ކުޅުނު ދެ ވަނަ މެޗުން ވެސް ޕީއެސްޖީ ބަލިވިއިރު، އިތުރު ވަގުތު 5 ރަތް ކާޑު

ފްރާންސް ލީގުގެ އާ ސީޒަންގައި ޕީއެސްޖީ ކުޅުނު ދެ ވަނަ މެޗުން އޮލިމްޕިކް މާސެއިލް އަތުން 1-0 އިން ބަލިވިއިރު، މެޗު ނިމިގެން ދިޔައީ ފަހު ވަގުތު 5 ރަތް ކާޑު ފެނިގެންނެވެ. ރޭ ކުޅުނު މެޗުން ޕީއެސްޖީ ބަލިވިއިރު، އެ ޓީމު ވަނީ ލީގުގެ ފުރަތަމަ މެޗުން ވެސް ބަލިވެފައެވެ.

ލީގުގެ ފުރަތަމަ މެޗުގައި ލެންސް އަތުން ބަލިވިއިރު، އެކިއެކި ސަބަބުތަކާ ހުރެ ޕީއެސްޖީގެ މުހިންމު 7 ކުޅުންތެރިން ޓީމުގައި ނުހިމެނުނެވެ. އެ މެޗާ ޚިލާފަށް ރޭގެ މެޗުގައި، ކޯވިޑް-19 އިން ރަނގަޅު ވެގެން ނޭމާ ކުޅެން ނުކުތެވެ. އެހެނަސް އޭނާއަށް ވެސް މާކަ ބޮޑު ކަމެއް ނުކުރެވުނުއިރު، ފަހު ވަގުތު ރަތް ކާޑު ދެއްކި 5 ކުޅުންތެރިންގެ ތެރޭގައި ނޭމާ ހިމެނެއެވެ.

ފާއިތު ސީޒަންގައި ޕީއެސްޖީ އަތުން 4-0 އިން ބަލިވި މާސެއިލް އިން ރޭގެ މެޗުގައި ޕީއެސްޖީގެ މައްޗަށް ކުރި ހޯދިއިރު، ރޭގެ މެޗު ކުޅުނީ ޕީއެސްޖީގެ ދަނޑުގައެވެ. އަދި ޒަމާންތަކަކަށްފަހު ރޭގެ މެޗުގައި ވަނީ މަދު އަދަދެއްގެ ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގެ ފުރުސަތު ދީފައެވެ.

ރޭގެ މެޗު ފެށުނީ ވެސް ފޯރިގަދަކޮށެވެ. މެޗުގެ 2 ވަނަ މިނިޓުގައި ޕީއެސްޖީގެ ޑި މަރީއާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް މާސެއިލްގެ ގޯލްކީޕަރ މަންޑަންޑާ ދިފާއު ކުރިއިރު، އެއާ ވިދިގެން އައި ދެ ވަނަ ހަމަލާގައި ޕީއެސްޖީގެ ކަމަރާގެ އަތުގައި ބޯޅަ ޖެހުނެވެ. އެހެނަސް ހޭންޑް ބޯލް އަކަށްވުރެ ބޮޑަށް ބޯލް ހޭންޑްއެއް ކަމަށް ބަލާ، ޕީއެސްޖީން ޕެނަލްޓީ އަކަށް ކުރި އެޕީލްއަށް ރެފްރީ ކުރީ އިންކާރެވެ. އެ ހަމަލާއަށްފަހު ވެރާޓީ ވެސް ރަނގަޅު ހަމަލާއެއް އުފެއްދިއެވެ. އެހެނަސް އެ ބޯޅަ ވެސް މާސެއިލް ގޯލް ކީޕަރ ވަނީ ދިފާއު ކޮށްފައެވެ.

ރޭގެ މެޗު ހޫނު ވާން ފެށީ މާސެއިލްގެ ޑިމިޓްރީ ޕަޔެޓް އަށް ނޭމާ ކުރި އާދައިގެ ފައުލް އަކާ ހިސާބުންނެވެ. އެ ފައުލްއަށްފަހު ދެ ކުޅުންތެރިންގެ ދެމެދުގައި ކުޑަ ހަމަނުޖެހުމެއް ހިނގައި، ރެފްރީ ދެ ކުޅުންތެރިންނަށް ވެސް ރީނދޫ ކާޑު ދެއްކިއިރު، ޕަޔެޓް އަކީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޕީއެސްޖީ ބަލިވުމުން ޖޯކު ޖަހާފައިވާ ޓްވީޓްއެއް ރިޓްވީޓް ކޮށްފައިވާ، ޕީއެސްޖީ ރުޅިވެރިކަން އަމާޒުވެފައިވާ ކުޅުންތެރިއެއްކަން ފާހަގަކޮށްލެވެއެވެ.

