“އެހެން ޓީމެއްގެ ޖޯޒީގައި ސުއަރޭޒް ކުޅޭތަން ފެނުމަކީ އަހަރެން އެދޭ ކަމެއްނޫން: މެސީ

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށްލަން ހުށަހަޅައި ފަހުން އެ ނިންމުން ބަދަލުކުރަން ޖެހުމަކީ މެސީ ކުރަން ބޭނުންވި ކަމެއް ނޫނެއެވެ. އަދި ހަމަ އެހެންމެ މެސީ ބާސެލޯނާގައި މަޑުކުރީ އިތުރު އެހެން ގޮތެއް ނެތުމުންކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އޭރުވެސް އަދި މިހާރުވެސް ބާސެލޯނާގެ މެނޭޖްމަންޓަށް މެސީ ބުނަމުން ދިޔައީ ލުއިސް ސުއަރޭޒް ދޫކޮށްނުލާ ބާސާގައި ބެހެެއްޓުމަށެވެ. ނަމަވެސް ކަން ވެގެން ގޮސްފައިވަނީ މެސީގެ މި އާދޭހާއި މުޅިން ޚިލާފަށެވެ. ސުއަރޭޒް ވިއްކާލީއެވެ.

ސުއަރޭޒް ވިއްކާލުމާ ގުޅިގެން އުފެދުނު ހިންހަމަ ނުޖެހުންތައް މެސީ ބަންޑުން ކޮށްލީ އިންސްޓަގްރާމްގައެވެ. އިންސްޓަގްރާމުގައި މެސީ ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ކްލަބް ދޫކޮށްލިއިރު ސުއަރޭޒަށް ހައްގުވާ ވަރުގެ މަސައްކަތެއް ބާސެލޯނާ އިން އޭނާ އަށް ކޮށްނުދޭ ކަމަށެވެ. އަދި މިހާރު ކްލަބްގެ ހާލަތު ދަށްވެފައި އޮތްވަރުން އެއްވެސް ކަމެއް ފެނިފައި ހައިރާންނުވާ ކަމަށެވެ.

“އަހަރެން ކްލަބްގެ ޗޭންޖިން ރޫމަށް ދިޔައިރު ވަރަށް އުނދަގޫ ހަގީގަތަކާ ކުރިމަތިލާން ޖެހުނީ. ސުއަރޭޒް މި ކްލަބް ދޫކޮށްލާއިރު އޭނާ އަށް އެކަށީގެންވާ ވަރުގެ ކަންތައްތަކެއް ކޮށްދޭން ޖެހޭ. އޭނާ އަކީ މި ކްލަބްގެ ތާރީހުގައި ހޯދި ބޮޑެތި ކާމިޔާބީގެ ހިއްސާދާރެއް. އެކަން ކްލަބަށް ބެލިޔަސް އަމިއްލަ ރެކޯޑަށް ބެލިޔަސް ވަރަށް ރަނގަޅަށް ހާމަވާން އެބައޮތް. ސުއަރޭޒް އަކީ ރަނގަޅު ކުޅުންތެރިއެއް. މި ކްލަބުން ސުއަރޭޒް ބޭރުކުރީ ރަނގަޅަކަށް ނޫން،” ސުއަރޭޒްގެ ދިފާއުގައި މެސީ ލިޔެފައިވެ އެވެ.

އަދި މީގެ އިތުރުން ސުއަރޭޒް އެހެން ކުލަބެއްގެ ޖޯޒީގައި ކުޅޭތަން ފެނުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫންކަމަށް ވެސް މެސީ ވަނީ ބުނެފައެވެ.

“އެހެން ޓީމެއްގެ ޖޯޒީގައި ސުއަރޭޒް ފެނުމަކީ އަހަރެން އެދޭގޮތެއް ނޫން.” މެސީގެ މެސެޖުގައި ބުނެފައިވެއެވެ.

ސުއަރޭޒް އެންމެ ފުރަތަމަ ބާސެލޯނާ ދޫކޮށް ބަދަލުވާން އުޅުނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށެއެވެ. އެކަމަކު އެ ޓީމަށް ބަދަލުވާން ހަދަން ޖެހޭ ޕާސްޕޯޓް ހެދޭހާ މުއްދަތު އޮއްވައި ބާސެލޯނާ އިން އޭނާ ދޫކޮށްލުމުގެ ކަންތައްތައް ނިންމައިނުދިނުމުން އެ ކަންވެސް ވަނީ ފަހުވަގުތު ކެންސަލް ވެފައެވެ. އަނެއްކޮޅުން ސުއަރޭޒް ޔުވެންޓަސް އަށް ބަދަލުވާއިރު، އޭނާ ބޭނުންވީ ކޮންޓްރެކްޓްގެ ބާކީ އޮތް މުއްދަތަށްވާ 14 މިލިއަން ޔޫރޯ ހޯދާށެވެ. އެކަމަކު ފަހުން ހަތް މިލިއަން ޑޮލަރުގެ އަގަކަށް އެތުލެޓިކޯ އަށް ވިއްކާލީ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސުއަރޭޒް އަގުހެޔޮކޮށް އެތުލެޓިކޯ އަށް ދޫކޮށްލަން ނިންމީ ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު އާއި އެތުލެޓިކޯގެ ރައީސް އެންރީކޭ ސެރޭޒޯގެ ގާތްގުޅުމެއްގެ ތެރެއިންނެވެ.

2014 ވަނަ އަހަރު އިނގިރޭސި ކުލަބު ލިވަޕޫލުން ބާސާއާ ގުޅުނު ފޯވާޑް ހަ ސީޒަނަށްފަހު ބާސާ ދޫކޮށްލިއިރު، އޭނާ ވަނީ ބާސާއާއެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެގޮތުން ސުއަރޭޒް ބާސާއަށް ކުޅެދިން 283 މެޗުގައި 198 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. މީގެ އިތުރުން ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ބާސާއާއި އެކު ކާމިޔާބު ކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.