އިބިލީހުގެ ވަސްވާހުގައި އާދަމްގެފާނުގެ ދެކަނބަލުން ޖެހިވަޑައިގަތް ގޮތުގެ ވާހަކަ!

ކީރިތިވަންތަ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމްގެފާނުގެ ދެކަނބަލުން ސުވަރުގޭގައި ވަޒަންވެރިކުރެއްވުމުން އެދެކަނބަލުން ސުވަރުގޭގައި އުފާ ފާގަތިކަން މަތީ ދިރިއުޅުއްވަމުން ގެންދެވިއެވެ. އިބިލީސް މަސައްކަތްކުރަމުން ގެންދިޔައީ، އެދެކަނބަލުންނާއި ހަމައަށް ގޮސް އެދެކަނބަލުން މަގުފުރައްދާނޭ ކަމެއް ކުރެވޭތޯ މަސައްކަތްކުރަމުންނެވެ. އެގޮތަށް އިބިލީސް މަސައްކަތްކުރަމުން ދަނިކޮށް އެއްފަހަރަކު އިބިލީހަށް އެދެކަނބަލުންގެ އަރިހަށް ދެވިއްޖެއެވެ. އެވަޤުތު އިބިލީސް ވަޤުތުގެ ބޭނުންކޮށްފައި އެދެކަނބަލުންނަށް ދެންނެވިއެވެ.

ތިޔަ ދެކަނބަލުންނަށް ވަރަށް ފައިދާ ހުރި ރަނގަޅު އެއްޗެއް ތިމަން ތިޔަ ދެކަނބަލުންނަށް ދައްކަން ބޭނުމެވެ. އެއީ ތާއަބަދަށް ދެމިހުންނަނިވި ގަހަކާއި ބަދަލުވުމެއް ނުވާ ވެރިކަމެކެވެ. މިކަމަށް އިޝާރާތްކުރައްވައި މާތްﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “فَوَسْوَسَ إِلَیْهِ الشَّیْطَانُ قَالَ یَا آدَمُ هَلْ أَدُلُّکَ عَلَى شَجَرَةِ الْخُلْدِ وَمُلْکٍ لا یَبْلَى ﴿طه 120 ﴾” މާނައީ:” ފަހެ ޝައިޠާނާ އެކަލޭގެފާނަށް ވަސްވާސްދީ ބުންޏެވެ. އޭ އާދަމްގެފާނެވެ! (އެގަހުން ފަރިއްކުޅުވައފިނަމަ ކަލޭގެފާނު އަބަދަށް ދެމި ހުންނާނެއެވެ.) ޝަޖަރަތުލްޚުލްދު ގަހާއި، ފަނާވެގެންނުދާނޭ ވެރިކަމެއް ކަލޭގެފާނަށް ތިމަން ދައްކަންތޯއެވެ؟”

ދެން ފަހެ އާދަމްގެފާނު އިބްލީހަށް ބައްލަވާ ލައްވާފައި އެއީ ކޮން ގަހެއްތޯ ސުވާލުކުރެއްވިއެވެ. އެއަށްފަހު އެ އިބިލީހުގެ އިޝާރާތުން އެކަލޭގެފާނަށް ދެއްކީ އެދެކަނބަލުންގެ ވެރި ރަސްކަލާނގެ، އެދެކަނބަލުންނަށް އެގަހަކާ ކައިރިވުން ނަހީކުރައްވާފައިވާ ގަހެވެ. ފަހެ އާދަމްގެފާނު އެ އިބިލީހުގެ ބަހެއް ޤަބޫލެއް ނުކުރެއްވިއެވެ. އެހެންކަމާއި އެކުވެސް އިބިލީސް މާޔޫސްއެއް ނުވެއެވެ. އަދި ކިއެއްތަ! އިބިލީސް އެކަލޭގެފާނަށް ދެންނެވިއެވެ. ތިޔަ ދެކަނބަލުންގެ ވެރި ރަސްކަލާނގެ، ތިޔަ ދެކަނބަލުންނަށް އެގަހާއި ކައިރިވެ ވަޑައިގަތުން މަނާކުރައްވާ ނަހީކުރައްވާފައި ވަނީ އެގަހާއި ތިޔަ ދެކަނބަލުން ކައިރިވެ ވަޑައިގެން އެގަހުން ފަރިއްކުޅުވައިފިނަމަ ތިޔަ ދެކަނބަލުން ދެ މަލާއިކަތުންނަށް ވެވަޑައިގެންފާނެތީއެވެ. ނުވަތަ ތިޔަ ދެކަނބަލުން އަބަދަށް ދިރިދެމި ތިއްބަވާފާނެތީއެވެ.

