ޗެމްޕިއަންސް ލީގް: ރެއާލް މެޑްރިޑް ބަލިވިއިރު، އިންޓަމިލާން ވީ އެއްވަރު

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޝަޚްތާ ޑޮނެސްކާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް ބަލިވިއިރު، ބޮރޫޝިއާ މުންޗެންގްލަޑްބެކް އާއި ދެކޮޅަށް އިންޓަ މިލާން ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެޓީމު ބަލިވީ 2-3 ގެ ނަތީޖާއިންނެވެ.

ރޭގެ މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ރެއާލް މެޑްރިޑްއިންނެވެ. ނަމަވެސް ކައުންޓަރ އެޓޭކުގައި ޝަޚްތާއިން އައީ ދޭތެރެ ދޭތެރެއިން ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ޝަޚްތާއިން ވަނީ ތިން ލަނޑު ކާމިޔާބު ކޮށްފައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ޖަހައިދިނީ ޓެޓޭއެވެ. އަދި ޝަޚްތާގެ ދެވަނަ ލަނޑަކީ ރެއާލް މެޑްރިޑްގެ ޑިފެންޑަރ ރަފެއަލް ވެރާންގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަދި އެޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިޒްރޭލް ފޯވާޑް މިނޯ ސޮލޮމަންއެވެ.

ތިން ލަނޑުގެ ބޮޑު ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ޝަޚްތާއިން ނިންމާލި ނަމަވެސް ފަހުހާފަށް ކުޅެން ނިކުމެ ރެއާލް އިން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލަން ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ލުކަ މޮޑްރިޗް ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކުރި އިރު، އޭގެ ހަތަރު ވަރަކަށް މިނެޓު ފަހުން ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް ލަނޑެއްގެ ތަފާތަށް ފަރަގު ކުޑަކޮށްދިނީ ވިނިސިއަސް ޖޫނިއޯއެވެ. މި ލަނޑަށް ފަހު ވެސް ރެއާލްއިން އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުން ދިޔައިރު، ކައުންޓަރ އެޓޭކުގައި ޝަޚްތާއިން ދިޔައީ ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ގިނަ ރަނގަޅު ހުސް ފުރުސަތު ތަކެއް ޝަޚްތާއަށް ވަނީ ލިބި ބޭކާރުވެފައެވެ. ނަމަވެސް ރެއާލްއަށް ލަނޑު ޖަހާނެ މާ ރަނގަޅު ހުސް ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.

މި ގްރޫޕުގައި ރޭ އިންޓަ މިލާންއާއި ބޮރޫޝިއާ މުންޗެންގްލަޑްބެކް ބައްދަލުކުރި މެޗު އެއްވަރުވީ2-2 ގެ ނަތީޖާއިންނެވެ. އިންޓަގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވިއިރު، މި މެޗުގައި އިންޓަގެ ލަނޑުތައް ޖަހައިދިނީ ރޮމެލޫ ލުކާކޫއެވެ. އަދި ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ލަނޑުތައް ޖަހައިދިނީ ރަމީ ބެނސެެބައިނީ އާއި ޖޮނަތަން ހޮފްމަން އެވެ.

މި ނަތީޖާތަކާއި އެކު މި ވަގުތު މި ގްރޫޕުގެ އެއްވަނާގައި އޮތީ ރޭ ރެއާލް މެޑްރިޑް އަތުން މޮޅުވި ޝަޚްތާ ޑޮނެސްކް އެވެ. ދެވަނާގައި އޮތީ ބޮރޫޝިއާ މުންޗެންގްލަޑްބެކް އެވެ. އަދި ތިންވަނާގައި އިންޓަމިލާން އޮތްއިރު، ރެއާލް މެޑްރިޑް އޮތީ އެންމެ ފަހަތުގައެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.