fbpx

ޢައިބު ތަކާއި ސިއްރުތައް ހޯދާ ތިބާގެ އަޚާ ފަޟީޙަތް ނުކުރާށެވެ.

މިއަދު އަޅުގަނޑުމެންގެ ތެރޭގައި އިސްލާމްދީނަށް ލޯބިކުރާ އެ ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެމުންދާ އަޚުންނާއި އުޚުތުން ގިނަކަމީ އެކަމަށް ޝުކުރުކޮށް އުފާކުރާ ކަމެކެވެ. އަދި އެކަމަށްޓަކައި ކީރިތިވަންތަ ﷲ އަށް ޙަމްދު ކޮށް ޝުކުރު ވެސް ކުރަން ޖެހެއެވެ. ކުރިޔާއި ޚިލާފަށް މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރާ ފަރާތްތައްވެސް ނިސްބަތުން ގިނަކަން ފާހަގަ ކޮށްލެވެއެވެ.

ކަން މިހެން ހުރިނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އެކަކު އަނެކަކު ފަޟީޙަތްކޮށް ބޭޒާރު ކުރުމާއި އެކަކު އަނެކެމަށް ކެހިދީ ތިމާގެ އަޚާ ނުވަތަ އުޚުތާ ވައްޓާލުމަސްފަހު ތިމާ ކުރިއަރައިގެން ދިޔުމުގެ ނުބައި އާދަތަށް ފެންނަމުން ދަނީ މަދެއްކޮށެއް ނޫނެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. ކަން މިހެން ހުރިއިރު، ދީނަށް ލޯބިކުރާކަމަށް ދައުވާ ކުރަމުން، ދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތް ތިމާގެ ބޭރުފުށުން ފެންނަން ހުންނަ މީހާގެ ކިބައިގައި މިސިފަ ހުރުމަކީ ހިތާމަ ހުރި ކަމެކެވެ. ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ.

ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. مَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ فِي الدُّنْيَا وَالْآخِرَةِ  (رواه مسلم)  މާނައީ” މުސްލިމެއްގެ ޢައިބު ވަންހަނާކޮށްފި މީހެއްގެ ޢައިބު ދުނިޔެއާއި އާޚިރަތުގައި ﷲ ތަޢާލާ ވަންހަނާ ކޮށްދެއްވަވާނެއެވެ.”

އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީވެސް ފާފަ ކުރެވޭނެ މީހެކެވެ. ފާފަ ނުކުރެވޭ އެއްވެސް މީހަކު ނުހުންނާނެއެވެ. ކަން މިހެން އޮތްއިރު، އެހެން މީހުންގެ ޢައިބުތަށް ހޯދާ ފަހަތުން ދުވަންވީ ކީއްވެހެއްޔެވެ. ޚުދު ތިމާގެ ކިބާގައިވެސް ޢައިބުތަކެއް ހުންނާނެ ކަން ދަންނާށެވެ. އެކަން ޚުދު ތިމާއަށް ވެސް އެނގޭނެއެވެ.  އެއިން ކަމެއް މީސްތަކުންނަށް އެނގި ފާޅުވެއްޖެނަމަ ތިމާއަށް ޖެހޭނެ ޙާލާމެދު ވިސްނާލިން ހެއްޔެވެ. ދަންނާށެވެ. އެކަންތައްތައް ދުނިޔެއާއި އާޚިރަތުގައިވެސް ވަންހަނާ ކުރެވުމަށް އެދޭނަމަ މިއަދު އެހެން މުސްލިމުންގެ ސިއްރުތަކާއި ޢައިބުތައް ހޯދައި ބެލުމަށް އެމީހުންގެ ފަހަތުން ފާރަލަމުން ހިނގައި ނޫޅޭށެވެ.

އެހެން މީހުންގެ ސިއްރުތަކާއި ޢައިބުތައް ހޯދަން މަސައްކަތް ކުރުމީ މުސްލިމު އަޚުންނަށް ޖާސޫސު ކުރުމެވެ. މިއީ ކަނޑައެޅިގެން އިސްލާމްދީނުގައި، ކީރިތި ޤުރްއާނުގެ ނައްޞުން ޙަރާމް ކަމެކެވެ.

ސޫރަތުލް ޙުޖުރާތުގެ 12 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. وَلا تَجَسَّسُوا މާނައީ: އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސު ނުކުރާށެވެ!

މި އާޔަތުގެ ތަފްސީރުގައި ޢަބްދުﷲ ބުނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. މިއާޔަތުގައި ﷲ ތަޢާލާ ވަނީ މުއުމިނު އަޅާއަށް އޭނާގެ އަޚާގެ ސިއްރުބެއްލުމަށް ފާރަލައި އުޅުން ނަހީކުރައްވާފައެވެ. [ތަފްސީރު އިބްނު އަބީ ޙާތިމް]

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މުއުމިނުންގެ ސިފަތައް ބަޔާންކޮށްދެއްވައި ޙަދީޘް ކުރެއްވިއެވެ. ” إِيَّاكُمْ وَالظَّنَّ ، فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ ، وَلا تَجَسَّسُوا ، وَلا تَحَسَّسُوا ، وَلا تَبَاغَضُوا ، وَكُونُوا عِبَادَ اللَّهِ إِخْوَانًا “ . މާނައީ؛ ތިޔަބައިމީހުން ހީތަކުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ހީއަކީ އެންމެ ދޮގު ވާހަކައެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސު ނުކުރާށެވެ! އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޙަސަދަވެރި ނުވާށެވެ! އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ރުޅިނުވާށެވެ! އޭ ﷲ ގެ އަޅުތަކުންނޭވެ. ތިޔަބައިމީހުން އަޚުންތަކެއް ކަމުގައި ވާށެވެ.