މިކަމަށް އިޝާރާތްކުރައްވައި ކީރިތި ވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “فوسوس لهما الشيطن ليبدى لهما ما ورى عنهما من سوء تهما وقال ما نحكما عن هذه الشّجرة إلّا أن تكونا ملكين أو تكونا من الخالدين” (سورة الأعراف 20) މާނައީ: ” ދެން ފަހެ އެދެކަނބަލުންގެ ޢައުރައިން، އެދެކަނބަލުންނަށް ނިވައިވެގެންވާތަން، ފާޅުކުރުމަށްޓަކައި، އެދެކަނބަލުންނަށް ޝައިޠާނާ ވަސްވާސް ދިނެވެ. އަދި އިބިލީސް ދެންނެވިއެވެ. ތިޔަ ދެކަނބަލުން ދެ މަލާއިކަތުން ކަމުގައި ވެދާނެ ކަމަށްޓަކައި ނުވަތަ އަބަދަށް ދެމި ތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެ ކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަ ދެކަނބަލުން އެގަހާއި ކައިރިވެ ވަޑައިގަތުން ނަހީ ކުރައްވާ މަނައެއް ނުކުރައްވައެވެ. ” އެއަށްފަހު އާދަމްގެފާނު އެ އިބިލީސް ބުނާ އެއްޗެއްގެ އަޑު ނާއްސަވައި ދުރަށް ވަޑައިގަތެވެ.

ދެން އިބިލީސް އަވަސް އަވަހަށް އެކަލޭގެފާނުގެ ފަހަތްޕުޅުން ދުވަމުން ދިޔައެވެ. އަދި އިބިލީސް ﷲ ގަންދީ ޙުވާކޮށްފައި އެދެކަނބަލުންނަށް ދެންނެވީ ހަމަކަށަވަރުން ތިމަންނާއަކީ ތިޔަ ދެކަނބަލުންނަށް ނަޞޭޙަތްތެރިވާ މީހަކީމެވެ.

 މިކަމަށް އިޝާރާތްކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “وَقَاسَمَهُمَا إِنِّي لَكُمَا لَمِنَ النَّاصِحِينَ (سورة الأعراف 21) ” މާނައީ:” އަދި އިބިލީސް ހުވާކޮށްފައި، އެދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން ތިމަން ވަނީ ތިޔަ ދެކަނބަލުންނަށް ހެޔޮ ނަޞޭޙަތްދޭ މީހުންގެ ތެރެއިން ކަން ކަށަވަރެވެ.”

ދެންފަހެ އިބިލީސް މާތްﷲ ގަންދީ ޙުވާކުރުމުން އާދަމްގެފާނާއި ޙައްވާގެފާނާއި ދެކަނބަލުން، އެދެކަނބަލުންގެ އަމިއްލަ ނަފްސަށް ވިދާޅުވިއެވެ. އެއްވެސް މީހަކު މާތްﷲ ގަންދީ ދޮގު ޙުވައެއް ނުކުރާނެއެވެ. އެހެންކަމުން އިބިލީސް ﷲ ގަންދީ އެބުނާ ވާހަކައަކީ ތެދު ވާހަކައެއް ކަމުގައި މެނުވީ ނުވާނެއެވެ.

އިބިލީސް މާތްﷲ ގަންދީ ޙުވާކޮށްފައި އޭނާ އެބުނަނީ ތެދެއްކަމަށް ބުނުމުން އާދަމްގެފާނާއި ޙައްވާގެފާނަށް އިބިލީސް އެހަދަނީ ތެދުކަމަށް ޤަބޫލުކުރެވި މާތްﷲ އެދެކަނބަލުންނަށް ނަޙީކުރައްވާފައިވާ ގަހުގެ މޭވާ ފަރިއްކުޅުވިއެވެ.

