ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު-- ފޮޓޯ: ރައީސް އޮފީސް
ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު-- ފޮޓޯ: ރައީސް އޮފީސް

ކޮލަމް ކުލަ: ޒަމާނީ ބަދަލުތަކާއި ގައުމިއްޔަތު

މީގެ ދެ ދުވަސް ކުރިން އަހަރެމެން ފާހަގަކުރީ ދިވެހިރާއްޖޭގެ ގައުމީ ދުވަހެވެ. އެކަމަކު، ޅަ އުމުރުގެ ވަރަށް ގިނަ ބަޔަކަށް އެއީ ކޮން ދުވަހެއް ކަމެއް ނޭނގިދާނެ އެވެ. ކަން އޮތީ ވެސް އެހެންނެވެ. ވަރަށް ގިނަ ބަޔަކަށް އެއީ ހަމައެކަނި ޗުއްޓީ ދުވަހެކެވެ. ސްކޫލް ދަރިވަރުންނަށް އެއީ ގޭގައި ތިބެން ލިބޭ އިތުރު ދުވަހެކެވެ. ވަޒީފާ އަދާކުރާ ފަރާތްތަކަށް އެއީ މަސައްކަތުން  ދުރުގައި ހޭދަކޮށްލަން ލިބޭ އިތުރު ފުރުސަތެކެވެ.

ގައުމީ ދުވަސް ހަގީގީ މާނައިގައި ފާހަގަކުރުމަކީ ހަމައެކަނި މާލޭގެ މައި މަގުތަކުގައި ދިދަ އެތުރުމެއް ނޫނެވެ. މުނާޖާ ކޮނޑުއަޅައިގެން ގައުމުގެ ވެރިން ޖުމްހޫރީ މައިދާނަށް އެއްވެ ބޮޑު ދިދަ ނެގުމެއް ވެސް ނޫނެވެ. އަޑުއަހާލަން ފަސޭހަ، އަހަން ބޭނުންވާހެން ހީވާ ބަސްތައް ހިމަނައިގެން ދޭ ތަގުރީރުތަކެއް ވެސް ނޫނެވެ. “ޒަމާނީ” ވެފައިވާ ދިވެހި ލިބާހާއި ހެދުން ލައިގެން ނަގާ ފޮޓޯގަނޑެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލުމެއް ވެސް ނޫނެވެ.

އެ އަށް ވުރެ މާ ފުޅާ ދާއިރާގައި ގައުމީ ދުވަސް ފާހަގަކުރަންޖެހޭ ސަބަބުތައް ގިނަ އެވެ. ބަވަނަ ވަމުންދާ ދުނިޔެއެއްގައި މި ކުޑަކުޑަ ރާއްޖެ ވެސް ފައިހަމަކުރަން މަސައްކަތް ކުރަމުން އަންނައިރު، ގައުމިއްޔަތު ދިރުވައި އާލާކުރަން ޖެހެ އެވެ. ރާއްޖެ އަށް ލިބިފައިވާ ހާއްސަ ސިފަތައް އެ ގޮތުގައި ދެމެހެއްޓުމަށެވެ. އެއީ ދިވެހިންގެ މިނިވަންކަން ރައްކާތެރިކުރެވޭނެ ހަމައެކަނި ގޮތް ކަމަށް ވީތީ އެވެ.

މިއީ ކަނޑިބަޑި ހިފައިގެން ގައުމުތަކަށް އަރައި އެ ގައުމުތައް އަޅުވެތިކޮށްގެން އުޅޭ އަދި އުޅެވޭނެ ޒަމާނެއް ނޫނެވެ. އިހު ޒަމާނުގައި ނާފަހަރުގައި ބޮޑެތި ކަނޑުތައް ހުރަސްކޮށް، ތަންތަން “ހޯދައި” އެ ތަނުގެ ވަޒަންވެރިން އެ ތަންތަނުން ފަހާލައި ވެރިވެގަނެގެން އުޅެވުނަސް، މި ޒަމާނުގައި އެއީ އެއްވެސް ގައުމަކަށް، އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ކިތަންމެ ކުޑަ ގައުމަކަސް، އެ ރައްކާތެރިކަން ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކުން ވަނީ ލިބިދީފަ އެވެ.

