ރައްޔިތުންގެ މަޖިލީހަށް ހާއްސަކޮށް ރައްޔިތުންގެ މަޖިލީހާ ގުޅުންހުރި މައުލޫމާތު ގެނެސްދިނުމަށް ޕަބްލިކް ސާވިސް މީޑިއާ(ޕީއެސްއެމް) އިން އުފެއްދި މަޖިލިސް ޗެނަލްގެ ހިދުމަތް މިއަދު ދޭން ފަށައިފި އެވެ.
ޕީއެސްއެމްއިން ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކާއި ފާސްކުރާ ބިލްތަކުގެ މަޢުލޫމާތު މިޗެނަލް މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ވިދާޅުވީ، މިޒަމާނުގައި މީޑިއާގައި މަސައްކަތްކުރައްވާ ފަރާތްތަކަކީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ވަރަށް މުރާލިބައެއްކަމަށާއި، މީޑިއާގެ ދާއިރާ ހަރުދަނާކުރައްވާ މައުލޫމާތު ފެތުރުމުގެ ވިއުގަ ތަރައްގިކުރުމަށް ޕަބްލިކް ސާވިސް މީޑިއާއިން ކުރައްވާ އަގުހުރި މަސައްކަތް ފާހަގަކުރައްވާކަމަށެވެ. އަދި ޤައުމުގެ ތަރައްގީގައި މީޑިއާގެ ދައުރު ވަރަށް މުހިއްމުކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މިޗެނަލާ ބެހޭގޮތުން ޕަބްލިކް ސަރވިސް މީޑިޔާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލު ވިދާޅުވެފައިވަނީ ޕީއެސްއެމްގެ މިހާޅަފަތުގައި މަޖިލީހަށް ޚާއްސަކޮށް ޗެނަލެއް ހެދުމަށް އިސްކަންދިން ސަބަބުތައް ގިނަކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތްތައް ކައިރިން ރައްޔިތުންނާ ހަމައަށް ގެނެސްދިނުން އެއީ މީގެ ތެރެއިން މުހިންމު އެއް ސަބަބުކަމަށެވެ.
މިޗެނަލްގެ ޚިދުމަތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނޯންނަ ދުވަސްތަކުގައިވެސް ދެމުންގެންދާނެކަމަށް ޚަލީލު ވިދާޅުވިއެވެ.
ޗެނަލާ ބެހޭގޮތުން ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިޔާގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލްލަތީފު ވިދާޅުވެފައިވަނީ މިޗެނަލް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހާ ގުޅުންހުރި ހުރިހާ މަޢުލޫމާތެއް މެމްބަރުންވެސް ހިމެނޭގޮތުން ގެނެސްދިނުމަކީ މިޗެނަލް އުފެއްދުމުގެ އެއް ބޭނުންކަމަށެވެ.
ޕީއެސްއެމް އިން ބުނީ މިޗެނަލް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ސިއްރުކޮށްގެން ބާއްވާ ކޮމެޓީ ނޫން ހުރިހާ ކޮމެޓީތަކެއް ގެނެސްދެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހާ ގުޅުންހުރި އެކިކަހަލަ މަޢުލޫމާތުތައްވެސް މިޗެނަލުން ގެނެސްދެމުންދާނެ ކަމަށެވެ. މިޗެނަލް ފެންނާނީ މީޑިޔާ ނެޓްގެ 123ވަނަ ޗެނަލުންނެވެ.