ދެން ފަހެ އެދެކަނބަލުން ފަރިއްކުޅުވި މޭވާ އެދެކަނބަލުންގެ އެތެރެ ހަށިކޮޅަށް ވާޞިލްވުމުން އެދެކަނބަލުންގެ ހަށިކޮޅަށް ބައްލަވާލެއްވި ހިނދު އެދެކަނބަލުންގެ ހަށިކޮޅުގައި ފޭރާމެއްނެތި ވާ ޙާލުކޮޅުގައި ދެކެވަޑައިގަތެވެ. އަދި އެދެކަނބަލުން ވަރަށް ބޮޑަށް ލަދުފުޅުގެން ވަޑައިގެން ސުވަރުގޭގެ ބަގީޗާގައިވާ ފަތް ބޮޑެތި ގަސްގަހުން ފަތް ކަނޑުއްވައިގެން އެދެކަނބަލުންގެ ހަށިކޮޅު އެބޮޑު ލަދުވެތިކަމުން ނިވާކުރައްވައި ފޮރުއްވިއެވެ. އަދި މާތްﷲއަށް ލަދުވެތިވެ ވަޑައިގެންނެވިލެއް ބޮޑުކަމުން ފިއްލަވަން ދުރަށް ވަޑައިގެންނެވިއެވެ. އެހެންނަމަވެސް ﷲ އެދެކަނބަލުންނަށް ބައްލަވާ ވޮޑިގެންވެއެވެ. އަދި އެދެކަނބަލުން ﷲގެ އަމުރުފުޅާއި ޚިލާފުވެ ވަޑައިގެން އެދެކަނބަލުންނަށް ނަޙީކުރައްވާ ޙަރާމްކުރައްވާފައިވާ ގަހުން ފަރީއްކުޅުއްވިކަންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.

އާދަމްގެފާނު ފިއްލަވަން ދުރަށް ވަޑައިގަންނަވަނިކޮށް މާތްﷲ ވަޙީކުރެއްވިއެވެ.” އޭ އާދަމްގެފާނެވެ! ކަލޭގެފާނު ތިމަންރަސްކަލާނގެ ޙަޟްރަތުން ފިއްލަވަން ވަޑައިގަންނަވަނީތޯއެވެ!” އާދަމްގެފާނު ދެންނެވިއެވެ.” އޭ މިއަޅާގެ ވެރި ރަސްކަލާކޯއެވެ. ނޫނެކެވެ. އިބަރަސްކަލާނގެއީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެހެންނަމަވެސް އިބަރަސްކަލާނގެ ރަސްކަންފުޅު ދެކެ ލަދުވެތިވާލެއް ބޮޑުކަމުން ފިއްލަވަން ވަޑައިގަންނަވަނީއެވެ.”

މިކަމަށް އިޝާރާތްކުރައްވައި ކީރިތި ވަންތަ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ” فَدَلَّاهُمَا بِغُرُورٍ فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْآَتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِنْ وَرَقِ الْجَنَّةِ وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَنْ تِلْكُمَا الشَّجَرَةِ وَأَقُلْ لَكُمَا إِنَّ الشَّيْطَانَ لَكُمَا عَدُوٌّ مُبِينٌ “(سورة الأعراف 21) މާނައީ:”މަކަރުވެރިކަމުން އިބިލީސް އެދެކަނބަލުން ހަލާކުގެ ތެރެއަށް ވައްޓާލިއެވެ. ދެންފަހެ އެދެކަނބަލުން އެގަހުން ރަހަ ބެއްލެވި ހިނދު އެދެކަނބަލުންގެ ޢައުރަ އެދެކަނބަލުންނަށް ފާޅުވެއްޖެއެވެ. އަދި އެދެކަނބަލުން ސުވަރުގޭގެ ގަހުގެ ފަތްތަކުން ޢައުރަ ނިވާކުރެއްވުމަށް އަވަސްވެ ވަޑައިގަތެވެ. އަދި އެދެކަނބަލުންގެ ވެރި ރަސްކަލާނގެ އެދެކަނބަލުންނަށް ނިދާ އިއްވެވިއެވެ. އެގަހާއި ކައިރިވެ ވަޑައިގަތުން ތިމަންރަސްކަލާނގެ ތިޔަ ދެކަނބަލުންނަށް ނަޙީނުކުރައްވަން ހެއްޔެވެ؟ އަދި ހަމަކަށަވަރުން ޝައިޠާނާއީ ތިޔަ ދެކަނބަލުންނަށް ބަޔާންވެގެން ހުރި ޢަދާވާތްތެރިއެއް ކަމަށް ވަހީއެއް ނުކުރައްވަން ހެއްޔެވެ؟”

