މުވައްޒަފުން ވަޒީފާ އަދާކުރާ އޮފީސްދެކެ ފޫހިވެ، ވަޒީފާއަށް ފަރުވާ ކުޑަ ކުރަނީ ކީއްވެ؟

ކޮންމެ މީހަކުވެސް އެމީހެއްގެ ދިރިއުޅުމުގެ އެންމެ އިސްކަމެއް ދޭ އެންމެ މިހިންމު އެއް ކަމަކީ އާމްދަނީ ހޯދުމަށް އަދާކުރާ ފަޒީފާ ކަމީ ކަޝަވަރުވެ ޔަގީންވާ ކަމެކެވެ. އެއްދުވަހުން އަނެއް ދުވަހަށް ދިރިއުޅުން ތަރައްޤީކޮށް ކުރިއެރުންތައް ހޯދުމާއި، ކާމިޔާބީތައް ހާސިލް ކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާ ކުރާ މުހިންމު އެއްކަމަކީ، ތިމާ އަދާކުރަންޖެހޭ ނުވަތަ އަދާ ކުރާ ވަޒީފާއެވެ. އެހެނީ ތިމާގެ އާއިލާއާއި އަނބިދަރިން އަދި ޚުދު ތިމާގެ އަމިއްލަ ޒަރޫރީ ބޭނުންތަށް ފުއްދުމުން ދަނީ ވެސް ވަޒީފާ އަދާކޮށްގެން ލިބޭ އާމްދަނީއަށް ވާތީއެވެ.

އެހެންކަމުން ވަޒީފާ އަކީ އިންސާނާ ދިރި އުޅުމުގެ ކަންކަމަށް ފުދުންތެރިކަން ގެނައުމަށް ވަރަށް މުހިއްމު އެކައްޗަށް މިވަނީ ވެފައެވެ. ކަން މިހެން ހުރިނަމަވެސް ފަހަކަށް އައިސް ތަންތާގައި ވަޒީފާ އަދާކުރަމުންގެންދާ މުވައްޒަފުންގެ ފަރާތުން ވަރަށް ގިނައިން ދައްކާތީ އަޑު އިވޭ ޝަކުވާތަކެއް ވެއެވެ. އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ވެރިން ގޯސްވާހަކައެވެ. ވަޒީފާ އަދާކުރާ އޮފީސްމަތިން ފޫހިވެ ވަޒީފާއަށް ދާހިތްނުވާ ވާހަކައެވެ. މުވްއަޒަފުންގެ މެދުގައި ތަފާތު ކުރުންތަށް ގެންގުޅޭ ވާހަކައެވެ. މިބާވަތުގެ ވަރަށް ގިނަ ވާހަކަތަކެއްގެ އަޑު އިވެއެވެ.

ކަންމިހެން ހުރިއިރު، ކޮންމެ އިންސާނަކު ވެސް ދިރިއުޅުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ އެންމެ މުހިންމު އެއް ގުނަވަން ކަމުގަިވާ ވަޒީފާއަށް ފަރުވާ ކުޑަވެ މާޔޫސްވެ ވަޒިފާ އަދާ ކުރަމުންގެންދާ އޮފީސް ދެކެ ފޫހިވެއްޖެ ނަމަ މިއީ ވަރަށް ބޮޑު މައްސަލައެކެވެ. އެކަމާ މެދު ވިސްނާ އެކަމަށް ހައްލެއް ހޯދަން ޖެހޭ މައްސަލައެކެވެ. އަޅާ ނުލާ ދޫކޮށްލައިގެން ތިބެގެން ނުވާވަރުގެ ނުރައްކާތެރި މައްސަލައެކެވެ.

އެގޮތުން އެމީހާގެ މުޅި ދިރިއުޅުން ބިނާވެގެންވާ ވަޒީފާ އެމީހަކަށް އެހާ މުހިއްމު ކަމަކަށް ވެފައިވާއިރު، އެކަމާއި މެދު އެމީހެއްގެ އަމިއްލަ އިޙްތިޔާރުގައި ފޫހިވެ ފަރުވާ ކުޑަ ކުރެވޭނަމަ އެކަން ހޯދާ ބަލަން ޖެހޭނެއެވެ.

