fbpx

ލަލީގާގެ އާ ގަވާއިދުގެ ދަށުން އާ ސީޒަން ފަށާއިރު ރީނދޫ ކާޑު ހަމަވި އެއްވެސް ކުޅުންތެރިއަކު ސަސްޕެންޝަންގައި ނުހުންނާނެ

މި މަހުގައި ލަލީގާގެ އާ ސީޒަން ފެށުމަށް ތައްޔާރުވަމުން އަންނައިރު، ލަލީގާއިން ވަނީ އައު ސީޒަނާ ދިމާކޮށް ޑިސިޕްލިނަރީ ކޯޑަށް ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކަށް ސްޕެއިން ސަރުކާރުގެ ސްޕޯޓްސް ކައުންސިލުން އާނ ބަސް ލިބިފައިވުމުން ކުރިއަށް ސީޒަންގައި ލަލީގާ އިން މި އުސޫލުތަކަށް އަމަލުކުރާނެއެވެ.

މި ގޮތުން މި ބަލާލަނީ ސްޕެނިޝް ލީގުގެ އައު ސީޒަނާއެކު އަމަލުކުރަން ފަށާނެ އާ ގަވާއިދުތަކަށެވެ.

ރީނދޫ ކާޑު ހަމަވެގެން ސަސްޕެންޝަންގައި ތިބި ކުޅުންތެރިން:-

ލަލީގާގެ އާ އުސޫލާއެކު ފާއިތުވި ސީޒަންގައި ރީނދޫ ކާޑު ހަމަވެ ސަސްޕެންޝަންގައި ތިބެ ސީޒަން ނިންމާލި ކުޅުންތެރިން ވެސް އާ ސީޒަން ފަށާނީ ސާފު ރެކޯޑަކާއެކުގައެވެ. މާނައަކީ ރީނދޫ ކާޑު ހަމަވެގެން ސަސްޕެންޝަންގައި ތިބެ ފާއިތުވި ސީޒަން ނިންމާލި ކުޅުންތެރިންނަށް ވެސް މި ސީޒަންގެ ފުރަތަމަ މެޗުގައި ސަސްޕެންޝަން ފުރިހަމަ ކުރަން ނުޖެހުމެވެ. ކްލަބުން ކުޅޭ ފުރަތަމަ މެޗުގައި ވެސް ކުޅުމުގެ އެއްވެސް ހުރަހެއް ނެތުމެވެ. މީގެ ކުރިން ލަލީގާއިން އަމަލުކުރަމުން އައި ގޮތަކީ، 5 ރީނދޫ ކާޑު ހަމަވުމުން، ޖެހިގެން އަންނަ މެޗުގައި އެ ކުޅުންތެރިއަކަށް ނުކުޅެވުމެވެ. އަދި ސީޒަންގެ އެންމެ ފަހު މެޗުގައި ކުޅުންތެރިއަކު 5 ވަނަ ކާޑު ހޯދި ނަމަވެސް، ޖެހިގެން އަންނަ ސީޒަންގައި އެ ކްލަބެއް ކުޅޭ މެޗެއްގައި އެ ކުޅުންތެރިއަކަށް ނުކުޅެވުމެވެ. އެހެނަސް މިހާރު މި ވަނީ މި އުސޫލު ބަދަލުކޮށްފައެވެ.

 

ކާޑުގެ ސަބަބުން ކަޕްގެ ފައިނަލް މެޗު ނުގެއްލޭނެ:-
މީގެ ކުރިން ލަލީގާއިން އަމަލު ކުރަމުން އައި ގޮތާ ޚިލާފަށް މި ސީޒަންގެ ސްޕެނިޝް ކަޕްގައި ކުއާޓާ ފައިނަލާ ހިސާާބުން ދައްކާ ކާޑުތައް މާފުވާނެއެވެ. މާނައަކީ ކުޅުންތެރިއަކަށް ސެމީ ފައިނަލް މެޗުގައި ކާޑެއް ދެއްކި ނަމަވެސް، އެއާ ގުޅިގެން ސަސްޕެންޝަންއެއް ނައުމާއި، ފައިނަލަށް ގޮސްފިނަމަ އެ ކުޅުންތެރިއަކަށް ފައިނަލް މެޗުގައި ވެސް ކުޅުމުގެ ފުރުސަތު އޮތުމެވެ.

