ނަސްރުގެ 59 ވަނަ މެރަތަން 6 އަހަރުގެ ދަރިފުޅަށްޓަކާ..

ރާއްޖޭގައި އެންމެ ގިނަ ފުލް މެރަތަން މިހާތަނަށް ދުވެފައިވާ ނަސްރު އަޙްމަދު (ނަސްރު) ގެ 59 ވަނަ މެރަތަން އޭނާގެ 6 އަހަރުގެ ދަރިފުޅު ނަފޫ ގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި މނިއަދު ޖަހައިފި އެވެ.

“ބަރލިން ބްރޭކް ދަ ވޯލް” ރަން ގައި ވަރޗުއަލްކޮށް ނަސްރު ދުވެފައިވަނީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.

ނަސްރުގެ 58 ވަނަ މެރަތަން ޖެހިތާ އެންމެ 14 ދުވަހުގެ ތެރޭގައި މި މެރަތަން ނަސްރު ޖަހާފައިވާ އިރު، މި މެރަތަން އޭނާގެ އެންމެ ހަގު ދަރިފުޅަށް ޚާއްސަކުރީ، ނަސްރުގެ ދުވުންތަކުގައި އެންމެ ބޮޑު ސަޕޯޓެއް ލިބޭ އެއްފަރާތަކީ އެ ތުއްތު ދަރިފުޅު “ނަފޫ” ކަމަށްވާތީ އެވެ.

” އަޅުގަނޑު އެންމެ ފަހުން ޖެހި މެރަތަންއަށް މިއަދުގެ މެރަތަންއާ ދޭތެރޭ މިވީ އެންމެ 14 ދުވަސް. މިއަދުގެ މެރެތަން މިޚާއްސަކުރަނީ އަޅުގަނޑުގެ އެންމެ ތުއްތު ދަރިފުޅަށް. ވަރަށް (ވަރަށް) ބޮޑު ސަޕޯޓެއް ލިބޭ އެ ދަރިފުޅުގެ ފަރާތުން އަޅުގަނޑުގެ ދުވުމަށް. ކިތަންމެ ތުއްތު ނަމަވެސް އެއީ އަޅުގަނޑުގެ ދުވުންތަކުގައި އެންމެ ސަޕޯޓިވް އެއްފަރާތް. އެހެންވެ މިއަދުގެ މެރަތަން މިއީ އެ ދަރިފުޅަށް ކުރި ހަދިޔާއެއް” އުފަލުން ރޮވިފައިވާ ނަސްރު ބުންޏެވެ.

ނަސްރު އޭނާގެ 6 އަަހަރުގެ ދަރިފުޅު، ނަފޫ އާއެކު: މިއަދުގެ މެރަތަން ޚާއްސަކުރީ އެ ދަރިފުޅަށް

މިއަދުގެ ދުވުމާ ގުޅޭގޮތުން ނަސްރު ބުނީ އެންމެ އުނދަގޫ ކަމަކަށް ދިމާވީ މިއަދުގެ ދުވުމުގެ އެންމެ ފަހު 10 ކިލޯމީޓަރުގައި ހޫނު ގަދަވުން ކަމަށެވެ.

އެހެން ނަމަވެސް އުއްމީދު ކުރި އަމާޒު ކަމަށްވާ 3 ގަޑި 48 މިނެޓް 6 ސިކުންތުން ދުވުން ނިންމާލެވުމަކީ ލިބުނު ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ނަސްރު ބުންޏެވެ.

ޚާއްސަގޮތެއްގައި 5000 މީޓަރުގެ ރާއްޖޭގެ ރެކޯޑު ހޯލްޑަރ މުޙައްމަދު ރަޝީދު (މޯޑު) ގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެހީތެރިކަމާއި މެރެތަން ރަނަރސްގެ ހީވާގި ދުވުންތެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ނަސްރު ފާހަގަ ކުރިއެވެ.

ނަސްރު އޭނާގެ ޓީމާއެކު މިއަދުގެ ރޭސް ނިންމާލުމަސްފަހު، ގްރޫޕް ފޮޓޯއެއްގައި

މިއަދުގެ ދުވުމުގައިވެސް “ރޭސް ރޫޓު” އަދި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ނެވެ.

މިއަދުގެ ރޭހުގައި ނަސްރުގެ ތަމްރީނުތައް ހަދަމުން އަންނަ މައުރޫފް މުޙައްމްދު (މާއްޓޭ) އާއި ޢަލީ ޚާލިދު ވަނީ ހާފު މެރަތަން ޖަހާފަ އެވެ. އަދި ޢަބދުﷲ ޚަލީލް (އައްބެ) ވަނީ5 ކިލޯމީޓަރު ދުވެފައެވެ.