ކަން މިހެން ހުރިނަމަވެސް ފެންނަމުން ދަނީ މުޅިން އެހެން މަންޒަރެކެވެ. އެފަދަ ކަމަކާއި މެދު ޝަކުވާކޮށް މައްސަލަ ހިފައިގެންދާ މުވައްޒަފާއި މެދު ފިޔަވަޅު އަޅާ އޭނާގެ ވަޒީފާ ގެއްލުވާލާ ތަނެވެ. ނުވަތަ އެ މުވައްޒަފަކާއި ދޭތެރޭ ތަފާތުކުރުންތަށް ގެންގުޅޭތަނެވެ. މިއީ މިކަން ކުރުން އެންމެ ރަނގަޅު ގޮތްތޯ އެވެ. ނުވަތަ އެގޮތަށް މުވައްޒަފަކާއި ދޭތެރޭ އަމަލުކުރަން ޖެހެ ސަބަބެއް ތޯއެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެހެން އެކަން ދިމާވާން ޖެހޭ ގިނަ ސަބަބު ތަކެއް ހުންނާނެއެވެ. ވަޒީފާއަށް ކުރިމަތިލައި ވަޒީފާއަށް ހޮވައި، ވަޒިފާގައި މަސައްކަތް ކުރާތާ އެތަކެއް އަހަރުތަކެއް ހޭދަކޮށް ތަޖުރިބާ ލިބިފައިވާ މުވައްޒަފަކު މިވަފަދަ ޝަކުއާއެއް ކޮށް ހިތްހަމަ ނުޖެހިގެން އޮފީހުގެ ވެރިންނާއި ހަމައަށް ދާފެންވަރަށް ކުއްލިއަކަށް މުވައްޒަފަކު ގޯސް ވެއްޖެ ނަމަ އެއީ ސުވާލު އުފެދޭނެ ކަމެއްކަން ޔަޤީނެވެ.

ވަޒީފާއަށް ފޫހިވެ ކަންކަމަށް ފަރުވާ ކުޑަކުރުމުގެ މައްސަލަތަކުގައި، ދުނިޔޭގެ އެކި ގައުމުތަކުގައި ވަނީ ވަރަށް ގިނަ ދިރާސާތަކެއް ކޮށްފައެވެ. އެކި ދިރާސާތަކުން އެކި ގޮތަށް ފެނުނު ކަމުގައި ވިޔަސް މިހުރިހާ ދިރާސާތަކުން އެއްބަސްވާ އެއްކަމެއް އޮވެއެވެ. އެއީ މުވައްޒަފު ވަޒިފާއަށް ފޫހި ވުމާއި، ފަރުވާ ކުޑަ ކުރުން ގުޅިފައިވަނީ، ސީދާ އެ މުވައްޒަފު މީހާގެ މައްޗަށް އޮފީހުގައި ތިބޭ ވެރީންނަށެވެ. މިއީ އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި ރާއްޖޭގައި ވެސް ކަން ހިނގަމުން އަންނަ ގޮތެވެ. މިކަމާއި ގުޅިގެން ބައެއް ތަޖުރިބާކާރުން ވަނީ ދިރާސާތަކެއް ވެސް ހަދާފައެވެ. މި ދިރާސާތަކުގެ ނަތީޖައަށް ބަލާއިރު، މުވައްޒަފުން މާޔޫސް ވުމާއި ކަންކަމަށް ފަރުވާ ކުޑަވެ ވަޒީފާ އަދާކުރަމުންދާ އޮފީހާއި މެދު ނަފްރަތު އުފެދޭ ކަންކަމުގެ ތެރޭގައި، އެ މުވައްޒަފުގެ މައްޗަށް ތިބޭ ސީނިއަރ މެނޭޖްމަންޓްގެ ވެރިން ހިމެނެއެވެ. މިގޮތަށް މެދުވެރިވާ ބައެއް ސަބަބުތަކުގެ ތެރޭގައިފާހަގަ ކޮށްލަންޖެހޭ ބައެއް ކަންކަމަށް ބަލާލާއިރު:

1 . މުވައްޒަފުންގެ ކުއްތަށް ހޯދުމާއި، އެ ކުއްތަކުގެ ވާހަ ދައްކާ ހެދުން.

2 . މުވައްޒަފުގެ ގޯސް ވާހަކަ އެހެން މީހުންގެ ކައިރީގައި ދެއްކުން.

3 . މުވައްޒަފު ކުރާ މަސައްކަތުގެ އަގުވަޒަން ނުކުރުން

4 . ދައްކާ ވާހަކަ އަޑު ނޭހުން،

5 . މުވައްޒަމާމެދު ގޯސް މޭރުމަކުން ވިސްނުން

6 . މުވައްޒަފު މީހާއަށް އިތުބާރު ނުކުރުން

7 . ކިތަންމެ ރަނގަޅު ޚިޔާލެއް ދިން ނަމަވެސް ޤަބޫލު ނުކުރުން

8 . ތިމާ އަށް ނޫނީ ހުރިހާ ކަމެއް އެނގޭ މީހަކު ނެތުން.

