ސިލްސިލާ ވާހަކަ: ޒާރާ – ތިރީސް އެއްވަނަބައި

”އަހަރެންމީ ކަލޭގެ އަޅެއް ނޫނެއްނު….. ކަލޭ ސިއްރުކޮށްދޭން ބުނި ކަންތައް އޮންނާނީ ސިއްރުކޮށްދީފަ…….ކަލޭ އެދުނުފަދައިން ……..ޒާރާއަށް އަހަރެންމީ ޒާރާގެ އުފަން މަންމަ ނޫންކަމެއް އަދިވެސް ނާންގަމެންނު….” ކިތައްމެ ހިތްނޭދުނަސް، އެއީ އަހަރެންގެ ދޮންދަރިއެއްކަމެއް އެއްވެސް މީހަކަށް  އެނގުނަކަ ނުދެމެންނު…….. ދެންވެސް ކަލޭ ވެއްޖެއެންނު އެކަމަށް ޝުކުރުވެރިވެފަ އަހަރެން މިއެދޭފަދައިން މިގެއާ ގޯތީގެ އެއްބައި މަށަށް ހިބަކޮށްދޭން….. ”

ނާޒިމާގެ ޖުމްލަތައް އަޑުއިވުނު ހިނދު ޒާރާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. މޫނުމައްޗަށް އަނދިރިވިއެވެ. ހަށިގަނޑުގައި ހިނގަހިނގާހުރިލޭ ގަނޑުވިކަހަލައެވެ.

މޭގެތެރޭގައި ވިންދުޖަހަމުންދިޔަ ހިތް ހުއްޓުނުފަދައެވެ. ޒާރާ ގަނޑުވެފައި އިރުކޮޅަކު ހުރެވުނެވެ. އެތަނުން ދުވެފިލަން އޭނާގެ ހިތް ބުނަމުން ދިޔައެވެ. އެހެންނަމަވެސް ޒާރާގެ ދެފައިވަނީ ކަސްތަޅުއެޅިފައި ކަހަލައެވެ. އެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. ކޮޅަށް ހުއްޓަސް މީހާހުރީ ބުދެއް ފަދައިން ހަރަކާތް ހުއްޓިފައެވެ. ކުއްލިއަކަށް އަތުގައި އޮތް ކޮތަޅު އަތުން ދޫވެއްޖެއެވެ. ތަޅުންމައްޗަށް ވެޓުނުކޮތަޅުން ސާމާނުތައް ޓައިލްސް ތައްމައްޗަށް ވިއްސައިގެން ދިޔައެވެ. ޒާރާ އަދިވެސް ހަމަ އެހުރިގޮތަށް ހުރީއެވެ. އޭނާއަށް އެއްވެސް ކަމެއް އިހްސާސްވާހެނެއް ހިޔެއް ނުވެއެވެ. އިރުކޮޅަކު އެތަނުގައި ގަނޑުވެފައި އޭނާ ހުއްޓެވެ. އެއަށްފަހު އަވަސް އަވަހަށް ތަޅުންމައްޗަށް އެޅިފައިވާ އެއްޗިހިތައް ކޮތަޅަށް އަޅާލިއެވެ. ކޮތަޅު ހިފައިގެން އަވަސް އަވަހަށް ބަދިގޭތެރެއަށް ވަނެވެ.

އެއްޗެހިތައް ބުރައިގެންދިޔަ އަޑު އިވުމުން ކޮޓަރިދޮރު ހުޅުވާލުމަށްފަހު ނާޒިމާ ކޮޓަރިތެރެއިން ބޭރަށް ބޯދިއްކޮށްލިއެވެ. ޒާރާއަށް ބަދިގެ ބަޔަށް ވަދެވުނުކަން ނަސީބޭ ހިތަށް އެރިއެވެ. އެހެންނޫނަމަ މަންމައަށް އޭނާ ފެނުނީހެވެ. އަދި ކޮޓަރިރެތޭގައި ދެކެވުނު ވާހަކަތައް އޭނާއަށް އިވޭނެކަމާމެދު މަންމަ ޝައްކެއް ނުކުރާނެއެވެ.