އޭގެ އިރުކޮޅެއް ފަހުން ޕަޔެޓް ވަނީ ފުރިހަމަ އެސިސްޓަކުން ނޭމާއަށް ރައްދު ދީފައެވެ. ރޭގެ މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 31 ވަނަ މިނިޓުގައި ތައުވިން ކާމިޔާބު ކުރީ، ލިބުނު ހިލޭ ޖެހުމަކުން ޕަޔެޓް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ޖަހައެވެ. އެ ލަނޑު އޮފްސައިޑް ނޫންކަމަށް ޔަގީންކުރަން ވީއޭއާރ އިން ގިނަ އިރުތަކެއް ނެގިއެވެ.

ފުރަތަމަ ހާފު މާސެއިލް އިން ލީޑުގައި އޮވެ ނިންމާލިއިރު، ޕީއެސްޖީން ވަނީ ދެ ވަނަ ހާފުގައި ކުޅުން ވަރުގަދަކޮށް ގިނަ އަދަދެއްގެ ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ. އެހެނަސް ޕީއެސްޖީއަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން އެ ކްލަބްގެ ހުނަރުވެރި ކުޅުންތެރިންނަށް ނުހިފުނެވެ.

އަނެއްކޮޅުން ރޭގެ މެޗުގެ ކުރިން މި ދެ ކްލަބް އެންމެ ފަހުން ބައްދަލުކުރި 20 މެޗުން އެންމެ މޮޅެއް ވެސް ހޯދިފައިނުވާ މާސެއިލް މޮޅަކަށް އެދި ޑިފެންސް ވަރުގަދަ ކުރިއިރު، ފަހުކޮޅަށް ދިޔަވަރަކަށް މެޗު ދިޔައީ ހޫނުވަމުންނެވެ. މެޗު ހޫނުވުން ގޯސްވެ ހުޅުގަނޑު ފަޅައިގެން ދިޔައީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ.

އިތުރު ވަގުތުގެ 6 ވަނަ މިނިޓުގައި މާސެއިލްގެ ޑިފެންޑަރ އަލްވާރޯ ބައިކޮޅުން ގޯލު ކުރިމަތިން ޖެހުމަކަށް ބޯޅަ ބޭރުވާން ދޫކޮށްލިއިރު، ކައިރީގައި ބޯޅަ ހޯދަން ވިއްދާފައިހުރި ނޭމާ ވަނީ ބޯޅަ ބޭރުވުމާއެކު އަލްވާރޯ ކޮށްޕާލާފައެވެ. މިއާއެކު އަލްވާރޯ ވަނީ ހިނިގަނޑެއް ޖަހާލުމަށްފަހު ނޭމާ ކައިރިއަށް ގޮސް ނޭމާއަށް ބަހުގެ ހަމަލާތަކެއް ދީފައެވެ. އެހާ ހިސާބުން މައްސަލަ ގޯސްވެ، ދެ ޓީމުގެ ކުޅުންތެރިން ވަނީ ގަޔަށް އަތްލާ ހަމަނުޖެހުން ހިންގާފައެވެ.

ހަމަނުޖެހުންގަނޑަށްފަހު ރެފްރީ އެންމެ ފުރަތަމަ ރަތް ކާޑު ދެއްކީ މާސެއިލްގެ އަމަވީ އަށެވެ. އެއަށްފަހު ޕީއެސްޖީގެ ކަރްޒާވާ އަށެވެ. އެއަށްފަހު ޕަރަޑެސް އަދި ބެނެޑެއްޓޯގެ އިތުރުން، ވީއޭއާރ ރިވިޔުއަށްފަހު ނޭމާ އަށް ވެސް ދެ ވަނަ ރީނދޫ ކާޑަކާއެކު ވަނީ ރަތް ކާޑު ދައްކާފައެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.