގައި ޖުމުލަ 768 ގޯލު ޖަހާފައިވެއެވެ. ރެއާލް މެޑްރިޑް 391 ގޯލު ޖަހާފައި ވާއިރު، ބާސެލޯނާ ވަނީ 377 ގޯލު ޖަހާފައެވެ. އެލް ކްލެސިކޯ ގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ޝަރަފާއި، އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާގެ ޝަރަފު އޮތީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ އަތުގައެވެ. އޭނާ ވަނީ ޖުމުލަ 26 ގޯލާއި، 14 އެސިސްޓް ހަދާފައެވެ. މި ލިސްޓުގެ ދެވަނައިގައި 18 ގޯލާއެކު ރެއާލް މެޑްރިޑް ގެ ލެޖެންޑް އަލްފްރެޑޯ ޑީ ސްޓެފަނޯ އޮތްއިރު، ތިންވަނައިގައި 18 ގޯލާއެކު އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާ ”އެލް ކްލެސިކޯ“ މެޗެއްގައި އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ 13 މެއި 1902 ގައި ސްޕެނިޝް ކަޕް ގައެވެ. އެމެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ރެއާލް މެޑްރިޑުންނެވެ. ”އެލް ކްލެސިކޯ“ މެވެއްގައި މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިއަހަރު މާޗުމަހުގެ ދެވަނަ ފުވަހުގައެވެ. މި މެޗު 0-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ބާސެލޯނާއިންނެވެ.

މި ދެޓީމުގެ ކުރިމަތިލުންތަކަށް ބަލާއިރު، އެންމެ ބޮޑު ތަފާތަކުން މޮޅުވެފައިވަނީ ރެއާލް މެޑްރިޑް އެވެ. އެއީ 19 ޖޫން 1943 ވަނަ އަހަރު ސްޕެނިޝް ކަޕްގެ މެޗެއްގައެވެ. އެ މެޗު ބާސާގެ މައްޗަށް ރެއާލް މެޑްރިޑުން ކުރިހޯދާފައިވަނީ1-11 އިންނެވެ. ސްޕެނިޝް ލީގުގެ މެޗުތަކުންވެސް މިހާތަނަށް އެންމެ ބޮޑު ތަފާތަކުން ބާސާގެ މައްޗަށް ކުރިހޯދާފައިވަނީ ރެއާލް މެޑްރިޑުންނެވެ. އެގޮތުން 3 ފެބުރުއަރީ 1935 ގައި މި ދެޓީމު ބައްދަލުކުރި ލީގު މެޗަކުން ރެއާލް މެޑްރިޑުން ވަނީ2-8 ގެ ނަތީޖާއަކުން ބާސާގެ މައްޗަށް ކުރި ހޯދާފައެވެ.

”އެލް ކްލެސިކޯ“ގެ އެންމެ ގިނަ މެޗު ކުޅުމުގެ ޝަރަފު މިހާތަނަށް ލިބިފައިވަނީ 4 ކުޅުންތެރިއަކަށެވެ. އެއީ މެނުއެލް ސަންޗިސް އާއި ފްރެންސިސްކޯ ގެންޓޯ އާއި ޒަވީގެ އިތުރުން މިހާރުވެސް ރެއާލްގެ ކެޕްޓަން ކަން ކުރަމުން އަންނަ ސާޖިއޯ ރާމޮސްއެވެ. މިއިން ކޮންމެ ކުޅުންތެރިއަކުވެސް ”އެލް ކްލެސިކޯ“ ގެ 42 މެޗު ފުރިހަމަ ކޮށްފައިވެއެވެ.

އެލް ކްލެސިކޯ ގެ ތާރީޚުގައި ތަފާތު 23 ކުޅުންތެރިން ޖުމުލަ 28 ހެޓްރިކް ހަދާފައިވެއެވެ. ޖެއިމީ ލަޒްކާނޯ، ސެންޓިއާގޯ ބެރްނެބެއޫ، ޕައުލީނިއޯ އަލްކަންޓާރާ އަދި ފެރެންކް ޕުސްކަސް އާއި އެކު އެލް ކްލެސިކޯ ގައި އެންމެ ގިނަ ހެޓްރިކް ހެދުމުގެ ޝަރަފު ވެސް އޮތީ މެސީ އަތުގައެވެ. މި ކުޅުންތެރިން ވަނީ ޖުމުލަ ދެ ހެޓްރިކް ހަދާފައެވެ.

