މަސްވެރިންތަކެއް މަސްވެރިކަމުގައި: --- ފޮޓޯ: އަހްމަދު ރިޔާޒް ޖައުހަރީ
މަސްވެރިންތަކެއް މަސްވެރިކަމުގައި: --- ފޮޓޯ: އަހްމަދު ރިޔާޒް ޖައުހަރީ

އިންކަމް ސަޕޯޓު އެލަވަންސް ދޫކުރި މީހުންގެ އަދަދު 10،000 އާއި ގާތަށް!

ކޯވިޑް-19 އާއި ގުޅިގެން ވަޒިފާއަށް އަސަރު ކުރި ފަރާތްތަކަށް ސަރުކާރުން ދޫކުރަން ފެށި އިންކަމް ސަޕޯޓު އެލަވަންސް ދޭން ފެށީ މިއަހަރުގެ އޭޕްރިލް މަހު އެވެ.

މާޗް މަހު މި އެލަވަންސް ދޭކަން އިއުލާނު ކުރި ނަމަވެސް ތަފްސީލް ހާމަ ކުރެވުނީ މެއި މަހުގެ ތެރޭގައި އެވެ. އިންކަމް ސަޕޯޓު އެލަވަންސް ދޫކުރުމުގައި އޭރު ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ޖޫން މަސް ފެށުން އިރުވެސް ގިނައީ އޭޕްރިލް މަހުގެ އެލަވަންސް ނުލިބޭ މީހުންނެވެ.

ފުރަތަމަ ފަށައިގެން އިރު މާބޮޑު ތަރުހީބެއް އާންމުންގެ ފަރާތުން މި އެލަވަންސްއަށް ލިބިފައެއް ނުވެ އެވެ. އާންމުގެ ތަރުހީބު ކުޑަވީ ކަނޑައެޅި ތާރީހުތަކަށް އެލަވަންސް ދޫކުރެވިފައި ނުވާތީއެވެ. އެގޮތުން މިދިޔަ ޖުލައި މަސް ފެށުނު އިރު މި އެލަވަންސް ދޫކުރެވިފައިވަނީ 2،000 އެއްހާ މީހުންނަށެވެ.

އޭރު ގިނަ ބަޔަކު ބުނަމުން ދިޔައީ މި އެލަވަންސް ދޭގޮތާއި ލިބެނީ ކޮން ބަޔަކަށް ކަން ނޭނގޭ ކަމަށެވެ. އެހެން ދިމާވީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުން ކުރުމާއި ގުޅިގެން މުވައްޒަފުން އޮންލައިންކޮށް ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ރިސޯޓެއްގެ މުވައްޒަފުން މުސާރައާއި އިނާޔަތްތަކާއި މެދު ހިތްހަމަ ނުޖެހިގެން މުޒާހަރާ ކުރަނީ — ފޮޓޯ: ސޯޝަލް މީޑިއާ

އެހުރިހާ ހުރަސްތަކެއް ކަޑަތު ކުރުމަށް ފަހު މިއަދު އިންކަމް ސަޕޯޓު އެލަވަންސް އަކީ ވަޒީފާއަށް ސަރަރު ކުރި ފަރާތްތަކުން އިތުބާރު ކުރާ އެލަވަންސަކަށް ވެއްޖެ އެވެ. އެލަވަންސްއަށް އޮންލައިންކޮށް ފޯމް ފުރާތާ 24 ގަޑިއިރު ތެރޭގައި މައުލޫމާތު ފުރިހަމަ ނުވާނަމަ ފޯނުންނާއި އީމެއިލް މެދުވެރިކޮށް އަންގައެވެ. އެލަވަންސް ހޯދުމަށް ޝަރުތު ހަމަ ނުވާނަމަ ސަބަބާއި އެކު ތަފްސީލް އާންމު ކުރެ އެވެ. އެލަވަންސް ދޫކުރުމުގެ މަސައްކަތް ކުރިޔަށްދާ ގޮތުގެ ތަފްސީލް ޖޮބް ސެންޓަރުގެ ވެބްސައިޓު މެދުވެރިކޮށް ބަލާލެވެ އެވެ.

އިންކަމް ސަޕޯޓު އެލަވަންސްއަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ހާމަވަނީ މިހާތަނަށް އެލަވަންސަށް ދޫކޮށްފައިވާ މީހުންގެ އަދަދުންނެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 9،989 މީހަކަށް 106 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރު އަމީރު– ފޮޓޯ: ރައީސް އޮފީސް

މި އެލަވަންސް ލިބޭނީ ކޯވިޑްގެ ހާލަތާއި ގުޅިގެން ވަޒީފާއިން ވަކި ކުރި މީހުން، ސަސްޕެންޑު ކުރި މީހުން، ނޯ ޕޭއަށް ފޮނުވާލި މީހުން އަދި މުސާރައިން ބައެއް އުނިކުރި މީހުންނާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންނާއި މުސާރައިން ބައެއް އުނި ކުރި މީހުންގެ ތެރެއިން އެލަވަންސް ދެމުން ދަނީ 5،000 ރުފިޔާގެ އާމްދަނީ ނުލިބޭ މީހުންނަށާއި އެއަށްވުރެ ދަށުން ލިބޭނެ ނަމަ 5،000 ރުފިޔާއަށް މަދުވާ ބައި ހަމަކޮށްދީގެންނެވެ.

މީގެ އިތުރުން ފަހުން ވަނީ އިންކަމް ސަޕޯޓު އެލަވަންސް ދޫކުރާ މީހުންގެ ތެރޭގައި މަސްވެރިންނާއި ދަނޑުވެރިން ހިމަނާފައި އެވެ. މީގެ އިތުރުން ފުރަތަމަ އޭޕްރިލް، މެއި އަދި ޖޫން މަހު ދޭން ނިންމި މި އެލަވަންސް މިހާރު ވަނީ މިއަހަރުގެ ނިޔަލަށް ދޭން ނިންްމާފައި އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކޯވިޑް ހާލަތު އެހާތަނަށް ރަނގަޅު ނުވެއްޖެ ނަމަ ހާލަތު ރަނގަޅުވަންދެން އެލަވަންސް ދޫކުރާނެ ކަމަށެވެ.

ކޯވިޑާއި ގުޅިގެން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާ ކުރަމުންދިޔަ މުވައްޒަފުންގެ އާމްދަނީ އަށެވެ. އިކޮނޮމިކް މިނިސްޓްރީން ހެދި ދިރާސާއެއްގައި ބުނެފައިވަނީ ޖުލައިގެ ނިޔަލަށް ޓޫރިޒަމް ދާއިރާގެ 22،000 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.