އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަން ސަރުކާރާއި ޖީއެމްއާރާ ދެމެދު ހެދި އެއްބެސްވުން އުވާލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 803 މިލިއަން ޑޮލަރު ހޯދުމަށް ސިންގަޕޫރުގައި ކުރިއަށްދާ އާބިޓްރޭޝަނަށް ޖީއެމްއާރުން ހުށަހަޅައިފި އެވެ.
މީޑީއާ ރިޕޯޓްތައް ބުނާގޮތުން މިކަމާމެދު ޖީއެމްއާރުންވަނީ އިންޑިއާގެ ބައެއް ރަސްމީ ފަރާތްތަކަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި 803 މިލިއަން ޑޮލަރަކީ އެގްރިމެންޓް އުވާލުމުނެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ކަމަށާއި އަދި ޖީއެމްއާރުގެ ނަމަށް ލިބުނު ކިލަނބުކަމުގެ ބަދަލު ހޯދަން ވެސް ހުށަހަޅާފައި ވާނެ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
މީގެ ކުރިން ޖީއެމްއާރުން ބަދަލެއްގެ ގޮތުގައި އެދުނީ 1.4 ބިލިއަން ޑޮލަރު ނަގައިދިނުމަށެވެ. އައިއެންއައިއޭ ޖީއެމްއާރަށް ކުއްޔަށް ދިނީ އެމްޑީޕީ ސަރުކާރުގައެވެ. ކުއްޔަށް ދިނީ ތަރައްގީކޮށް ހިންގުމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ނިމުމަށްފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ ޖީއެމްއާރުގެ އެގްރިމެންޓް އުވާލާ އެއާޕޯޓް ސަރުކާރަށް ނަގާފައެވެ.
މި މައްސަލައިގާ އާބިޓްރޭޝަނުން މިހާތަނަށް ނިންމާފައިވަނީ ދިވެހި ސަރުކާރާއި ޖީއެމްއާރުން ކޮށްފައި ވަނީ ރަނގަޅު އެއްބަސްވުމެއް ކަމަށާއި ގާނޫނާ ޚިލާފަށް އެ އެގްރިމެންޓް ބާތިލްކުރުމުގެ ޒިންމާ ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނަގަން ޖެހޭނެ ކަމަށެވެ.