ނާޒިމާ ހުޅުވާލިދޮރު ލައްޕާލީ އެއްވެސް މީހަކު އެތަނުގައި ނެތުމުންނެވެ. ހިތްހަމަޖައްސާލީ އިވުނުއަޑަކީ ބޭރުން އިވުނު އަޑެން ނޫނީ ޒައިދުގެ ކޮޓަރިން އިވުނު އަޑެއްކަމަށް ނިންމާފައެވެ. އެހެންނޫނަސް އެވަގުތު އެތަނުގައި ޒާރާ ނުހުންނާނެކަން ނާޒިމާއަށް ޔަގީންވެއެވެ. އެފަދަގޮތަކަށް ވިސްނުމަށް އަންނާނީވެސް ކިހިނެއްހެއްޔެވެ.  ރޭގައި އަލަތު ކައިވެނި ކޮށް، ފިރިމީހާގެ ގެއަށް ބަދަލުވުމަށްފަހު ހެނދުނު އިރުއަރާއިރަށް މިގެއަށް އަތުވެދާނެކަމަށް އެއްވެސްމީހަކު ހީކުރާނެހެއްޔެވެ.  އެހެންނަމަވެސް މަކަރުވެރި ސިކުޑީގައި އެވަގުތު ހާމިދު ހާސްކޮށްލުމުގެ ރޭވުމެއް ރާވާ ނިންމާލިއެވެ. ބަލިވެ ތެދުވަން ނުކެރިފައި އެނދުގައި އޮތް އޭނާގެ ފިރިމީހާ ތެޅޭވަރެއް ބަލާލަން ނާޒިމާ ބޭނުންވިއެވެ.

އަވަސްއަވަހަށް ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ނިތްކުރީގައި އަތުން ޖަހާލިއެވެ. ކަމެއް ގޯސްވެއްޖެކަން އެނދުގައިއޮތް ހާމިދަށް ރޭކާލީ ނާޒިމާގެ މޫނުމަތިން ފެންނަންހުރި ހާސްކަން ފެނުމުންނެވެ. ތެދުވެއުޅެން ހާމިދަށް މިއަދުވަނީ އުނދަގޫކަމެއް އިހްސާސްކުރަން ޖެހިފައެވެ. ރޭއްސުރެން އޭނާ އެ އޮންނަނީ ގިނައިން އޮށޯވެއެވެ. މާބޮޑަށް މޭގައި ރިއްސާ ނޭވާކުރުވާތީއެވެ. މާބޮޑަށް ކަންތައްތަކާ ވިސްނޭތީކަން ޚުދު ހާމިދުވެސް ގަބޫލުކުރެއެވެ.  ނުވިސްނަން ކިތަންމެ މަސައްކަތެއް ކުރިޔަސް ނުވިސްނާ ހުރެވޭނީ ކިހިނެއްހެއްޔެވެ. އޭނާގެ ދެލޯފަދަ ލޯބިވާ ދަރިފުޅުގެ ކައިވެނީގެ ވަގުތުގައިވެސް އުފާވެރިކަމުގެ ބަދަލުގައި ފެންނަންހުރީ ހިތާމައެވެ. އެކަމާ ހާމިދުގެ ބަލި ހިތުގައި ނުފިލާ ރިހުމެއްވަނީ އުފެދިފައެވެ.

”ކިހިނެއްތްވީ……. ކޮން އަޑެއް އެއިވުނީ……..” ނާޒިމާގެ ހަރަކާތްތަކަށް ބަލަންއޮވެ ހާމިދު ވާހަކަދެއްކިއެވެ.

”ޒާރާ……” ނާޒިމާ ހާމިދަށް ބަލާލަމުން އިސްޖަހާލިއެވެ. ހާމިދަށް ވީގޮތެއްވެސް ނޭނގުނެވެ. ފުންމައިގެން ތެދުވެވިއްޖެއެވެ. ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އަވަސްއަވަހާ ކޮޓަރީގެ ދޮރާދިމާލަށް ހިނގާފައިގޮސް ދޮރުހުޅުވާލަން ހާމިދު ބޭނުންވިއެވެ. އެހެންނަމަވެސް އޭނާގެ ހާލު ހުރިގޮތުން ދޮރާހަމައަށް ދެވޭވަރުވީ ބޭނުންވި ވަރަށްވުރެ ލަހުންނެވެ. އޭނާ ދޮރު ހުޅުވާލިއެވެ. ބޭރަށް ބޯދިއްކޮށް ވަށައިގެން ނަޒަރު ހިންގާލިއެވެ.  ޒާރާއެއް ނެތެވެ. އެއްވެސް މީހަކު ނެތެވެ.