ޒަމާން ބަދަލުވަމުން އައިސް، އެހެން ކަންކަމެކޭ އެއްގޮތަށް، މި ޒަމާނުގައި ގައުމުތައް “އަޅުވެތި” ކުރަނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. މުޅިން ތަފާތު އުކުޅުތައް ބޭނުންކޮށްގެންނެވެ. ތައުލީމާއި ތަރުބިއްޔަތުގެ ނިޒާމަށް ގެންނަ ބަދަލުތައް މެދުވެރިކޮށެވެ. އިގްތިސާދީ ތަރައްގީ އާއި ތަމައްދުން ހޯދަން ފެންބޮވައިގެންފައި ތިބޭ ރައްޔިތުންގެ ހިތްތަކަށް ފިނިކަމެއް ލިބޭ ފަދަ މަޝްރޫއުތައް ހިންގައިދީގެންނެވެ. އިންތިހާބީ މޫސުމަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ ވެރިން ދައްކާ ދަޅަތަކުގެ ތެރެއިން ކޮންމެވެސް މިންވަރެއް ހަގީގަތަކަށް ހެދުމަށް ބޭނުންވާ ފައިސާ ދީގެންނެވެ. ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ޔަގީންކަން ދީގެން، އޭގެ ނިވަލުގައި ތިބެ، ވިސްނުމާ ކުޅުމަށް ހިންގާ ތަފާތު އެޖެންޑާތައް މެދުވެރިކޮށެވެ.

ރާއްޖޭގެ ހަލަބޮލި ސިޔާސީ މަސްރަހުގެ ތެރޭގައި، މިދިޔަ ދިހަވަރަކަށް އަހަރު ފެނިގެން ގޮސްފައި ވަނީ “ޒަމާނީ އަޅުވެތިކުރުމަށް” ޖާގަދެވިގެން ގޮސްފައިވާ ތަނެވެ. އެއް ޕާޓީން ހުށަހަޅާ މަޝްރޫއަށް ވުރެން ބޮޑު މަޝްރޫއެއް ހުށަހަޅައިގެން އިންތިހާބު ކާމިޔާބުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހުޅުވޭ ދޮރުން ވަންނަނީ ބޭރުގެ ނުފޫޒެކެވެ. އެއިރެއްގައި ވެރިކަމެއްގައި ތިބޭ ބައެއްގެ ގޮތުން، އެ ފުރުސަތު ލިއްބައިދޭ ފަރާތް ބަދަލުވިޔަސް، އާހިރުގައި ނުކުންނަނީ އެއް ނަތީޖާ އެކެވެ. ގައުމަށް ލިބެނީ ފޫނުބެއްދޭ ވަރުގެ ދެރައެކެވެ. ނިކަމެތި ވަނީ ރައްޔިތުންނެވެ.

ތެދެކެވެ؛ ޓެކްނޮލޮޖީ އާއި އެ ނޫން ވެސް ޒަމާނީ ފަސޭހަތަކާ އެކު ދުނިޔޭ “ކުޑަ އަވަށަކަށް” ބަދަލުވެފައިވާ މި ޒަމާނުގައި، ރާއްޖެ އަކީ ވެސް އެ ދުނިޔޭގެ ބައިވެރިއެކެވެ. ދުނިޔޭގެ ގައުމުތަކާ ވަކިވެގަނެގެން ލިބޭނެ ފައިދާއެއް ނޯންނާނެ އެވެ. ގައުމުގެ އިސްތިގުލާލާއި މިނިވަންކަން ހިމާޔަތްކުރުމުގެ ނަމުގައި، ބައިނަލްއަގުވާމީ ދުނިޔެއާ އޮންނަ ހުރިހާ ގުޅުމެއް ކަނޑާލައިގެން ލިބޭނެ ވަކި މޮޅެއް ނޯންނާނެ އެވެ. އެފަދަ ކޮންމެ ކަތި ފިޔަވަޅެއްގެ ހިތި ނަތީޖާގެ އެންމެ ބޮޑު ބުރައެއް އުފުލަންޖެހޭނީ ހަމަ އާދައިގެ ރައްޔިތު މީހާ އެވެ.

