ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސިވިލް ސާވިސް އިން މި ފުރުސަތު ހުޅުވާލާފައިވާއިރު އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަސީރު ވަނީ މިމަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
”މަގާމަށް ހޮވޭ ފަރާތް، ކޮމިޝަން އެކުލަވާލާ އުސޫލެއްގެ ދަށުން، މަގާމުގެ މުއްދަތުގައި އެއް އޮފީހުން އަނެއް އޮފީހަށް ދައުރުކުރުމުގެ އިހުތިޔާރު ސިވިލް ސާވިސް ކޮމިޝަނަށް ލިބިގެންވޭ“ އެ އިއުލާނުގައި ބުނެފައި ވެ އެވެ.
އެ އިއުލާނުގައި ވާގޮތުން މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ 14:00 އެވެ. މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން، މަގާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިހާނުކުރުން އޮންނާނީ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހަށް މާލޭގައި ކަމަށް ސިވިލްސާވިސްގެ އިއުލާނުގައި ބުނެފައިވާއިރު އެ މަގާމަކީ މުސާރައިގެ ގޮތުގައި މަހަކު 20500 ރުފިޔާ އަދި ލިވިން އެލެވެންސްގެ ގޮތުގައި މަހަކު 15000 ރުފިޔާ ކަނޑައަޅާފައިވާ މަގާމެކެވެ.