ނަސްރު ބުނީ މި ދުވުންތެރިންވެސް ދުވެފައި މިވަނީ14 ދުވަސްތެރޭގައި ކަމަށާއި ދުވުންތެރިންގެ ޓައިމިން އާދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ.

ނަސްރުގެ މި މެރަތަންއަކީ މިއަހަރު އޭނާ ޖެހި 3 ވަނަ މެރަތަންއެވެ. އެންމެފަހުން އޭނާ މެރަތަންއެއް ފުރިހަމަކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު ނިއު ދިއްލީ މެރެތަން އާއި މިޒުނޯ އެކިޑެން ސިންގަޕޯ ވާޗުއަލް މެރަތަން އެވެ.

ރާއްޖޭގައި އެންމެގިނަ ފުލް މެރަތަން ޖެހުމުގެ ރެކޯޑް އޮންނަ ނަސްރުގެ ދެވަނަ އަމާޒަކީ އޭޝިއާ ބައްރުގައިވެސް މިފަދަ ރެކޯޑެއް ހެދުމެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭޝިއާގައި އެންމެ ގިނަ މެރެތަން ޖެހުމުގެ ރެކޯޑް އޮތް ދުވުންތެރިޔާ ދުވެފައިވަނީ 100-150 އާ ދޭތެރޭގެ އަދަދެކެވެ.

އެހެންކަމުން ނަސްރުގެ ދުވުންތައް ބައްޓަން ކުރަމުން އަންނަ ގޮތަށް ބަލާ އިރު، މިއީ ކުރެވިދާނެ ކަމެކެވެ.

ނަސްރު މިހާތަނަށް ދުވެފައިވާ ގިނަ މެރަތަން 4 ގަޑި އިރަށްވުރެ އަވަހަށް ނިންމާފައިވާ އިރު، ނަސްރުއަކީ ރާއްޖެއިން ބޭރުގައި ބޭއްވި މެރަތަންއެއްގައި އެއްވަނަ ހޯދި ފުރަތަމަ ދިވެހި ދުވުންތެރިޔާގެ ޝަރަފް އޮންނަ ފަރާތްވެސް މެއެވެ.

ނަސްރު އެއްވަނަ ހޯދީ އިންޑިއާގެ ނިއުދިއްލީގައި އޮތް ހިންދުސްތާން މެރަތަންގައި 3 ގަޑި 29 މިނެޓުން ރޭސް ނިންމައިގެންނެވެ. އެ ދުވުމުގައި ނަސްރު ދުވުނީ ހޫނުމިން 35 ޑިގްރީ ސެލްސިއަސްގައެވެ.

ދިވެހި ގައުމީ ދިފާޢީ ބާރުގެ ސްޓާފް ސަރޖެންޓެއްގެ ބުރަ މަސްއޫލިއްޔަތު އަދާކޮށް، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރަމުން ދުވާލު ދެއިރު ފަރިތަކުރުންތައް ބަރާބަރަށް ހަދަމުން ނަސްރު އެ އަންނަނީ ގައުމަށް ރީތި ނަމެއް ހޯދައިދިނުމަށެވެ.

ރާއްޖެއިން ބޭރުގައި ދުވިޔަސް، އަދި ވަރޗުއަލް ދުވުންތަކުގައި ދުވިޔަސް ނަސްރު ތަމްސީލު ކުރަނީ ދިވެހި ގައުމެވެ.

ނަސްރު ބުނީ އޭނާގެ ދުވުންތަކުގައި އެކި ފަރާތްތަކުން ވަމުންދާ އެހީތެރިކަމަށް ޝުކުރުއަދާ ކުރާ ކަމަށެވެ. ޚާއްސަކޮށް ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް ދެއްވާ އެހީތެރިކަމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

މިދިޔަ 2019 ވަނަ އަހަރު ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރެންފެށި ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ކަންކޮޅު ތަކުގައި ދުވުމުގެ ހަރަކާތައް މަޑު ޖައްސާލާފައިވީ ނަމަވެސް، ކޮވިޑްގެ ހާލަތަށް ބައެއް ގައުމުތަކުގައި ދީފައިވާ ލުޔާއެކު ވަރޗުއަލްކޮށް އަންނަނީ ދުވުންތައް ބާއްވަމުންނެވެ.

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.