އެކަމަކު، ފާއިތުވެދިޔަ އަހަރުތަކުގަ އާއި އަދި މިހާރު ވެސް ރާއްޖޭގެ މިސްރާބު ހުރީ އެފަދަ، ފައިދާ ހުރި ގޮތެއްގައި ގައުމުތަކާ އެކު ގުޅުން ބަދަހިކުރުމާ ދިމާލަށްތޯ ސުވާލު އުފެދެ އެވެ. ވަކި ކޮޅަކަށް ނުޖެހޭ، ޑިޕްލޮމެޓިކް އުސޫލުތަކެއްގެ މަތިން ހާރިޖީ ސިޔާސަތު ބައްޓަން ކުރަމުން އައި ރާއްޖެ މިހާރު މި ވަނީ ބޮޑެތި ބާރުތަކުގެ ތެޅުންގަނޑުތަކުގެ ތެރޭގައި ތާށިވެފަ އެވެ. ކުރީގެ ސަރުކާރުން ދީލައިލީ، ޗައިނާ ކޮޅަށެވެ. ފަސޭހަ އިން، ބޮޑެތި އަދަދުތަކުން ފައިސާ ލިބޭނެތީ އެވެ. އެ ސަރުކާރު ނިމި، އޭރުގެ އިދިކޮޅު ފަރާތްތަކުން ވެރިކަމާ ހަވާލުވެފައިވާއިރު، މިހާރު ދީލައިލާފައި ވަނީ ޗައިނާގެ އެންމެ ވާދަވެރި އިންޑިއާ ކޮޅަށެވެ. ދެކޮޅުގައި ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކުގެ ގޮތުގައި ބަލާ ދެ ގައުމެވެ. މެދުގައި ގައުމާއި ރައްޔިތުންނެވެ.

މި ޒަމާނުގެ ކަނޑިބަޑި އަކީ މައުލޫމާތެވެ. މިހާރު ކުރަނީ ފިކުރީ ހަނގުރާމަ އެވެ. ފޮނުވާލަނީ، “އަޑި ނޭނގޭ” އިގްތިސާދީ ހަމަލާތަކެވެ. މިއީ ނިމުމެއް ނެތް ހަނގުރާމަ އެކެވެ. މި ހަނގުރާމަ އެންމެ ހޫނުވާ އަތަށް އަޅާއިރު ރާއްޖޭގެ އަމިއްލަވަންތަކަން އޮންނާނީ ގެއްލިފަ އެވެ. ދިވެހިންގެ އާދަކާދަ އާއި ސަގާފަތް ހަނދާނުގައި ހުންނާނީ މަދު މީހެކެވެ. ގައުމު އޮންނާނީ، ބޭރުގެ ކޮންމެ ބޮޑު ބާރަކަށް ވެސް ފިކުރީ ގޮތުންނާއި އެ ނޫން ވެސް ގޮތް ގޮތުން ބޭނުންހާ ގޮތަކަށް ކޮންޓްރޯލްކުރެވޭ ފަދަ ހާލަތަކަށް ގޮސްފަ އެވެ.

މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ހިތާބުގައި ވިދާޅުވެފައިވެ އެވެ؛ “ގައުމުތަކާ އެކު ގުޅުން ހަރުދަނާކުރަމުން އަންނަނީ މުހިއްމު ދެ ކަމެއް ކަށަވަރު ކުރަމުން. އެއް ކަމަކީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުން. ދެ ވަނަ ކަމަކީ އެ ގުޅުންތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާވުން.”

އެއީ ބުނެލާ ބަހަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ. އަމަލުން ވެސް އެކަން ދައްކަން ޖެހޭނެ އެވެ. ވެރިކަން ބަދަލުވާނެ އެވެ. އެކަމަކު، ރާއްޖެ މި ގޮތުގައި ދެމިއޮންނާނެ އެވެ. އެއީ، އަހަރެމެން މި ގައުމު އެ ގޮތުގައި ދެމެހެއްޓި ދުވަހަކާ ޖެހެންދެންނެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.