ގަސްތުގައި ކާޑު ހޯދައިފިނަމަ ލިބޭ އަދަބު:-
ލަލީގާގެ ސީޒަނެއްގައި ކުޅުންތެރިއަކަށް ފަސް ރީނދޫ ކާޑު ދައްކައިފިނަމަ، ފަސްް ވަނަ ރީނދޫ ކާޑު ދެއްކި މެޗާ ޖެހިގެން ދެން އޮންނަ މެޗުގައި އެ ކުޅުންތެރިއަކަށް ނުކުޅެވެއެވެ. ރަތް ކާޑެއް ދައްކައިފިނަމަ ވެސް ކުރިއަށް އޮތް މެޗަށް ސަސްޕެންޝަން އާދެއެވެ. އެހެންކަމުން މެޗުތަކުގެ ތާވަލަށް ބަލައި، ކުރިއަށް އޮންނަ މުހިންމު މެޗަކާ ދިމާކޮށް ކާޑު ހަމަވެގެން ސަސްޕެންޝަނެއް އަތުވެ، އެ މުހިންމު މެޗުގައި ނުކުޅެވިދާނެކަމަށްޓަކައި ބައެއް ކުޅުންތެރިން ކުރިޔާލާ ރާވައިގެން މުހިންމު މެޗުގެ ކުރިން މެޗެއްގައި ސަސްޕެންޝަން އަންނާނެ ގޮތަށް ގަސްތުގައި ރީނދޫ ކާޑު ހޯދައި ކާޑު ހަމަކޮށްލައެވެ.
ލަލީގާއިން ކުރިއަށް އޮތް ސީޒަނުގައި ކުޅުންތެރިއަކު މިގޮތަށް ގަސްތުގައި ކާޑެއް ހޯދައިފިނަމަ އިތުރު އެއް މެޗަށް ސަސްޕެންޑް ކުރުމާއެކު 600 ޔޫރޯގެ ޖޫރިމަނާއެއް ވެސް ކުރާނެއެވެ. ކުޅުންތެރިއަކު ގަސްތުގައި ކާޑު ހޯދިކަމަށް ނިންމާނީ ހާލަތަށް ބަލައި، ކުޅުންތެރިޔާ ކާޑު ހޯދިގޮތާއި، މުޅި މެޗުގައި އަމަލުތައް ހުރިގޮތް ރެފްރީން ބަލާ ދިރާސާ ކުރުމަށްފަހުގައެވެ.

ފާޑު ކިޔާނަމަ ލިބޭ އަދަބު ބޮޑުވާނެ:-
މުބާރާތުގެ އޮގަނައިޒަރ އަށާއި މެޗު އޮފިޝަލުންނަށް ފާޑު ކިޔުމަކީ ދުނިޔޭގެ ބޮޑެތި ލީގުތަކާއި މުބާރާތްތަކުގައި މިހާރު ވެސް އެކިވަރުވަރުން އަދަބު ދެމުން އަންނަ ކަމެކެވެ. މެޗުގެ އޮފިޝަލުންނާއި ކުޅުންތެރިންނަށް ފާޑުކިޔާ ބަސްބުނާ ކުޅުންތެރިންނަށް ކުރިއަށް އޮތް ލަލީގާގެ ސީޒަންގައި ދޭ އަދަބު ބޮޑުވާނެއެވެ. އެ ފާޑުކިޔުމެއް އަމާޒުކުރީ ދަނޑުމަތީގައި ނުވަތަ ދަނޑުން ބޭރުގައި ކަމަށް ވިޔަސްމެއެވެ. މީޑިޔާގަޔާއި މީސްމީޑިޔާގައި ކިޔާ ފާޑުކިޔުންތަކަށް ވެސް މިކަމުގައި އިތުރަށް ހަރުކަށިކޮށް ލަލީގާއިން އަމަލުކުރާނެއެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.