ފައިސާއަށް ހަށި ވިއްކަމުން ދިޔަ އަންހެނަކާއި 2 ފިރިހެނުން މާލެއިން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 26 އަހަރުގެ އަންހެނަކާއި 24 އަހަރުގެ ފިރިހެނެއްގެ އިތުރުން 27 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި 3 މީހުންނަކީވެސް ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ.
ފައިސާއަށް ހަށިވިއްކަމުންދާ ކަމުގެ މަޢުލޫމަތު ފޮލިސް އިންޓަލިޖެންސަށް ލިބުމާއެކު، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓާއި ގުޅިގެން ރޭ ހިންގި އޮޕަރޭޝަންގައި ކޯޓް އަމުރެއްގެ ދަށުން ބަލައިފާސް ކޮށްފައި ވަނީ މ.ޗިޅިޔާޖެހިގޭގައި ބިދޭސީން ދިރިއުޅޭ ތަނެއް ކަމަށާއި ރޭ 08:45 ހާއިރު ފުލުހުން ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެތަނަށް ވަންއިރު އެތަނަށް 26 އަހަރުގެ އަންހެން މީހާއާއި 27 އަހަރުގެ ފިރިހެން މީހާ ތިބީ ޖިންސީ ޢަމަލު ހިންގަން ކަމަށްވެސް ފުލުހުން ބުނެއެވެ.
އަދި އެތަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާވެސް ފެނިފައިވާކަމަށާއި މި މައްސަލަ ، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.