މެސީ އެންމެ ފަހުން ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

ބާސާގައި އަލުން މަޑު ކުރަން ނިންމި އެ ޓީމުގެ ކެޕްޓަން ލިޔޮނަލް މެސީ ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

އައު ސީޒަނަށް ތައްޔާރުވުމަށް ބާސާއިން މިދިޔަ ހަފުތާގައި ޕްރީ-ސީޒަން ފަށާފައިވާއިރު، މެސީ ބާސާގެ ފަރިތަކުރުންތަކަށް ނުކުމެފައެއް ނުވެއެވެ. އެކަމަކު އިއްޔެ ބާސާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި މެސީ ވަނީ ބައިވެރިވެފައެވެ.

މިދިޔަ ސީޒަނަނަށް ފަހު ބާސާ ދޫކޮށްލަން މެސީ ނިންމި އިރު އެހެން ކުލަބަކުން އޭނާ ހޯދަން ބޭނުން ނަމަ ބާސާ އާއެކު މެސީ ހަދާފައިވާ އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. ނަމަވެސް ބާސާ އިން ވަނީ މެސީ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ލުއިކޮށް ދިނުމަށް އެދުމުން އެކަަމަށް ނޫނެކޭ ބުނެފައެވެ.

މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސް ނުވުމާ ގުޅިގެން، މެސީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނުގައި ބާސާގައި މަޑުކުރުމަށް ނިންމާފައެވެ. ބާސާގައި މަޑުކުރަން ނިންމިކަން އިއުލާންކޮށް މެސީ ދިން އިންޓަވިއުއެއްގައި ބުނީ ބާސާ ދޫކޮށްލަން އޭނާ ބޭނުންވި ކަމަށާއި، އެކަމަކު އޭނާގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްވެފައި ނުވުމާއެކު، ކޯޓަށް ގޮސްގެން ބާސާ ދޫކޮށްލާން މަސައްކަތްކުރަން ބޭނުންނުވާތީ، ކުލަބުގައި މަޑުކުރަން ނިންމީ ކަމަށެވެ. އަދި ބާސާ ގޮވައިގެން އޭނާ ދުވަހަކުވެސް ކޯޓަށް ނުދާނެ ކަމަށާއި، ބާސާ ދޫކޮށްލަން ބޭނުންވި ނަމަވެސް، ކުލަބު ދެކެ އޮންނަ ލޯބި ދުވަހަކުވެސް ކުޑަ ނުވާނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އަންނަ ސީޒަނުގައި ބާސާގައި މަޑުކުރި ނަމަވެސް، އެއްބަސްވުން ހަމަވުމާއެކު އަންނަ ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީ ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.

ބާސާގެ ކޯޗުމަކާއި ކޫމަން ހަވާލުވި ފަހުން މިއީ މެސީ ބައިވެރިވި ފުރަތަމަ ފަރިތަކުރުމެވެ. މެސީ އަދި ކުޓީނިއޯ ވަކިން ފަރިތަކުރުން ކުރިޔަށް ގެންދިޔަ އިރު ބާސާގެ އެހެން ހުރިހާ ކުޅުންތެރިން ފަރިތަކުރީ އެއްކޮށެވެ.

ނެދަލެންޑްސްގެ ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން އަންނަ ސީޒަނަށް ބާސާއިން ތައްޔާރުވަމުން އަންނައިރު، ބާސާއިން ލީގުގައި ފުރަތަމަ މެޗެއް ކުޅޭނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހު ބާސާ ނުކުންނާނީ ވިޔަރެއާލާ ދެކޮޅަށެވެ.

 

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.