ޑިޒާސްޓާގެ ޑެޕިއުޓީ ސީއީއޯ އުމަރު މޫސާ ފިކުރީ
ޑިޒާސްޓާގެ ޑެޕިއުޓީ ސީއީއޯ އުމަރު މޫސާ ފިކުރީ

ހަކުރު ކިލޯއެއް 16 ރުފިޔާއަށް ގަތް މައުލޫމާތު އޮޑިޓް ރިޕޯޓުގައި ފުރިހަމައެއް ނޫން: ޑިޒާސްޓާ

ކޯވިޑް-19 އާއި ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީން ކޮށްފައިވާ ހަރަދުތަކާއި ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ހަކުރު ކިލޯއެއް 16 ރުފިޔާއަށް ގަތް ވާހަކަ ހިމަނާފައިވަނީ ފުރިހަމަ މައުލޫމާތު ނުހިމަނައި ކަމަށް ޑިޒާސްޓާ އިން ބުނެފި އެވެ.

މިދިޔަ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް އެ އޮތޯރިޓީގެ ޚަރަދުތައް އޮޑިޓްކޮށް ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާގޮތުގައި ސަރުކާރުން އަގު ކޮންޓްރޯލް ކޮށްގެން ވިއްކާ ބައެއް ކާބޯތަކެތި އެ އޮތޯރިޓީން ގަނެފައިވަނީ ހަތަރުގުނަ ބޮޑުކޮށެވެ. އޭގެ ތެރޭގައި ފާހަގަކޮށްފައިވާ ތަކެތީގެ ތެރޭގައި ސަރުކާރުން އަގު ކޮންޓްރޯލްކޮށް، 4.80 ރުފިޔާ އަށް ވިއްކަމުން އަންނަ ހަކުރު ކިލޯއެއް 16 ރުފިޔާއަށް ގަތުން ފަދަ ހަރަދުކުރުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ފަހަގަކޮށްފައިވާ ކަންކަމާއި ގުޅޭ ތަފްސީލީ މައުލޫމާތު ދިނުމަށް މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ޑިޒާސްޓާގެ ޑެޕިއުޓީ ސީއީއޯ އުމަރު މޫސާ ފިކުރީ ވިދާޅުވީ ހަކުރު ކިލޯއެއް 16 ރުފިޔާއަށް ކަތީ ކާރިސާގެ ވަގުތު ވީހާވެސް އަވަހަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ބޭނުންވާތީ ކަމަށެވެ. އެ އަގަކީ ސަޕްލަޔަރުންގެ ތެރެއިން ހުށަހެޅި އަގު ކަމަށެވެ.

އޭނާ ވިދާޅުވީ އެ އަގުގައި ހަކުރު ކިލޯއެއް ގަތް ކަމަށް ލިޔެކިޔުންތަކުން ފެންނަ ގޮތަށް އޮޑިޓް ރިޕޯޓަށް އެ މައުލޫމާތުތަށް ނެގި އިރު ހަކުރު ކިލޯއެއް ގަތް އަގާއި ގުޅޭގޮތުން އެ ސަޕްލަޔަރާއި މުއާމަލާތް ކުރެވި ކިލޯއެއްގެ އަގުން އިތުރުވާބައި އަނބުރާ ދިނުމަށް އެ ކުންފުނިން އެއްބަސްވެފައިވާކަން ލިޔެކިޔުންތަކުން އެނގޭނެ ކަމަށެވެ. އުމަރު ވިދާޅުވީ މިހާރު އެ ފައިސާ އަނބުރާ ލިބިފައިވާ ކަމަށެވެ.

އުމަރު ވިދާޅުވީ ހަމަ އެގޮތަށް ގަނެފައިވާ އެހެން ކާބޯތަކެތީގެ ކޮންޓްރޯލް އަގުން އިތުރުވި ބައި ސަޕްލަޔަރުން މެދުވެރިކޮށް ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮތޯރިޓީގެ ސީއީސޯ ހިސާން ހުސައިން ވިދާޅުވީ އޮޑިޓް ރިޕޯޓުގައި 23،000 ރުފިޔާގެ މައްސަލައެއް ފާހަގަކޮށްފައި ވީ ނަމަވެސް އަސްލު އެކަމުގައި ހޭދަވެފައި ވަނީ 2800 ރުފިޔާ ކަމަށެވެ. އަދި އެކަން އިސްލާހު ވެސް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ އާންމު ހާލަތުގައި ތަކެތީގެ އަގު ހުންނަ ވަރާއި މި ހާލަތާ އަޅާ ނުކިޔޭނެ ކަމަށާއި ނަމަވެސް ކޮންޓްރޯލްކޮށްފައިވާ އަގުތަކުގައި މައްސަލަ ދިމާވެފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ.

ރިޕޯޓުގައި އޮޑިޓަ ޖެނެރަލް ލަފާ ދެއްވީ އިކޮނޮމިކް މިނިސްޓްރީން އަގު ކޮންޓްރޯލްކޮށްފައިވާ ތަކެއްޗަށް އިތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާ އަށް އަނބުރާ ޖަމާކުރުމަށެވެ. އަދި ކޮންޓްރޯލްކޮށްފައިވާ އަގުތަކަށް ވުރެން ބޮޑުކޮށް ވިއްކި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ވެސް އިކޮނޮމިކް މިނިސްޓްރީ އަށް ލަފާ ދީފައިވެ އެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.