”ކޮބާ ….މިތަނުގައި އެއްވެސް މީހަކުނެތް …… ކިތަންމެ ރުޅިއައިސްފަ ހުއްޓަސް ތިގޮތަށް ކަންތައް ކުރާކަށް ނުވާނެއެއްނު….. އަހަރެން ކިހާ ހާސްވާނެކަން ނާޒިމާއަށް ނޭނގެނީތަ…. ތިހާބޮޑެތި ދޮގު………..” ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލަން ހާމިދަށް މަޖުބޫރުވީ ނޭވާކުރުވެ ކެއްސަން ފެށުމުންނެވެ. މަޑުމަޑުން ގޮސް އެނދުގައި އިށީނދެލިއެވެ. ހެޑްބޯޑުގައި ބުރަކަށިޖައްސާލައިގެން ހަމަޖެހިލިއެވެ.

”ކަލެއަށް ހީވަނީ މަބުނާ ކޮންމެ އެއްޗަކީ ދޮގެއްހެން….. ކަލޭގަބޫލު ނުކުރިޔަސް ދެންމެ އެތަނުގައި ކަލޭގެ ރަންދަރި ހުއްޓާ އަހަރެން ދެކުނިން…… މިހާރު އެދިޔައީ ތޯއްޗެއް……. ނޫނީ ވަގަށްފިލާ ހުރީ ނޫންކަމެއްވެސް ނޭނގެ މަ ދައްކާ ވާހަކަ އަޑުއަހަން……” ނާޒިމާ ހާމިދާ ދިމާލަށް ލޯއަޅާލިއެވެ.

ހާމިދު ބޭނުންވީ ނާޒިމާ އެހަދަނީ ތެދެއްތޯ ބަލާށެވެ. ރޭގައި ޗާޖަށްޖެހިގޮތަށް އެނދުގެ ސައިޑް ޓޭބަލްމަތީގައިއޮތް ފޯނު ނެގިއެވެ. ޒާރާގެ ނަމްބަރުން ހައެއްކަމިސްކޯލު އޮތެވެ. ވަގުތުން ޒާރާ އަށް ހާމިދު ގުޅާލިއެވެ. ފޯނު ކަންފަތުގައި ޖައްސާލިއެވެ. ޒާރާ ފޯނެއް ނުނަގައެވެ. ހާމިދު އިތުރަށް މާޔޫސްވެ ދެރަވިއެވެ.  އެވާހަކަ ދެކެވުނުއިރު ޒާރާ މިތަނުގައި ހުރިކަމުގައިވީނަމަވެސް ނާޒިމާ ދެއްކި ވާހަކަ ޒާރާއަށް އަޑު ނީވުން އެދި އެތައްފަހަރަކު ހާމިދަށް ދުއާކުރެވުނެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަމުން ހާމިދުގެ ބަލި ހިތް ކޮންޓްރޯލުން ނެއްޓިދާނެހެން ހީވާވަރަށް ތެޅިގެންފިއެވެ. މީހާ ވަރުދެރަވެ ތުރުތުރު އަޅަންފަށައިފިއެވެ. އިހުނަށްވުރެ ވެސް ނޭވާލަންދަތިވެއްޖެއެވެ. ކެއްސަން ފަށައިފިއެވެ. އެމަންޒަރު ނުފެންނަކަމަށް ހެދިގެން އަލަމާރިން ހާވަންހުރި ނާޒިމާ އެއްމިޔަކަނުން ހީލިއެވެ. މަލާމާތުގެ ހިނިތުންވުމެކެވެ.

