ގައުމީ ދުވަސް – ދުވަސް ނޫހުގެ ޚާއްސަ ޕްރޮޖެކްޓެއް ސަޅި އިނާމުތަކާއި އެކު

ދުވަސް ނޫހުގެ ހުރިހާ ކިޔުންތެރިންނަށް ގައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. ގައުމީ ދުވަހުގައި ކުރަންވީ އެންމެ އިސްކަމެއްގެ ގޮތުގައި ދުވަސްނޫހުން ދެކެނީ ގައުމުގައި ރަނގަޅުކުރަން ހުރި ކަންތައްތަކަށް ވިސްނާ އެކަމާއި ގުޅޭގޮތުން އެ މީހަކަށް ނުވަތަ އެ ބަޔަކަށް ކުރެވޭނެ ކަމެއް ކޮށްދިނުމުވެ. އެގޮތުން މި ގައުމީ ދުވަހުން ފެށިގެން މި ނޫހުގެ ފަރާތުން ވަނީ ރާއްޖޭގައި ހުރި މުހިއްމު ކަންތައްތަކާއި ގުޅޭ ގޮތުން މިހާރަށް ވުރެ ފުޅާކޮށް އަދި ފުރިހަމަކޮށް ޚިޔާލުތަކާއި ރިޕޯޓްތަކެއް ގެނެސްދޭން ނިންމާފައެވެ. ބޭނުމަކީ އާންމު ރައްޔިތު މީހާގެ އިހްސާސް އޭނާގެ ހިތުގައި އަޅާ ވޭން އޭސީ ކޮޓަރީގެ ބޮޑު ގޮނޑީގައި ޕޮލިސީ ލެވެލްގައި އިން މީހާ އަށް އިއްވާ ދިނުމެވެ. އަންގާ ދިނުމެވެ.

‘ދުވަސްޑައިލޮގް’ ޕްރޮޖެކްޓް މި ފަށަނީ މި މަތިވެރި މާތް މަގުސަދުގައެވެ. މި ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ ގެނެސްދޭން ނިންމާފައި ވަނީ ކުލީގެ މައްސަލަ އާއި ބެހޭގޮތުންނެވެ. ތެދެކެވެ. މިއީ އާ މައްސަލަ އެއް ނޫނެވެ. އެހެނަސް މި މައްސަލަ، މައްސަލައެއްގެ ގޮތުގައި ނުވަތަ ކަންބޮޑުވުމެއްގެ ގޮތުގައި މި ހުރިހާ ދުވަހު އޮތުމަކީ އެންމެ ބޮޑު އެއް މައްސަލައެވެ. މިއީ ވަރަށް ހައްސާސީ މައްސަލައެކެވެ. އެހެންކަމުން ދުވަސް ނޫހުން ބަލާނީ ވަކި ފަރާތަކަށް ނުޖެހި ވީހާވެސް މިނިވަން ކަމާއި އެކު މައްސަލައިގެ ހަ ފަރާތް ކިޔުންތެރިންނަށް ގެނެސް ދިނުމަށެވެ.

މި ޕްރޮޖެކްޓާއި އެކު ދުވަސް ނޫހުން ކިޔުންތެރިންނަށް ވެސް ވަނީ މުހިއްމު ފުރުސަތުތަކެއް ހުޅުވާފައެވެ. އެގޮތުން މިކަމާއި ގުޅޭ ގޮތުން ކިޔުންތެރިން ފޮނުވާ ލިޔުންތަކާއި ފޮޓޯތަކާއި ވީޑިއޯތައް އެޑިޓޯރިއަލް ޓީމުން ބެލުމަށްފަހު އަޅުގަނޑުމެންގެ މިންގަނޑުތަކަށް ފެތޭނަމަ މި ނޫހުގަ އާއި އަޅުގަނޑުމެންގެ ސޯޝަލް މީޑިއާގައި ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. އެންމެ ފުރިހަމަ ލިޔުމަށް އެއްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައެޅިފައެވެ. ކުލި ދައްކައިގެން އުޅޭ ނިކަމެތި ހާލު ދައްކައިދޭ ފޮޓޯތަކުގެ ތެރެއިން އެއްވަނަ އަށް ހޮވޭ ފޮޓޯ އަށް ވެސް އެއްހާސް ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެގޮތަށް ކުލީގެ ހިތްދަތި ދިރިއުޅުން ދައްކުވައިދޭ ދެ މިނިޓަށް ވުރެ ކުރު ވީޑިއޯތަކުގެ ތެރެއިން އެއްވަނަ އަށް އަންނަ ވީޑިއޯ އަކަށް 1500 ރ ގެ ފައިސާގެ އިނާމުވެސް ވަނީ ހުށަހެޅިފައެވެ. މީގެ ތަފްސީލްތައް ދުވަސްގެ ސޯޝަލް މީޑިއާގައި ފަހުން ގެނެސްދެވޭނެއެވެ. އަދި އިތުރު އިނާމުތަކާއި ކުރިއަށް ހިޔާރު ކުރާނެ އިޖްތިމާއީ މައްސަލަތަކުގެ ތަފްސީލުވެސް ދުވަސްގެ ސޯޝަލް މީޑިއާ ޕްރޮފައިލްތަކުން ގެނެސްދެމުން ދާނެއެވެ.

މި ޕްރޮޖެކްޓް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި ތި ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ބޭނުންވާނެއެވެ.

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.