ފަހެ އެހިނދު އާދަމްގެފާނާއި ޙައްވާގެފާނު މާތްﷲގެ ޙަޟްރަތުގައި ދެންނެވިއެވެ.” އޭ އަޅަމެންގެ ވެރި ރަސްކަލާކޯއެވެ! އަޅަމެންނަށް ޢަފޫކޮށް ދެއްވާނދޭވެ! އަޅަމެންގެ ފާފަ ފުއްސަވައި ދެއްވާނދޭވެ!

ދެން މާތްﷲ އެދެކަނބަލުންނަށް ބަސް ވަޙީކުރައްވާ ނިދާ އިއްވެވިއެވެ. ތިމަންރަސްކަލާނގެ ތިޔަ ދެކަނބަލުންނަށް ކަމެއް ނުކުރެއްވުމަށް އަމުރުކުރެއްވީމެވެ. ފަހެ ތިޔަ ދެކަނބަލުން ތިމަންރަސްކަލާނގެ އަމުރުފުޅަށް އުރެދިއްޖައީމެވެ.

ދެންފަހެ އާދަމްގެފާނާއި ޙައްވާގެފާނު ﷲގެ ޙަޟްރަތުގައި ދެންނެވިއެވެ. މިކަމަށް އިޝާރާތްކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. ” قَالَا رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ  “(سورة الأعراف 23) މާނައީ:” އެދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރިވެއްޖައީމެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފި ނަމަ އަދި ރަޙުމަތް ނުލައްވައިފިނަމަ އަޅަމެން ވާ ހުށީ ގެއްލެނި ވެގެންވާ މީހުންގެ ތެރެއިންނެވެ.”

ދެންފަހެ މާތްﷲ އާދަމްގެފާނަށް ވަޙީކުރެއްވިއެވެ. “ތިމަންރަސްކަލާނގެ ކަލޭގެފާނަށް ސުވަރުގެ ދެއްވިމެވެ. އަދި ކަލޭގެފާނު އެދިވަޑައިގަންނަވާ ކޮންމެ އެއްޗެއް ދެއްވީމެވެ. ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދަރުމަވަންތަވެ ވޮޑިގެން ދެއްވި ތަކެއްޗާއި ނިޢުމަތް ތިމަންރަސްކަލާނގެ ނަޙީކުރައްވާ ޙަރާމްކުރެއްވި ގަހާ ނުލާވެސް ކަލޭގެފާނަށް ފުދޭ ނޫންތޯއެވެ؟”

ދެންފަހެ އާދަމްގެފާނު ވަރަށް އަދަބުވެރިކަމާއި އެކު ﷲގެ ޙަޟްރަތުގައި ދެންނެވިއެވެ. “އިބަރަސްކަލާނގެ ޖަލާލުވަންތަކަމާއި ޢިއްޒަތްވަންތަކަން ގަންދެއްވާ ދަންނަވަމެވެ. އެއްވެސް މީހަކު އިބަރަސްކަލާނގެ ގަންދީ ދޮގު ހުވާ ކޮށްފާނޭ ކަމަށް ތިމަންކަލޭގެފާނު އެއްގޮތަކަށްވެސް ހީފުޅެއްނުކުރައްވަމެވެ. ”