އެލް ކްލެސިކޯ ގެ ތާރީޚަށް ނަޒަރު ހިންގާއިރު، ބާސެލޯނާ އަދި ރެއާލް މެޑްރިޑަށް ކުޅެފައިވާ، ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާލުމަކީ މުހިއްމުކަމެކެވެ. އެގޮތުން ލުއިސް ފީގޯ، ރޮނާލްޑޯ ނަޒާރިއޯ، ޒައިނުއްދީން ޒިދާން، ޖޫލެން ލޮޕެޓެގީ، ސަމުއެލް އެޓޫ، ހާވިއޭ ސަވިއޯލާ، ޖިއޮރްގޭ ހާޖީ، މައިކަލް ލައުޑްރަޕް، ލުއިސް އެންރީކޭ، ކްރިސްޓީއާނޯ ރޮނާލްޑޯ، ރޮބާޓޯ ކާލޮސް އަދި ރޮނާލްޑީނިއޯ ހިމެނެއެވެ.

މިރޭ ގެ ”އެލް ކްލެސިކޯ“ މެޗަށް ނިކުންނައި ދެޓީމުގެ މިހާރުގެ ހާލަތަށް ބަލާލާއިރު، ސްޕެނިޝް ލީގުގައި ދެ ޓީމުވެސް އޮތީ އެންމެ އެދެވޭ ހާލަތެއްގަ އެއް ނޫނެވެ.

އެގޮތުން ލީގުގެ ފުރަތަމަ ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެން ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. ބާސެލޯނާ އޮތީ އެއް މެޗުން މަދުން ކުޅެގެން ހަތް ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ. ދެ ޓީމު ވެސް ލީގުގައި ކުޅުނު ފަހު މެޗުން ބަލިވީ އެވެ.

ބޮޑު ކުރިމަތިލުމުގެ ކުރިން ދެ ޓީމުގެ ފޯމުވެސް ރަނގަޅު ނޫންކަމަށް ފެންނަން އޮތް އިރު، ދެ ޓީމުވެސް އެންމެ ފަހުން މެޗު ކުޅެފައި ވަނީ ޗެމްޕިއަންސް ލީގުގަ އެވެ. އަމިއްލަ ދަނޑުގައި ދެ ޓީމުވެސް މެޗުތައް ކުޅުނު އިރު 1-5 އިން ބާސެލޯނާ ވަނީ ހަންގޭރީގެ ފެރެންސްވަރޯސް ބަލިކޮށްފަ އެވެ. ނަމަވެސް ޝަކްތަރު ޑޯނެސްކް އަތުން ރެއާލް މެޑްރިޑް ވަނީ  2-3 އިން ބަލިވެފައެވެ.

ކޮންމެ ގޮތެއް ވިޔަސް އެހެން މެޗުތަކުގައި ދެ ޓީމުގެ ފަރާތުން ވެސް ފެންނަ ކުޅުމަށް ވުރެން އެލްކުލެސިކޯގެ މެޗެއްގައި ފެންނަ ކުޅުން ބަރަށް ބޮޑަށް ތަފާތެވެ. އެހެން މެޗުތަކުގައި ނުފެންނަ ފޯރިއާއި، ހިތްވަރު ކުޅުންތެރިން އެ މެޗުގައި ދައްކާނެކަން ޔަގީނެވެ.

ދެ ޓީމުގެ ހާލަތު ވެސް މިކަހަލަ ގޮތަކަށް އޮތް ނަމަވެސް އާ ސީޒަނާ އެކު ދެ ޓީމުންވެސް އެންމެ ފާހަގަ ކުރެވުނު އެއްކަމަކީ ދެ ޓީމުގެ ޒުވާން ކުޅުންތެރިންގެ ހުނަރުވެރިކަމެވެ. ބާސެލޯނާގެ އަންސޫ ފާޓީއާއި ޕެޑްރީ ފަދަ ކުޅުންތެރިން ވިދާލި އިރު، ރެއާލްގެ ވިނިޝަސް ޖޫނިއާ ތަފާތު ދައްކަ އެވެ. އެހެން ކަމުން މިފަހަރުގެ ކުލެސިކޯގައި ޒުވާން ކުޅުންތެރިންގެ ހިއްސާ ބޮޑުވާނެ އެވެ.

މިރޭގެ މެޗަށް ނިކުންނަ އިރު، ބާސާގައި އަނިޔާގެ މައްސަލަ ނެއްނަމަވެސް ރެއާލް އަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. އެގޮތުން ރެއާލްގެ ތަރި އެޑެން ހަޒާޑް އަދި ކެޕްޓަން ސާޖިއޯ ރާމޮސް އަށް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ.

ބާސާއާއި ރެއާލް މެޑްރިޑް ބައްދަލު ކުރާ މި މެޗު ރާއްޖޭ ގަޑިން މިރޭ 7:00 ގައި ފެށޭއިރު، މި މެޗު ކުޅެވޭނީ ބާސެލޯނާގެ ކޭމްޕްނޫ ސްޓޭޑިއަމްގައެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.