9 . ވަކި ބަޔަކަށް ފޭވަރ ކުރުމާއި، އެކަން ފާހަގަ ކޮށް އެވާހަކަ ދެއްކުން

10 . މުވައްޒަފު މީހާއަށް ހިތްވަރު ދިނުމާއި ހިތްވަރު ލިބިިދިނުމަށް މަސައްކަތް ނުކުރުން

11 . މުވައްޒަފުންގެ މޯޓިވޭޝަން ނުވަތަ ހިއްވަރު ގެއްލުވާލުން

12 . މެންޓަލީ ބަލިކަށި ކޮށްލުން.

13 . ކަމަށް ގާބިލް މުވައްޒަފުން އެކަހިރި ކުރުވުން.

14 . ގާބިލް ނޫން މީހުންނަށް ކަންކަން ހަވާލުކުރުން

15 . މުވައްޒަފުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތް ނުކުރުން.

މިހުރިހާ ކަމެއްގެ އަސްލު ގުޅިފައިވަނީ އެ މުވައްޒަފަކު ވަޒީފާ އަދާކުރަމުންގެންދާ އޮފީހުގެ ވެރިންނާއެވެ. މިފަދަ ކަންކަން ރަނގަޅު ކޮށް ހައްލުކުރުމަށް އިސްވެރިޔާގެ ވިސްނުމާއި، ޤާބިލްކަން ވަރަށް މުހިންމެވެ. އެގޮތުން މިފަދަ ކަންކަން ރަނގަޅު ކުރެވޭނީ ތަނުގެ އެންމެ އިސްވެރިޔާ އާއި މުވައްޒަފުންނާ ދެމެދު އޮން ގުޅުމަކީ ބަދަހި ގުޅުމަކަށް ވެގެންނެވެ. ދެފަރާތުގެ ދެމެދުގައި އޯގާތެރިކަމާއި އެކު ވާހަކަ ދެކެވި ރަނގަޅަށް މުޢާމަލާތް ކުރެވި ގެންނެވެ. ހަރުދަނާ މުވައްޒަފުންނާއި ވެރިންގެ މެދުގައި އިތުބާރު ހިފޭ ގުޅުން ތަކުން ގުޅިގެންނެވެ.

މިއީ މެނޭޖްމެންޓްގައި ވަރަށް މުހިއްމު ކަމަކަށްވާއިރު މުވައްސަސާތަކާއި، އޮފީސް އަދި އެހެނިހެން އިދާރާތައް ހިންގުމުގައި އެ މަސްޢޫލިއްޔަތު ހަވާލު ކުރަންޖެހޭނީ އެކަމަށް ޤާބިލް ކަން ކުރެވޭ ތަޖުރިބާ ހުރި މީހުންނާއެވެ. ރަނގަލު ތަޢަލީމެއް ނެތް އެހެން މީހުންނަށް އިހުތިރާމާއި ލޯބި ދޭން ނޭންގޭ މިހުންނާއި ކަންކަން ޙަވަލުކޮށްގެން ކަންކަން ދާނީ ގޯހުން ގޯހަށެވެ. ހަޤީޤީ ލަނޑު ދަނޑިތައް ހާސިލު ކުރަން އުނދަގޫވާނެއެވެ. ނޫނީ އެފަދަ އޮފީސްތަށް ނުވަތަ މުއައްސަސާތަށް ދާނީ އެއްދުވަހުން އަނެއް ދުވަހަށް ބަލިކަށިވަމުންނެވެ.

މުވައްޒަފުންގެ ޝަކުވާއާއި ހަމަނުޖެހުންތައް ދާނީ އިތުރުވަމުންނެވެ. ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލް ނުކުރެވި ތަނާ ދޭތެރޭ މުވައްޒަފުންނާއި އެހެނިހެން މީހުންގެ އިތުބާރު ގެއްލި ނަފްރަތު އުފެދުން ދާނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