ކީރިތިވަންތަ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމްގެފާނަށް ވަޙީކުރެއްވިއެވެ.” ފަހެ ތިމަންރަސްކަލާނގެ ގަދަ ކީރިތިވަންތަ ކަމާއި ޢިއްޒަތްވަންތަކަން ގަންދެއްވާ ވަޙީކުރައްވަމެވެ. ހަމަކަށަވަރުން ކަލޭގެފާނު ބިމަށް ފައިބާ ވަޑައިގަންނަވާ ހުށިކަމެވެ! އަދި ކަލޭގެފާނަށް ވަރުބަލިފުޅުވުމާއި ދާފޮދު އޮހޮރުވައިގެން މެނުވީ ރަނގަޅު ދިރިއުޅުއްވުމެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. ”

މިކަމަށް އިޝާރާތްކުރައްވައި މާތްﷲ އާދަމްގެފާނަށާއި ޙައްވާގެފާނަށާއި އިބިލީހަށް ބަސް ވަޙީކުރެއްވިއެވެ. “قَالَ اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَى حِينٍ (٢٤) قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ (٢٥)” (سورة الأعراف 24-25) މާނައީ:”އެކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާއި ޢަދާވާތްތެރިންގެ ކަމުގައިވަ ޙާލު ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި ޤަރާރުވެ ތިބެނިވި ތަނަކާއި ހިނދުކޮޅަކަށް ދުނިޔޭގެ ވަޤުތީ އުފަލެއްވެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ދިރިއުޅޭ ހުށީ އެތާނގައެވެ. (އެބަހީ:ބިމުގައެވެ.) އަދި މަރުވާ ހުށީވެސް އެތާނގައެވެ. އަދި (ޤިޔާމަތްދުވަހުން ދިރުއްވައި) ނެރުއްވާހުށީވެސް އެތަނުންނެވެ.”

ދެންފަހެ އާދަމްގެފާނު ވަރަށް ބޮޑަށް ހިތާމަފުޅުކުރެއްވިއެވެ. އެއީ މާތްﷲ އެކަލޭގެފާނު ދެކެ ކޯފާވެ ވޮޑިގެން އެކަލޭގެފާނު ސުވަރުގެއިން ނެރެލެއްވުމުންނެވެ. ފަހެ އާދަމްގެފާނު ވަރަށް ބޮޑަށް ހިތާމަފުޅު ކުރައްވައި ކީރިތި ކުރައްވަން ފެއްޓެވިއެވެ.

ފަހެ އެހިނދު މާތްﷲ އެކަލޭގެފާނަށް އިލްޙާމްކުރެއްވީ އަންނަނިވި ދުޢާ ތަކުރާރުކޮށް އެކަލާނގެ ޙަޟްރަތުގައި ދެންނެވުމަށެވެ. “ އޭ މިއަޅާގެ ވެރިރަސްކަލާކޯއެވެ! މިއަޅާގެ ފާފަ ފުއްސަވާނދޭވެ!” އާދަމްގެފާނު މިދުޢާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނިކޮށް މާތްﷲ އާދަމްގެފާނުގެ ތަޢުބާ ޤަބޫލުކުރައްވައިފިއެވެ. އަދި އެކަލޭގެފާނު މަޢާފްކޮށް ދެއްވައިފިކަންވެސް އަންގަވައިފިއެވެ.

މިކަމަށް އިޝާރާތްކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. “فَتَلَقَّى آَدَمُ مِنْ رَبِّهِ كَلِمَاتٍ فَتَابَ عَلَيْهِ إِنَّهُ هُوَ التَّوَّابُ الرَّحِيمُ” ( سورة البقرة  ٣7) މާނައީ:”ދެން ފަހެ އާދަމްގެފާނު އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ކަލިމަފުޅުތަކެއް ބާވައިގަންނަވައި (އެ ކަލިމަފުޅުތައް ވިދާޅުވެ، ތަޢުބާވެ ވަޑައިގަތުމުން) އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް ތައުބާލައްވައިފިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ތަޢުބާ ޤަބޫލުކުރައްވައި ރަޙީމްވަންތަ ރަސްކަލާނގެއެވެ.”

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.