ކޮޓަރީގެ ދޮރު ދެވަނަފަހަރަށް ލެއްޕުނު އަޑު އިވުނު އިރުވެސް ޒާރާ ހުރީ ބަދިގެތެރޭގައެވެ. އޭނާ ބޭނުންވީ ވަގުތުން އެގެއިން ނިކުމެގެންދާށެވެ. ދެން ދުވަހަކުވެސް އެގެއަށް އެނބުރި އަންނާކަށް ޒާރާ ބޭނުމެއްނޫނެވެ. އަތުގައި އޮތް ކޮތަޅު ބަދިގެ ކަބަޑުމަތީ ބެހެއްޓުމަށްފަހު އަވަސް އަވަހާ ޒާރާ ގެއިން ނިކުތެވެ.  އޭނާ ހުއްޓުނީ ގޯތިތެރެއިން ވެސް ބޭރަށް، މަގުމައްޗަށް ނިކުތުމަށްފަހުގައެވެ. އޭނާގެ ސިކުނޑިވަނީ ހާސްވެފައެވެ. ކަރުނައިން ފުރިފައިވާ ލޯ ފޮހެލުމަށްފަހު ފޯނުނަގާ އިމްރާނަށް ގުޅާލިއެވެ. މިއީ ޒާރާ އިމްރާންއަށް ގުޅާ ފުރަތަމަފަހަރުކަމަސް ވިޔަސް މިވަގުތު ޒާރާ އެކަން ކުރާކަށް ފަހެއް ނުޖެއެވެ. އިމްރާންއާ ވާހަކަ ދެއްކުން އެއީ ޒާރާ ކުރަންބޭނުންވާ ކަމެއް ކަމުގައި ނުވިޔަސް މިވަގުތު ޒާރާ ބޭނުމީ އިމްރާން ގާތުގައި ބަލާއަންނަން ބުނާށެވެ.

ވަގުތުން އިމްރާން ފޯނު ނެގިއެވެ. ހިތް އުފަލުން ނަށާލި ކަހަލައެވެ. ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއްވެރިވިއެވެ. ޒާރާ އިމްރާންގެ ފޯނަށް ގުޅާފާނެ ކަމަކަށް އިމްރާނަށް ގަބޫލުކުރެވިފައެއްނެވެ. ވާނީވެސް އެހެންތާއެވެ. އިމްރާން ޒާރާއަށް އޭނާގެ ނަމްބަރު ދިންތާ މަސްދުވަސް ފާއިތުވި އިރުވެސް އެންމެ ފަހަރަކުވެސް ޒާރާ އޭނާގެ ފޯނަކަށް ނުގުޅައެވެ. ނުވިތާކަށް އިމްރާން ގުޅިޔަސް ފޯނަށް ޖަވާބުވެސް ނުދެއެވެ. އޭރު އިމްރާން ގަބޫލުކުރީ ޒާރާ އަކީ ލަދުރަކި ކުއްޖެއްކަމުން ވާހަކަދައްކަން ނުކެރެނީ ކަމަށެވެ.

”ހަލޯ……” އިމްރާން ފޯނު ކަންފަތުގައި ޖައްސާލިއެވެ. ޒާރާ ޖަވާބެއް ނުދިނެވެ. ފޯނު ކެނޑުނީ ކަމަށްހީކޮށް ސްކްރީންއަށް ބަލާވެސް ލެވިއްޖެއެވެ.

”ޒާރާ…..” ދެވަނަފަހަރަށް ކަންފަތުގައި ފޯނު ޖައްސާލަމުން އިމްރާން ގޮވާލިއެވެ.

”ދާންވެގެން…..” ޒާރާއަށް ބުނެވުނީ އެވަރަށެވެ. ގިސްލެވެން ފަށައިފިއެވެ. އިމްރާނަށް އޭނާ ރޮނީކަން އަންގާކަށް ބޭނުމެއް ނޫނެވެ.

”ކީކޭ…… ދާންވެގެނޭ…؟ ބަލާދާންވީތަ…؟ ” އިމްރާން އަށް ޒާރާ ބުނި އެއްޗެއް ޔަގީން ނުވާތީ އިތުރަށް އޮޅުން ފިލުވާލަން ބޭނުންވިއެވެ.

”އާދޭ….” ޒާރާ އެންމެ ކުރުކޮށް ބުނެވެން އޮތް ވަރަށް ބުނެފައި ފޯނު ކަނޑާލިއެވެ. ގެއިން މީހަކު ނިކުތުމުގެ ކުރިން އެތަނުންދާން ޒާރާ ބޭނުމެވެ.


ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published.