އިތުރު ތިން ރަށެއްގައި އެސްޓީއޯގެ ފާމަސީ ހުޅުވައިފި އެވެ.
އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި އެންމެ ފަހުން ފާމަސީ ހުޅުވާފައި ވަނީ ހދ ނޮޅިވަރަމްފަރު، ރ.މާކުރަތު އަދި އދ. ފެންފުށީގަ އެވެ.
އަލަށް ހުޅުވި ފާމަސީތަކާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު 157 އަށް އަރާފައިވާއިރު އެސްޓީއޯއިން ބުނީ އެ ފާމަސީ ތަކަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުޅުވި ފާމަސީތަކެއް ކަމަށެވެ.

ބައެއް ރަށްރަށުން އާންމު ބޭސްތައް ވެސް ލިބެން ނުހުންނާތީ ރައްޔިތުންގެ ޝަކުވާ ބޮޑު އިރު މި އަހަރު ނިމުމުގެ ކުރިން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރަ ހުޅުވުމުން އެކަން ހައްލުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެސްޓީއޯއިން ބުނީ މި މަޝްރޫއު ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދިއުމަށް ހެލްތު މިނިސްޓްރީގެ އެހީތެރިކަން ފުރިހަމައަށް ލިބެމުންދާ ކަމަށެވެ. އަދި ރަށްރަށުގެ ލޯކަލް ކައުންސިލްތަކުންނާއި ރައްޔިތުންގެ އެހީތެރިކަން ލިބޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.