އޮފީސްތަކުގެ އެންމެހާ ކަންކަން ރަނގަޅުކުރުމަށްޓަކައި، ކަމާ އެކަށޭނެ ރަނގަޅު ސްޕަވައިޒަރުންނާއި، ގާބިލް ތަޖުރިބާ ހުރި ތަޢުލީމީ މުވައްޒަފުންނަކީ ވަރަށް މުހިއްމު ބައެކެވެ. އެތަނަކުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރަން ބޭނުންވާނަމަ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އެކަމެއް ކުރަން ދަންނަ އެކަމެއްގެ ތަޖުރިބާ ހުރި މުވައްޒަފުން ބޭނުންކޮށްގެން މަސައްކަތް ކުރަންޖެހެވެ. މުވައްޒަފުންގެ މޯޓިވޭޝަން އިތުރުކޮށް މުވައްޒަފުންނާއި، ތަނުގެ އިސްވެރިންނާ އަދި އެހެނިހެން މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރި ކަމުގެ ގުޅުން ބަދަހި ކުރަން ޖެހެވެ. މުވައްޒިފުންނަށް ކުރިއަށް ދެވޭނެ ގޮތް ތަކެއް ރާވާ ފަސޭހަކޮށް މުވައްޒަފުން ކުރިއަށް ދެވޭނެ އިންތިޒާމްތައް ހަމަޖައްސަން ޖެހެވެ. ހަމަ އެފަދައިން، މުވައްޒަފުންގެ ވާހަކަ ތައް އަޑުހާނެ ކަންފަތްތަކަކާއި، އެކަމާމެދު ވިސްނާ ފިކުރު ކުރާނެ ސިކުނޑިއެއްގެ އިތުރުން، ހިތްހެޔޮ އޯގާތެރި ވެރިންވެސް ބޭނުން ވެއެވެ.

މުވައްޒަފުން ކުރާ ޝަކުވާތަށް އަޑުއަހާނެހާ ހިތްވަރު ހުރި އޮންނަ އުސޫލާއި ޚިލާފު ނުވާ ގޮތުގެ މަތިން އެކަން ބަލާނެ ހަރުދަނާ ވެރިންތަކެއް ބޭނުންވެއެވެ.

ވަޒީފާ އަކީ މުވައްޒިފަށް ވަރަށް މުހިއްމު އެއްޗަކަށް ވާއިރު އެއަށް ފަރުވާ ކުޑަ ކުރަންޖެހޭ ސަބަބެއް ވެރިން ބަލަންޖެހޭނެއެވެ. މުވައްޒަފު ވަޒީފާއިން ކަނޑާލުމުގެ ބަދަލުގައި ނުވަތަ ތަފާތުކުރުން ގެންގުޅުމުގެ ބަދަލުގައި އޭނާއަށް ދިމާވި ކަންކަން ބަލާ އެކަމަށް ހައްލު ހޯދުމަކީ، އެ މެނޭޖްމެންޓަށްވެސް އެންމެ ފައިދާ ކުރާނެ ގޮތްކަންވެސް ޔަގީނެވެ. މުވައްޒަފު ވަޒީފާއަށް އަހުލުވެރިކޮށް މޯޓިވޭޝަން އުފައްދާ ދައްކާ ވާހަކަތައް އަޑުއަހާނެ ކަންފަތެއް ބޭނުންވާނެއެވެ. ކަންކަން އިސްލާހުކޮށް ކަންކަން ރަނގަޅުކުރުމުގެ ވިސްނުމެއް ހުރި އުފެއްދުންތެރި ސިކުނޑިއެއް ބޭނުންވެއެވެ.

އެހެން ކަމުން މުވައްޒަފުން ފަރުވާ ކުޑަ ކުރަނީ އޭ ބުނުގެ ބަދަލުގައި އަހަރެމެން ގަބޫލު ކުރަންޖެހޭ ކަމަކީ، މުވައްޒަފުން ލައްވާ ފަރުވާ ކުޑަ ކުރުވަނީއެވެ. އެކަމުގެ ޒިންމާ ސްޕަރވައިޒަރުންނާއި، އިސްވެރިން ނުވަތަ މެނޭޖްމަންޓްގެ އެންމެ އިސްކޮށް އުޅުއްވާ ފަރާތްތައް ނަގަން ޖެހޭނެއެވެ. މުވައްޒަފުން އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރެވޭނެ ނުވަތަ މެނޭޖް ކުރަން ދަންނަ ގާބިލް ވެރިންތަކެއް ބޭނުންވެއެވެ.

ވީމާ، މުވައްޒަފުން ގޯސްކޮށް މުވައްޒަފުން ކުއްވެރި ކުރާ ވިސްނުން ދޫކޮށް ޢިލްމީ ޤާބިލް ވިސްނުން ތަކުން ވިސްނާ ސިކުނޑި ތަކާއި، ހިތްތިރި ހިތްހެޔޮ އެހެން މީހުންގެ އިޙުސާސްތައް ދެނެގަންނަށް އެނގޭ ހެޔޮލަފާ ވެރިންތަކެއް މުވައްޒަފުންގެ މައްޗަށް މަސައްކަތް ކުރަން ތިބުމަކީ މިއަދު ވަޒީފާ އަދާ ކުރަމުންގެދާ އެންމެހާ މުވައްޒަފުންގެ ވެސް އާދޭހެކެވެ. އަދި އެދުމެކެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.