މިއީ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިރުޝާދެވެ. އެކަލޭގެފާނުގެ އަރިހަށް ގޮސް، ތިމަންނައަށް ޒިނޭކުރެވުނު ކަމަށް އެއްބަސްވެ، އެކަމުގެ އަދަބު ލިބިގަތުމަށް މާޢިޒް ރަޟިޔަﷲ ޢަންހު އަށް މަޝްވަރާދެއްވި ހައްޒާލްއަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. يا هزال لَو سَتَرْتَه بِثَوْبِكَ كَانَ خَيراً لَكَرواه أحمد وغيره، وصححه الألباني މާނައީ؛ އޭ ހައްޒާލުއެވެ. ތިބާގެ ފޭރާމުގެ ތެރެއަށްލައި އޭނާ ފޮރުވިނަމަ، އެކަން ތިބާއަށް ހެޔޮކަން ބޮޑެވެ. އެބަހީ؛ އޭނާގެ އެކަންތައް ސިއްރު ކުރިނަމަ އެކަން ތިބާއަށް ހެޔޮކަން ބޮޑުވީހެވެ.

މުޞައްނަފް ޢަބްދުއްރައްޒާޤްގައި ވެއެވެ. އަބޫބަކުރުއް ޞިއްދީޤް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ވައްކަންކުރާ މީހާއާއި ޒިނޭކުރާ މީހާއާއި ރާބޯ މީހާގެ ކުށް ފޮރުވުމަށް އެބައިމީހުން ވައްދާނެތަނެއް، ތިމަންކަލޭގެފާނުގެ ހެދުންކޮޅު ފިޔަވައި އެހެން ތަނެއް ނުފެނުނު ކަމުގައި ވީނަމަވެސް ތިމަން ކަލޭގެފާނު ލޯބިކުރެއްވީހީ އެބައިމީހުންގެ ކުށް ފޮރުވުމަށެވެ.

ލޮބުވެތި އަޚުންނޭވެ! ތިޔައީ އިސްލާމްދީނަށްޓަކައި ލޯބިކުރާކަމަށް ދަޢުވާ ކުރާ މީހުންނެވެ. ﷲއަށްޓަކައި މައިތިރިވެ، އިސްލާމްދީނުގެ ތަރަހައިގެ ތެރެއަށް ވަންނާށެވެ. މިއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތެވެ. މިއުއްމަތުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެނެސް ދެއްވި މަތިވެރި އަޚްލާޤްގެ ސިފައިން ތިމާގެ އަޚްލާޤް ޒީނަތްތެރި ކުރާށެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން މިހާރަކަށް އައިސް ކުރާކަމަކީ އަނެކާގެ ގޯސްކަތައްތައް ނުވަތަ ސިއްރުތަށް ހޯދައި އަނެކާ ފަޟީޙަތް ކުރުމުމަށް ސޯޝަލް މީޑިއާގައި އެކަން ހާމަކުރުމެވެ.

ވިސްނާލަމާ ހިނގާށެވެ! އެހެން މީހަކު ފަޟީޙަތްކުރުމަށް ތިމާ ފޭސްބުކްގައި އެއް އެއްޗެއް ލިޔެ ހަދާ ކޮމެންޓު ކުރާއިރު މުސްލިމުންގެ ޢިއްޒަތާއި ޤަދަރަކީ ކޮބައިކަން ކުޑަކޮށްވެސް ވިސްނާލަން ތޯއެވެ. ނުވަތަ ތިމާއާމެދު އެފަދަ ވާހަކަތަކެއް ފޭސްބުކުން ނުވަތަ އެހެން ތަނަކުން ފެންނަހިނދު ތިމާގެ ހިތުގައި އުފެދޭނެ ޝުޢޫރުތަކާމެދު ވިސްނާލަން ތޯއެވެ. ތިމާގެ މުސްލިމު އަޚުން ފަޟީޙަތްކޮށް ފޭސްބުކުގައި ލިޔަމުންދާއިރު ނުވަތަ އެހެން ތަންތަނުގައި ލިޔަމުންދާއިރު، ތިމާމެންގެ ސިއްރުތައް ހާމަކުރެއްވުމަށް ކުޅަދުންވަންތަ އިލާހު ބައްލަވައިވޮޑިގެންވާކަން ފަހަރެއްގައިވެސް ހަނދާން ނައްތާނުލާށެވެ.

 

މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ނޫރުލްއިސްލާމް ވެބްސައިޓުންނެވެ.

ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
ހިއްސާ ކުރައްވާ!
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
މި ލިޔުމާމެދު ދެކެނީ ކިހިނެއް؟

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.