މިސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރަން ފަސް ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އެއްއަހަރު ފުރުމާއި ގުޅިގެން ސަރުކާރުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސއެއްވެސް ރަހުމެއް ނެތި މީހުންގެ ފުރާނަ ދުއްވާލަން ކެރޭ މީހުންނާއި ދޭތެރޭ ސަރުކާރުންވެސް ރަހުމެއް ނުބަހައްޓާނެ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން އެފަދަ މީހުންނަށް މަރުގެ އަދަބު ދޭނެ ކަމަށެވެ.
މަރުގެ އަދަބު ދޭނެގޮތާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެއްވެސް ރަހުމެއްނެތި މީހުން މަރާ މީހުންނަށް އިސްލާމީ ކައުންސިލިން ދިނުމަށް ފަހު ވާރިސުން ބޭނުންވެއްޖެ ހާލަތެއްގައި އިސްލާމީ ޝަރީއަތުގައި އެފަދަ މީހުންނަށް ކަނޑައެޅިފައިވާ އަދަބު ކަަމަށްވާ މަރުގެ އަދަބު ދޭނެކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރަނީ އިންސާނުންގެ ލޭ ބޭނުންވާތީ ނޫން ކަމަށާއި ނަމަވެސް ވެއްޓޭ ކޮންމެ ލޭ ތިއްކެއްގައި ދިރުމެއްވާ އިރު އެހެން އިންސާނުންގެ ކަރާމަތަށްޓަކައި ކަމަށެވެ.
”އިސްލާމީ އުސޫލްތަކުން އެ ކަންކަމަށް ފައިސަލާކޮށް އިސްތިއުނާފުގެ ހުރިހާ މަރުހަލާތަކެއް ނިމި އަދި އިސްލާމިކް ސިނިކަލް ކައުންސިލިން ދީ ނިމިގެން، އަދި ވާރިސުންގެ ފަރާތުން މައާފު ނުދޭ ކަމަށް ވަންޏާ މި ސަރުކާރަށް ކެރޭނެ މަރުގެ ހުކުމް ތަންފީޒުކުރަން،“ ރައީސް ވިދާޅުވި އެވެ.
ރާއްޖެއަކީ ވަކި މީހެއްގެ ތަނެއް ނޫން ކަމަށާއި ކޮންމެ މީހަކަށް ވެސް މިނިވަން ކަމާ އެކު ހިތްހަމަޖެހުމުގެ ނޭވާ ލެވެންޖެހޭ ކަމަށާއި އެހެން މީހެއްގެ ހައްގުތަކަށް އަރައިގަނެވިގެން ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ބިރެއްނެތި މަގުތައް މަތީ ކަތިވަޅި ހިފައިގެން އުޅޭ މީހުން ހުއްޓުވުމަށް އޮތް ބާރަކީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލްތައް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ބިލްތައް ފާސްވެގެން ގާނޫނަކަށްވެ އަމަލު ކުރަން ފެށިއްޖެނަމަ ކޯޓު އަމުރެއްނެތި މިފަދަ ބޮޑެތި ކުށްތައް ކުޜާ މީހުން 24 ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބޭނެ ކަމަށެވެ.
ފުރިހަމަ ތަހުގީގެއް ކުރެވި ރޯމާ ދުވާލު ދަރިވަރުންތަކެއް ކިޔަވަމުންދާ ސްކޫލެއްގެ ތެރެއަށް ކަތިވަޅީ ހިފައިގެން ވަނުން ހުއްޓޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ މީގެ ކުރިން 100 އިންސައްތައިގައި ހުރި ކުށުގެ މިންވަރު 35 އިންސައްތައަށް މަދު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ގައުމީ ސަލާމަތާއި ނުރައްކާތެރި ކަމަށް ބަލައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުމާއި އަނިޔާވެރި ކުށްވެރިންގެ ކިބައިން ރައްޔިތުން ސަލާމަތްކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި ސަރުކާރުން އެ މަސައްކަތް ކުރަމުން އަންނަ ވެސް ވިދާޅުވި އެވެ.