އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ހދ. އަތޮޅު ސުކޫލްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ އަތޮޅުގެ ހަ ރަށެއްގެ ސުކޫލަށް ޒިޔާރަތްކުރައްވައިފިއެވެ.
މިނިސްޓަރު އިއްޔެ ޒިޔާރަތްކުރެއްވީ ނާވައިދޫ، ނެއްލައިދޫ، ކުރިނބީ، ނޭކުރެންދޫ، ވައިކަރަދޫ އަދި މަކުނުދޫ ސްކޫލަށެވެ. މިނިސްޓްރީން ހާމަކުރާ ގޮތުގައި މިނިސްޓަރުގެ މި ދަތުރުފުޅަކީ ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރައްވައި އޭގެ މައުލޫމާތު ހިއްސާކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ސްކޫލްތަކުގެ ސީނިއަރ މެނޭޖްމަންޓާއި ޓީޗަރުންނާއި ސްކޫލް ބޯޑާއި ޕީޓީއޭ ހިންގާ ކޮމިޓީގެ އިތުރުން މި ރަށްރަށުގެ ރަށުކައުންސިލްގެ ބައެއް މެންބަރުންނާ މިނިސްޓަރ ބައްދަލުކުރެއްވިއެވެ.
ބައްދަލުކުރެއްވުންތަކުގައި މިނިސްޓަރު ވަނީ މި ސަރުކާރުން ގެންގުޅުއްވާ ތައުލީމީ ސިޔާސަތުގެ މައުލޫމާތު އެފަރާތްތަކާ ހިއްސާކުރައްވާފައެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފައިވެއެވެ.
ތިން ދުވަހުގެ މުއްދަތަށް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ހދ އަތޮޅުގެ ސްކޫލްތަކަށް ކުރައްވަމުން ގެންދާ މިދަތުރުފުޅުގައި މިއަދު ހަތަރު ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި އޭއީ ކުމުންދޫ، ކުޅުދުއްފުށި، ނޮޅިވަރަމް އަދި ނޮޅިވަރަމްފަރު ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު މިދިޔަ ހުކުރު ދުވަހު ވަނީ ފިނޭ އާއި، ހިރިމަރަދޫ އަދި ހަނިމާދޫ އަށް ޒިޔާރަތްކުރައްވާފައެވެ.